Roadha Mihaaru
"ހަމައެކަނި އިގްތިސާދު ކުރިއަރައިގެން ހާލަތު ރަނގަޅު ނުވާނެ"

ހަމައެކަނި އިގުތިސާދު ކުރިއަރައިގެން ހާލަތެއް ބަދަލެއް ނުވާނެ:އާޑަމް

27 ޖޫން 2024

ހަމައެކަނި އިގްތިސާދު ކުރިއަރުވައިގެން ނުވަތަ އިތުރު ފައިނޭންސިން ހޯދައިގެން ރާއްޖޭގެ އިގުތިސާދު ރަނގަޅު ނުކުރެވޭނެ ކަމަށް ވޯލްޑް ބޭންކްގެ ކަންޓްރީ އިކޮނޮމިސްޓް އާޑަމް އޭޓަސް ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހަމައެކަނި އިގްތިސާދު ކުރިއަރުވައިގެން ނުވަތަ އިތުރު ފައިނޭންސިން ހޯދައިގެން ރާއްޖޭގެ އިގުތިސާދު ރަނގަޅު ނުކުރެވޭނެ ކަމަށް ވޯލްޑް ބޭންކްގެ ކަންޓްރީ އިކޮނޮމިސްޓް އާޑަމް އޭޓަސް ވިދާޅުވެއްޖެ އެވެ.

އޭނާ އިއްޔެ ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ހާލަތު ބަދަލު ކުރުމަށްޓަކައި ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރަން ޖެހޭނެ ކަމަށެވެ. އަދި ބަޖެޓް ޑެފިސިޓާއި ކަރަންޓް އެކައުންޓް ޑެފިސިޓް ކުޑަ ކުރުމަށް ފިޔަވަޅުތައް އަވަސް ކުރުމަށް އޭނާ ގޮވާލެއްވި އެވެ.

ރާއްޖޭގެ ދަރަނި އެހާ ބޮޑަށް އިތުރުވީ، ވޭތުވެދިޔަ 10 އަހަރުގެ އިހުމާލުން ކަމަށާއި އެ މުއްދަތުގެ ތެރޭގައި ބަޖެޓު ޑެފިސިޓާއި ކަރަންޓް އެކައުންޓް ޑެފިސިޓް ވެސް ބޮޑުވެފައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އާޑަމް އޭޓަސްގެ ޓްވީޓް

މިދިޔަ މަހު ވޯލްޑް ބޭންކް އިކޮނޮމިކް އަޕްޑޭޓު ރިޕޯޓާ ގުޅޭ ޕްރެޒެންޓޭޝަން ހުށަހަޅައިދެއްވަމުން ވެސް އޭނާ ވިދާޅުވީ، މިއީ ފަހަތަށް ފިޔަވަޅެއް އަޅައި، ހަރަދުތައް ކުޑަ ކުރަން ޖެހޭ ވަގުތު ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން އެކުލަވާލައިފައިވާ ރިޕޯމްތަކަށް އަމަލުކުރަން ފެށި ނަމަވެސް، މެދު ރާސްތާގައި ރާއްޖޭގެ ބަޖެޓު ޑެފިސިޓް ބޮޑު ވާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެ އެވެ. ބަޖެޓު ޑެފިސިޓް ގާތްގަނޑަކަށް 11 ޕަސެންޓަށް އުފުލޭނެ ކަމަށް ލަފާ ކުރާ އިރު މި އަހަރު ސަބްސިޑީ ދޭ ގޮތްތައް ބަދަލު ކޮށްފި ނަމަ، އަނެއްކާ ވެސް ބަޖެޓް ޑެފިސިޓް އިތުރަށް ބޮޑުވުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެން ދައްކުވައިދެނީ ހަރަދުތައް ހަމަޖައްސަން އިތުރު ރިފޯމްތައް ބޭނުންވާ ކަން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ކަރަންޓް އެކައުންޓް ޑެފިސިޓް ވެސް އިތުރަށް މައްޗަށް ދާނެ ކަމަށް ލަފާ ކުރެވެ އެވެ. ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ގައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން ވެސް އިގްތިސާދީ ހާލަތު ބަދަލު ކުރުމަށް އިތުރަށް ރިފޯމް ބޭނުންވާކަން އެނގޭ ކަމަށް އާޑަމް ވިދާޅުވި އެވެ.

އާޑަމް ވިދާޅުވީ، ދަރަނި އަދާ ކުރަން އެހާ ބޮޑު އަދަދުތަކެއް ހުރި އިރު، އިތުރު ކާރިސާއެއް ކުރިމަތިވެއްޖެ ހާލަތެއްގައި ގައުމަށް އިތުރު އުނދަގޫތަކާ ކުރިމަތިވާނެ ކަމަށެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދުތައް ބޮޑުވެ، ސަރުކާރުން އެ ކުންފުނިތަކަށް ކުރާ ހޭދަ ބޮޑުވުމާއި، ޕްރޮޖެކްޓްތައް ހިންގާވަރު އިތުރުވުމަކީ ވެސް މާލީ ގޮތުން ގައުމަށް އޮތް އިތުރު ދަތިތަކެއް ކަމަށް ވިދާޅުވި އެވެ.