Roadha Mihaaru
ޓެސްލާ ކާރު 8 ލައްކަ ރުފިޔާ އަށް ވިއްކާލަނީ

ޓެސްލާ ކާރު 8 ލައްކަ ރުފިޔާ އަށް ވިއްކާލަނީ

27 ޖޫން 2024

ދިރާގުގެ އެތައް ހާސް ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބުނު ޕްރޮމޯޝަންގައި އަގު ބޮޑު ޓެސްލާ ކާރު ލިބުނު ފަރާތުން ކާރު ވިއްކާލަން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދިރާގުގެ އެތައް ހާސް ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބުނު ޕްރޮމޯޝަންގައި އަގު ބޮޑު ޓެސްލާ ކާރު ލިބުނު ފަރާތުން ކާރު ވިއްކާލަން ނިންމައިފި އެވެ.

'ވިން އަ ޓެސްލާ' ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހޮވުނީ ކ. ތުލުސްދޫ، މުސްތަފާ މުހައްމަދެވެ.

އޭނާ "މިހާރު" އަށް މިއަދު ބުނީ، ކާރު ވިއްކާލަނީ 8 ލައްކަ އެއްހާ ރުފިޔާ އަށް ކަމަށެވެ. އޭނާ އަށް ޓެސްލާ ކާރު ލިބުމާ އެކު، ބައެއް މީހުން ކާރު ގަންނަން ގުޅި ކަމަށް ވެސް ބުންޏެވެ. މުސްތަފާ ބުނީ، ކާރުގެ އަގު ކަނޑައެޅީ، ބާޒާރުގައި އެ ކާރު ހުރި އަގު ބަލާފައި ކަމަށެވެ.

މާލޭގައި ކަސްޓަމްސްގައި ވަޒީފާ އަދާކުރާ އުމުރުން 55 އަހަރުގެ މުސްތަފާ ބުނީ ދިރާގުން މިހާތަނަށް ދިން އެންމެ އަގު ބޮޑު އިނާމު، ޓެސްލާގެ މޮޑެލް 3 ގެ ކާރު ލިބޭ ޕްރޮމޯޝަންގައި ބައިވެރިވީ އެއްވެސް ވަރަކަށް އެ އިނާމު ލިބޭނެ ކަމަކަށް އުއްމީދު ކޮށްގެން ނޫން ކަމަށެވެ.

ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު (ވ) މުސްތަފާއާ އިއްޔެ ޓެސްލާ ކާރު ހަވާލު ކުރަނީ.

ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު (ވ) މުސްތަފާއާ އިއްޔެ ޓެސްލާ ކާރު ހަވާލު ކުރަނީ.

ދިރާގުން އިއްޔެ ވަނީ މުސްތަފާއާ ޓެސްލާ ކާރު ހަވާލުކޮށްފަ އެވެ.

މުސްތަފާއަކީ ރާއްޖެ އަށް މޮބައިލް ފޯނުގެ ހިދުމަތް ތައާރަފުކުރި ހިސާބުން ފެށިގެން ދިރާގުގެ ހިދުމަތް ބޭނުން ކުރަމުން އަންނަ ކަސްޓަމަރެކެވެ.

ދިރާގުން ކުރިއަށް ގެންދިޔަ "ވިން އަ ޓެސްލާ" ޕްރޮމޯޝަން ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އެއީ މި އަހަރުގެ ޖެނުއަރީ މަހާ ހަމައަށް ބޭއްވި ޕްރޮމޯޝަނެކެވެ.