Roadha Mihaaru
އިންވޭސިވް މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

އިންވޭސިވް މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

26 ޖޫން 2024

އިންވެންސިވް މެނިންގޯކޮކަލް ބައްޔަށް، ހަ އަހަރުގެ ތެރޭގައި ރާއްޖެ އިން ޖެހުނު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކަނީ ތިން މީހެކެވެ. މީގެ ތެރެއިން ދެ މީހަކަށް މި ބަލި ޖެހުނު ކަމަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ އަހަރެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިންވެންސިވް މެނިންގޯކޮކަލް ބައްޔަށް، ހަ އަހަރުގެ ތެރޭގައި ރާއްޖެ އިން ޖެހުނު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކަނީ ތިން މީހެކެވެ. މީގެ ތެރެއިން ދެ މީހަކަށް މި ބަލި ޖެހުނު ކަމަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ އަހަރެވެ.

ރާއްޖެ އިން މެނިންގޯކޮކަލް ޖެހުނު ތިން ވަނަ މީހަކީ، އެ ބަލީގައި އިއްޔެ ނިޔާވި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) އެވެ. ހައްޖުގެ އަޅުކަމަށް ފަހު ރާއްޖެ އައިތަނާ އޭނާގެ ހާލު މި ބަލީގައި ސީރިއަސްވީ ކުއްލިއަކަށެވެ. ނިޔާވީ، އިމަޖެންސީގައި އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާދެނިކޮށެވެ.

މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

މޯލްޑިވްސް އެސޯސިއޭޝަން ފޯ ހެލްތު އެންޑް އެވެއާނަސްގެ ފައުންޑަރު، އެތެރެހަށީގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ވިދާޅުވީ މެނިންގޯކޮކަލް އަކީ ނިޝީރިއާ މެނިންޖިޓައިޑިސް ނަމަކަށް ކިޔާ ޖަރާސީމަކުން ޖެހޭ ބައްޔެއް ކަމަށެވެ.

އެ ޖަރާސީމުން ދެ ވައްތަރެއްގެ ބައްޔެއް ޖެހެ އެވެ. އެއީ ލޭގެ އިންފެކްޝަނާއި (ސެޕްސިސް) އަދި މެނިންޖައިޓިސް (ސިކުނޑީގެ ވަށައިގެންވާ ފަށަލައިގެ އިންފެކްޝަން) އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއީ ވަރަށް ނުރައްކާތެރި ދެ ބަލި ކަމަށެވެ. އެކަމަކު، ވެކްސިން ޖަހައިގެން އެ ދެ ބަލިން ރައްކާތެރިކަން ހޯދޭނެ ކަމަށް ވިދާޅުވި އެވެ.

މެނިންގޯކޮކަލް ބަލި ފެތުރެނީ ކިހިނެތް؟

މި ބަލި ފެތުރެނީ އެ ބަލި ޖެހިފައިވާ މީހެއްގެ ކުޅު، އެހެން މީހަކަށް ވާސިލްވެގެންނެވެ. އޭގެ އިތުރުން ބަލި ޖެހިފައިވާ މީހަކާ އެކީގައި ދިރިއުޅުމާއި އެކަމުގެ އަސަރުކޮށްފައިވާ މީހަކު ބޭނުންކޮށްފައިވާ ކާތަށި/ފެންބޯ ތަށި، ސަމްސާ، ލިޕްބާމް، ލިޕްސްޓިކް، ދަތް އުނގުޅާ ބުރުސް ފަދަ ތަކެތި ބޭނުން ކުރުމަކީ ވެސް، ޑރ. މުހައްމަދު އަލީ ވިދާޅުވި ގޮތުގައި އެ ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ ކަންކަމެވެ.

ބަލީގެ ނުރައްކާ އޮތީ ކޮން ބަޔަކަށް؟

- އެއް އަހަރުން ދަށުގެ ކުދިން

- އުމުރުން 16 އަހަރާއި 23 އަހަރުގެ މީހުން

- 65 އަހަރުން މަތީގެ މީހުން

- ދިފާއީ ނިޒާމް ބަލިކަށި މީހުން (އެޗްއައިވީ އަދި ކެންސަރު ފަދަ ބަލި ޖެހިފައިވާ މީހުން)

- ބައެއް ބޭސްތައް ބޭނުން ކުރާ މީހުން (އެކުލިޒުމަބް, ރައުލިޒުމަބް)

- މީހުން ގިނައިން އެެއްވެ އުޅޭ ތަންތަނަށްދާ މީހުން

އިންވޭސިވް މެނިންގޯކޮކަލް ބަލީގެ އަލާމަތްތައް

ސެޕްސިސް (ލޭގެ އިންފެކްޝަން)

- ހުން އައިސް ހީކެރުވުން

- ބޭރަށް ހިނގުން/ހޮޑުލެވުން/އޯކާދެމުން

- ވަރުބަލިވުން

- އަތާއި ފައި ފިނިވުން

- ނޭވާލާން އުނދަގޫވާން

- ގައިގައި ރިއްސުން

- ބިހިނެގުން

މެނިންޖައިޓިސް (ސިކުނޑީގެ ވަށައިގެންވާ ފަށަލައިގެ އިންފެކްޝަން)

- ހުންއައުން

- ބޮލުގައި ރިއްސުން

- ކަނދުރާއަށް ވާންއަރާފައި ހުރުން (ވާން އެރުމުގެ ސަބަބުން ބޯ ތިރިކޮށް ދަތްދޮޅި މޭމަތީގައި ނުޖެއްސޭ ވަރަށް ވާންވުން)

- ހޮޑުލެވުން/އޯކަދެމުން

- ވާނުވާނޭނގުން

- އަލި ގަދަވުމުން އުނދަގޫވުން

ޑރ. މުހައްމަދު އަލީ ވިދާޅުވި ގޮތުގައި މި ބަލީގެ ނުރައްކާތެރި ސްޓޭޖަށް ދިއުމުން ގައިގައި ރަތް ކުލައިގެ ކުދި ބިހިތަކެއް ނަގާނެ އެވެ. އެ ބިހިތައް ނަގަން ފަށާއިރު ރަތް, ނޫ, ދަނބުކުލަ ނުވަތަ މުށިކުލައިގައި ހުންނަ ކުދި ބިހިތަކެއް ގޮތުގައި ފެނި، އެ ބިހިތައް ވަރަށް އަވަހަށް ބޮޑެތިވެ ބޮޑު ތަންގަނޑަކަށް ބަދަލުވެގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މެނިންޖައިޓިސް ވެކްސިން ޖެހުމުން މި ބަލިން ރައްކާތެރިކޮށްދެ އެވެ. މެނިންޖައިޓިސް ވެކްސިން އިން ހަށިގަނޑުގެ ދިފާއީބާރު އުފެއްދުމަށް ގާތްގަނޑަކަށް ދެ ހަފުތާ ނަގަ އެވެ. މި ބަލިން ރައްކާތެރިވުމަށް މަދުވެގެން 2 ހަފްތާ ކުރިން ވެކްސިން ޖެހުން މުހިންމު ކަމަށް އެޗްޕީއޭ އިން ބުންޏެވެ.