Roadha Mihaaru
މެނިންގޯކޮކަލްގެ ކޮންޓެކްޓް ޓްރޭސިން ހަދައި، ބޭސް ދެނީ

މެނިންގޯކޮކަލް ބަލީގެ ކޮންޓެކްޓް ޓްރޭސިން ހަދައި، ރައްކާތެރިވާން ބޭސް ދޭން ފަށައިފި

26 ޖޫން 2024

އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭހެއް ރާއްޖެ އިން ފެނުމުން، އެ ބަލިން ރައްކާތެރިވާން ބޭސް ދޭން ފަށާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭހެއް ރާއްޖެ އިން ފެނުމުން، އެ ބަލިން ރައްކާތެރިވާން ބޭސް ދޭން ފަށާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ބުނެފި އެވެ.

ހައްޖުގެ އަޅުކަން ފުރިހަމަކުރުމަށް ފަހު، ރާއްޖެ އައި ފަހުން އެ ބަލި ޖެހުނު ކަން އެނގުނީ، މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) އަށެވެ. އެ ބަލީގައި ހާލު ސީރިއަސްވެ، އިއްޔެ ހަވީރު އޭނާ ވަނީ ނިޔާވެފަ އެވެ.

އެޗްޕީއޭ އިން ބުނީ އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމާ އެކު، ކަމާބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިން ހަދައި، ކޮންޓެކްޓްވީ މީހުންނަށް މައުލޫމާތު ދީ، އެ މީހުންނަށް ބަލިން ރައްކާތެރިވުމަށް ޕްރޮފައިލެކްޓިވް ބޭސް ދޭން ފަށާފައިވާ ކަމަށެވެ.

ކޮންޓެކްޓް ޓްރޭސިން ހަދާއިރު، "ކްލޯސް ކޮންޓެކްޓުން"ގެ ގޮތުގައި ބަލި މީހާ އާ އެއް ފެންފުޅިއަކުން ފެން ބޮއެ، އެކުގައި ކައިބޮއި އުޅެފައިވާ މީހުންނާއި ބަލި މީހާއާ ކުޑަވަގުތުކޮޅަކަށް ދިމާވެފައިވާ މީހުން އަދި ބަލި މީހާއާ ސީދާ ކޮންޓެކްޓްވެފައިވާ މީހުން "ކްލޯސް ކޮންޓެކްޓުން"ގެ ގޮތުގައި ނުބަލާ ކަމަށް އެ އެޖެންސީން ބުންޏެވެ.

އިންވެންސިވް މެނިންގޯކޮކަލް ބައްޔަށް މިދިޔަ ހަ އަހަރުގެ ތެރޭގައި ރާއްޖެ އިން ޖެހުނު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކަނީ ތިން މީހެކެވެ. މީގެ ތެރެއިން ދެ މީހަކަށް މި ބަލި ޖެހުނު ކަމަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ އަހަރެވެ. ތިން ވަނަ މީހަކީ ބަކާ އެވެ.

މެނިންގޯކޮކަލް އަކީ ނިޝީރިއާ މެނިންޖިޓައިޑިސް ނަމަކަށް ކިޔާ ޖަރާސީމަކުން ޖެހޭ ބައްޔެކެވެ. އެ ޖަރާސީމުން ދެ ވައްތަރެއްގެ ބައްޔެއް ޖެހެ އެވެ. އެއީ ލޭގެ އިންފެކްޝަން (ސެޕްސިސް) އަދި މެނިންޖައިޓިސް (ސިކުނޑީގެ ވަށައިގެންވާ ފަށަލައިގެ އިންފެކްޝަން) އެވެ.

އެއީ ނުރައްކާތެރި ދެ ބައްޔަކަށް ވިއަސް، ވެކްސިން ޖަހައިގެން އެކަމުން ރައްކާތެރިވެވޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.