Roadha Mihaaru
ލަންކާގެ 5.8 ބިލިއަނުގެ ދަރަނި ރީސްޓްރަކްޗާކޮށްފި

ލަންކާގެ 5.8 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗާކޮށްފި

27 ޖޫން 2024

އިގްތިސާދު އިނދަޖެހިފައިވާ ސްރީ ލަންކާއަށް ލޯނު ދޫކޮށްފައިވާ ގިނަ ގައުމުތަކާ އެކު ލޯނުތައް ރީސްޓްރަކްޗާކުރުމާ މެދު އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށާއި މި އެއްބަސްވުންތަކުން ދަރަނީގެ 5.8 ބިލިއަން ޑޮލަރު އަދާކުރުމުގައި ލުއި ގޮތްތައް ހަމަޖެހޭނެ ކަމަށް އެ ގައުމުން އިއްޔެ ބުނެފި އެވެ.

އިގްތިސާދު އިނދަޖެހިފައިވާ ސްރީ ލަންކާއަށް ލޯނު ދޫކޮށްފައިވާ ގިނަ ގައުމުތަކާ އެކު ލޯނުތައް ރީސްޓްރަކްޗާކުރުމާ މެދު އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށާއި މި އެއްބަސްވުންތަކުން ދަރަނީގެ 5.8 ބިލިއަން ޑޮލަރު އަދާކުރުމުގައި ލުއި ގޮތްތައް ހަމަޖެހޭނެ ކަމަށް އެ ގައުމުން އިއްޔެ ބުނެފި އެވެ.

ބޭރުގެ ދަރަނި ނުދެއްކި 2022 ވަނަ އަހަރު ބަނގުރޫޓުވި ސްރީ ލަންކާއަށް މި ލިބުނު ކާމިޔާބީއާ އެކު، އާމްދަނީ ލޯނު ދެއްކުން މަދުކޮށް އެ ފައިސާއިން ގައުމުގެ އަސާސީ ކަންކަމަށް ހޭދަކުރުން އިތުރުކުރެވޭނެ ކަމަށް ރައީސް ރަނިލް ވިކްރެމަސިންހާގެ އޮފީހުން ނެރުނު ބަޔާނުގައި ބުންޏެވެ.

ބޭރު ފައިސާ ހުސްވުމުން 2022 ވަނަ އަހަރުގެ އޭޕްރީލް މަހު ދަރަނި ޑިފޯލްޓްވެ، މީގެ ކުރިން ކުރިމަތިވެފައި ނުވާ އިގްތިސާދީ ދަތިކަމެއްގެ ތެރެއަށް ވެއްޓި ކުރިމަތިވި ޕްރެޝަރުގައި ލަންކާގެ އޭރުގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ މަގާމުން އިސްތިއުފާ ދޭން ވެސް މަޖުބޫރުވި އެވެ.

"ފްރާންސްގެ ޕެރިހުގައި ހުންނަ، ބައިލެޓަރަލް ލޯނު ދޫކުރާ ފަރާތްތަކުގެ އޮފިޝަލް ކްރެޑިޓާ ކޮމިޓީ (އޯސީސީ) އާ އެކު 5.8 ބިލިއަން ޑޮލަރުގެ ދަރަނީގެ ފައިނަލް ރީސްޓްރަކްޗާ އެގްރީމަންޓަކަށް ލަންކާއަށް ވަނީ އާދެވިފައި،" އިތުރު ތަފްސީލެއް ނުދީ ބަޔާނުގައި ބުނެފައިވެ އެވެ.

އޯސީސީގެ މެންބަރުންގެ ތެރޭގައި ފްރާންސް، އިންޑިއާ އަދި ޖަޕާން ހިމެނެ އެވެ. އެއް ގައުމަކުން އެންމެ ގިނަ ލޯނު ލަންކާއަށް ދޫކޮށްފައިވާ ޗައިނާ އަކީ އޯސީސީގެ މެންބަރެއް ނޫނެވެ.

އެކަމަކު މަޝްވަރާތަކަށް ފްރާންސްގައި ހުންނެވި ލަންކާގެ ޖޫނިއާ ފިނޭންސް މިނިސްޓަރު ޝެހާން ސެމަސިންހަ ވިދާޅުވީ ޗައިނާއާ އެކު ވެސް އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"ލަންކާ އާއި އެކްސްޕޯޓް-އިމްޕޯޓް ބޭންކް އޮފް ޗައިނާއާ ދެމެދު ބައިލެޓަރަލް ޑެޓް ޓްރީޓްމަންޓް އެގްރީމަންޓްތަކުގައި ސޮއިކުރުމުގެ މަސައްކަތް ވެސް މި ދަނީ ކުރަމުން،" އެކްސްގައި ސެމާސިންހަ ވިދާޅުވި އެވެ.

ދަރަނި އަލުން އެކުލަވާލުމަކީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ލަންކާއަށް އެހީވުމަށް ދިން ބެއިލްއައުޓުގެ ޝަރުތެކެވެ. މި މަހުގެ ކުރީކޮޅު އައިއެމްއެފުން ވަނީ ލަންކާގެ މާލީ ހާލަތު ހަތަރު އަހަރު ތެރޭ ރަނގަޅުކުރުމަށް އެހީތެރިވުމަށް ފަރުމާކޮށްފައިވާ 2.9 ބިލިއަން ޑޮލަރުގެ ރެސްކިއު ޕެކޭޖުގެ ތެރެއިން 336 މިލިއަން ޑޮލަރުގެ އެންމެ ފަހުގެ ޕޭމަންޓް ދޫކޮށްފަ އެވެ.

މާޗް މަހުގެ ފަހުކޮޅުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ލަންކާގެ ބޭރުގެ ދަރަނީގެ 28.5 ޕަސެންޓް ހިއްސާކުރަނީ އެހެން ގައުމުތަކުން ދީފައިވާ ލޯނެވެ. އެހެން ގައުމުތަކުން ނަގާފައިވާ ޖުމްލަ 10.58 ބިލިއަން ޑޮލަރުގެ ތެރެއިން 4.66 ބިލިއަން ޑޮލަރަކީ ޗައިނާ އިން ދީފައިވާ ލޯނެވެ.

ޖަޕާނުން 2.35 ބިލިއަން ޑޮލަރު އަދި އިންޑިއާ އިން 1.36 ބިލިއަން ޑޮލަރުގެ ލޯނު ލަންކާއަށް ނަގާފައިވެ އެވެ. -- އޭއެފްޕީ