Roadha Mihaaru
ވިލިނގިލިން އިތުރު މީހަކު ހޯއްގޮވާ ކެއްސުމަށް ޕޮޒިޓިވް

ވިލިނގިލިން އިތުރު މީހަކު ހޯއްގޮވާ ކެއްސުމަށް ޕޮޒިޓިވް ވެއްޖެ

31 ޖެނުއަރީ 2024

ރާއްޖޭގައި ކޮންޓްރޯލް ކޮށްފައިވާ ބައްޔެއް ކަމަށްވާ ހޯއްގޮވާ ކެއްސުމަށް (ޕަޓޫސިސް އަށް) ގއ. ވިލިނގިލިން އިތުރު މީހަކު ޕޮޒިޓިވްވެ، އެ ރަށުން ފެނުނު ކޭސްތަކުގެ އަދަދު ފަހަކަށް އަރައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގައި ކޮންޓްރޯލް ކޮށްފައިވާ ބައްޔެއް ކަމަށްވާ ހޯއްގޮވާ ކެއްސުމަށް (ޕަޓޫސިސް އަށް) ގއ. ވިލިނގިލިން އިތުރު މީހަކު ޕޮޒިޓިވްވެ، އެ ރަށުން ފެނުނު ކޭސްތަކުގެ އަދަދު ފަހަކަށް އަރައިފި އެވެ.

އެޗްޕީއޭ އިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ވިލިނގިލިން ހޯއްގޮވާ ކެއްސުމުގެ އިތުރު މީހަކު މިއަދު ފެނިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން އުމުރެއްގެ މީހެއް ކަމެއް އެ އެޖެންސީން ނުބުނެ އެވެ.

މީގެ ކުރިން ވަނީ ހޯއްގޮވާ ކެއްސުމަށް އެ ރަށުން ހަތަރު ކުޑަކުއްޖަކު ޕޮޒިޓިވްވެފަ އެވެ. އެ ބަލީގެ ކޭސްއެއް އެންމެ ފުރަތަމަ އެ ރަށުން ފެނިފައި ވަނީ މި މަހުގެ 23 ގަ އެވެ.

އެޗްޕީއޭ އިން ބުނީ ވިލިނގިލީގައި މި ބަލި ފެތުރުން މަދުކުރުމަށް ގއ. އަތޮޅު ހޮސްޕިޓަލްގައި ޓާސްކް ފޯހެއް އެކުލަވާލައި ރަށުގެ އެހެނިހެން ސެކްޓަރުތަކުގެ ފަރާތްތަކުގެ އެއްބާރުލުމާ އެކު، ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ އެޖެންސީން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި މި ބަލީގެ ކޮންޓެކްޓުންގެ ގޮތުގައި 177 މީހަކު އެބަތިއްބެވެ. އޭގެ ތެރެއިން 25 މީހެއްގެ ފަރާތުން ވަނީ ބަލީގެ އަލާމަތްތައް ފެނިފަ އެވެ. އަދި އަލާމަތް ހުރެގެން މިހާތަނަށް 46 މީހަކު ޓެސްޓުކޮށްފައިވެ އެވެ. ކޮންޓެކްޓުންގެ ތެރޭގައި ހައި ރިކްސް ދެމީހުން ވެސް ތިބި ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ހޯއްގޮވާ ކެއްސުމާއި އެހެނިހެން އަރިދަފުސް ރޯގާތަކުން ރައްކާތެރިވުމަށް މާސްކް އަޅައިގެން އުޅުމަށާއި ހާއްސަކޮށް އަލާމާތެއް ހުރި ނަމަ މާސްކް އެޅުމަށާއި ސްކޫލަށާއި އޮފީހަށާއި މީހުން ގިނަ ތަންތަނަށް ނުދިއުމަށް އަދި ބަލި މީހުން ގާތަށް ނުދިއުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ގިނަގިނައިން އަތްދޮވުމަށާއި ސެނިޓައިޒް ކުރުމަށް ވަނީ އެދިފަ އެވެ.

އިންފްލުއެންޒާ އަދި ކޮވިޑް-19ގެ ވެކްސިން ޖެހުމަށާއި ހަތް އަހަރުން ދަށުގެ ކުދިންގެ ތެރެއިން ޕަޓޫސިސްގެ ވެކްސިން ފަރިހަމަ ނުކުރާ ކުދިންގެ ވެކްސިން ފުރިހަމަ ކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ހޯއްގޮވާ ކެއްސުން ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. މި ބަލި ޖެހުމުން ފުރަތަމަ ފެންނާނީ އާންމު ރޯގާތަކުގައި ވެސް ފެންނަ އަލާމާތްތަކެވެ. އޭގެ ތެރޭގައި ނޭފަތް ބެދުމާއި ނޭފަތުން ފެން ފޭބުމާއި ހުން އައުމާއި ކުޑަކޮށް ކެއްސުން ހިމެނެ އެވެ. އަދި ބަލި ޖެހޭތާ ހަފުތާއެއްހާ ދުވަސް ފަހުން ވަރަށް ބޮޑަށް ކެއްސާއި މި ކެއްސުން ދިގު މުއްދަތަކަށް ދިގުލައިގެންދެ އެވެ.