Roadha Mihaaru
ލޯކް ސަބާ އަށް ރެކޯޑް އަދަދަކަށް އަންހެނުން

ލޯކް ސަބާ އަށް ރެކޯޑް އަދަދަކަށް އަންހެނުން

25 މެއި 2019

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގެ ލޯކް ސަބާ އަށް މެމްބަރުން ހޮވަން ބޭއްވި އާންމު އިންތިހާބުގައި ރެކޯޑް އަދަދަކަށް އަންހެން ކެންޑިޑޭޓުން ގޮނޑިތައް ކާމިޔާބުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގެ ލޯކް ސަބާ އަށް މެމްބަރުން ހޮވަން ބޭއްވި އާންމު އިންތިހާބުގައި ރެކޯޑް އަދަދަކަށް އަންހެން ކެންޑިޑޭޓުން ގޮނޑިތައް ކާމިޔާބުކޮށްފި އެވެ.

މިފަހަރު އިންތިހާބު ކާމިޔާބުކޮށް 78 އަންހެނަކު ވަނީ ލޯކް ސަބާ އިން ފުރުސަތު ހޯދައިފަ އެވެ. މިއީ ޖުމްލަ 542 ގޮނޑީގެ މައްޗަށް އެކުލެވޭ ލޯކް ސަބާ އަށް އިންޑިއާގެ ތާރީހުގައި ވެސް މިހާ ގިނަ އަދަދަކަށް އަންހެނުން އިންތިހާބުވި ފުރަތަމަ ފަހަރެވެ. މި ކާމިޔާބީއާ އެކު މި ފަހަރު މަޖިލީހުގައި އަންހެނުންގެ ނިސްބަތް އުޅެނީ 14.36 ޕަސެންޓްގަ އެވެ.

މިދިޔަ މަހުގެ 11 އިން މި މަހުގެ 19 އަށް ކުރިއަށް ގެންދިޔަ އިންތިހާބުގެ މެޖޯރިޓީ ވެރިކަން ކުރާ ޕާޓީ ބީޖޭޕީން ކަށަވަރު ކުރި އިރު، އެންމެ ގިނަ އަންހެން ކެންޑިޑޭޓުން އިންތިހާބުގައި ވާދަ ވެސް ކުރީ އެ ޕާޓީގެ ޓިކެޓްގަ އެވެ. އަދި ބީޖޭޕީން ކާމިޔާބު ކުރި 303 ގޮނޑީގެ ތެރެއިން 41 ގޮނޑި ނިސްބަތް ވަނީ އަންހެނުންނަށެވެ.

މި ފަހަރުގެ އިންތިހާބުހައި ޖުމްލަ 724 އަންހެން ކެންޑިޑޭޓުން ވާދަކުރި އެވެ. ސޯޅަ ވަނަ ލޯކް ސަބާގައި ތަމްސީލުކުރި އަންހެނުންގެ އަދަދަކީ 64 އެވެ.

ސަބާގެ 33 ޕަސަންޓް ގޮނޑި އަންހެނުންނަށް ހާއްސަކުރަން ބިލެއް ވެސް ވަނީ ހުށަހަޅައިފަ އެވެ.

އިންތިހާބުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އަންހެން ކެންޑިޑޭޓުން އެންމެ ގިނައިން ގޮނޑިތައް ކާމިޔާބު ކުރީ އުއްތަރު ޕްރަދޭޝް އާއި ވެސްޓް ބެންގޯލުންނެވެ. އެ ދެ ސްޓޭޓުން ކުރެ ކޮންމެ ސްޓޭޓަކުން 11 އަންހެނަކު ގޮނޑި ކާމިޔާބުކޮށްފައިވެ އެވެ.

ސޯނިއާ ގާންދީ.

ސޯނިއާ ގާންދީ.

އިންޑިއާގެ ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެ ގައުމުގެ އާބާދީގެ 48 ޕަސަންޓް އަންހެނުން ހިއްސާ ކުރާ އިރު، ގާނޫނު ހަދާ މަޖިލީހުގައި އަންހެނުން ހިއްސާ ބޮޑުވުމަކީ ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި މީގެ ސަބަބުން އަންހެނުންނާ ގުޅުން ހުރި މައްސަލަތަކުގައި އަޑު އުފުލޭ މިންވަރު އިތުރުވެ، އަންހެނުންގެ ހައްގުތަކަށް ކުރާ މަސައްކަތް ވެސް ފުޅާވެގެން ދާނެ ކަމަށް ސިޔާސީ ފަރާތްތަކުން ބުނެ އެވެ.

މި ފަހަރުގެ އިންތިހާބު ކާމިޔާބު ކުރި މަޝްހޫރު އަންހެން މެމްބަރުންގެ ތެރޭގައި ކޮންގްރެސްގެ ސޯނިއާ ގާންދީ، ބީޕޭޖީ އަށް ނިސްބަތްވާ ބަތަލާ ހެމާ މާލިނީ އަދި ހަމަ އެ ޕާޓީ އަށް ނިސްބަތްވާ ޓީވީ ބަތަލާ އަދި މިނިސްޓަރުކަން ވެސް ކޮށްފައިވާ ސުމިތުރީ އިރާނީ އަދި އެކްޓަރު އަނޫޕަމް ކޭރުގެ އަންހެނުން ކިރަން ކޭރު ހިމެނެ އެވެ.

ސުމިތުރީ ގޮނޑި ކާމިޔާބުކުރެއްވީ ރާހުލް ގާންދީއާ ވާދަކުރައްވަ އެވެ.