Roadha Mihaaru
އިދިކޮޅު ލީޑަރު ރާހުލް ވިދާޅުވީ ދެން ނުހުއްޓުވޭނެޔޭ

އިދިކޮޅު ލީޑަރު ރާހުލް ވިދާޅުވީ ދެން ނުހުއްޓުވޭނެ ކަމަށް

27 ޖޫން 2024

އިންޑިއާގެ އިދިކޮޅު ލީޑަރުކަމުގެ މަގާމު ހުސްކޮށް އޮންނަތާ ދިހަ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ރަސްމީކޮށް އެ މަގާމަށް އައްޔަންކުރި ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ އިއްޔެ މަގާމުގެ ހައިސިއްޔަތުން ފުރަތަމަ ދެއްކެވި ވާހަކާގައި ސަރުކާރަށް އިންޒާރު ދެއްވައިފި އެވެ.

އިންޑިއާގެ އިދިކޮޅު ލީޑަރުކަމުގެ މަގާމު ހުސްކޮށް އޮންނަތާ ދިހަ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ރަސްމީކޮށް އެ މަގާމަށް އައްޔަންކުރި ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ އިއްޔެ މަގާމުގެ ހައިސިއްޔަތުން ފުރަތަމަ ދެއްކެވި ވާހަކާގައި ސަރުކާރަށް އިންޒާރު ދެއްވައިފި އެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އެންމެ ބޮޑު ވާދަވެރިޔާ ގާންދީ އިދިކޮޅު ޕާޓީތަކުގެ މެންބަރުން އެ މަގާމަށް އައްޔަންކުރުމާ އެކު ސަރުކާރަށް ވަރުގަދަ ގޮންޖެހުމަކަށް ވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

"ސަރުކާރަށް ސިޔާސީ ބާރުވެރިކަން އޮންނާނެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ވެސް ތަމްސީލު ކުރަނީ އިންޑިއާގެ ރައްޔިތުން،" ގާނޫނު ހަދާ މަޖިލީގެ ތިރިގެ، ލޮކް ސަބާގައި ރާހުލް އެހެން ވިދާޅުވުމާ އެކު އޭނާއަށް ތާއީދުކުރާ މެންބަރުން މޭޒުގައި ތަޅައި ތާއީދުގެ އަޑު އުފުލި އެވެ.

"މިފަހަރު އިދިކޮޅު ފަރާތްތަކުން އިންޑިއާގެ ރައްޔިތުންގެ އަޑު މި އުފުލަނީ ކުރިއަށްވުރެ މާބޮޑު ހައިސިއްޔަތަކާ އެކު."

ރާހުލް ވިދާޅުވީ ސަރުކާރުގެ ބާރު ގަދަޔަސް މަޖިލީހުގައި އޭނާގެ މެންބަރުންގެ އަޑު ކަނޑުވައިނުލެވޭނެ ކަމަށާއި އިިދިކޮޅު ޕާޓީތައް ދެން ނުހިފެހެއްޓޭނެ ކަމަށެވެ.

އެއް ދުވަސްވަރެއްގައި ބާރުގަދަ ކޮންގްރެސް ޕާޓީއަށް ވޭތުވެދިޔަ ދެ މަޖިލީހުގައި އިދިކޮޅު ލީޑަރެއް ކަނޑައެޅޭ ވަރަށް ގޮނޑިއެއް ނުލިބެ އެވެ. އެކަމަކު މިފަހަރު އިންތިހާބުގައި ދެ ދައުރަށް ފަހު މޯދީގެ ބީޖޭޕީއަށް ފުރިހަމަ އަޣުލަބިއްޔަތު ގެއްލި ކޯލިޝަން ސަރުކާރެއް ހަދަން ޖެހުނު އިރު އިދިކޮޅު ކޮންގްރެސް އާއި އެ ޕާޓީއާ އެކު އިއްތިހާދުވި ޕާޓީތަކުން ބޮޑު ކުރިއެރުމެއް ވަނީ ހޯދައިފަ އެވެ.

އިންތިހާބުގައި ބީޖޭޕީއަށް ލިބުނީ އެންމެ 240 ގޮނޑި އެވެ. މިއީ 10 އަހަރު ތެރޭގައި ލިބުނު އެންމެ ދަށް ނަތީޖާ ކަމަށް ވާއިރު އަޣުލަބިއްޔަތު ހޯދަމުން ބޭނުންވާ އަދަދަށް ވުރެ 32 ގޮނޑި މަދެވެ. އެކަމުގެ ސަބަބުން 543 ގޮނޑީގެ މަޖިލީހުގައި 293 ގޮނޑީގެ އަޣުލަބިއްޔަތު ހޯދުމަށް ކޯލިޝަނެއް ހަދަން މަޖުބޫރުވީ އެވެ.

އުމުރުން 73 އަހަރުގެ މޯދީ ވަނީ މަޖިލީހުގައި އިދިކޮޅު ޕާޓީތަކުން ޒިންމާދާރުވެ ސަރުކާރަށް އެއްބާރުލުން ދީގެން މަސައްކަތްކުރުމަށް އެދިވަޑައިގެންފަ އެވެ. -- އޭއެފްޕީ