Roadha Mihaaru

މަސްތުވާތަކެެއްޗާ ދެކޮޅަށް ފުވައްމުލަކުގައި ބޮޑު އޮޕަރޭޝަނެއް، 14 މީހުން ހައްޔަރުކޮށްފި

މިދިޔަ މެއި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފުވައްމުލަކުގައި ކުރިއަށް ގެންދާ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މިހާތަނަށް 14 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުވައްމުލަކު ޑްރަގް އޮޕަރޭޝަން: 14 މީހުން ހައްޔަރަށް
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

28 ޖޫން 2024

މިދިޔަ މެއި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފުވައްމުލަކުގައި ކުރިއަށް ގެންދާ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މިހާތަނަށް 14 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ރޭ ބުނީ ފުވައްމުލަކަކީ މަސްތުވާތަކެތިން ރައްކާތެރިވެފައިވާ ތަނަކަށް ހެދުމަށް "ވެށި ރައްކަލް" ނަމުގައި އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގެ ދަށުން ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކައި، ވިޔަފާރި ކުރަމުން އަންނަ ފަރާތްތައް ބަލައި އެކި ތަންތަން ފާސްކޮށްފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.

މިހާތަނަށް މި އޮޕަރޭޝަންގައި 14 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި މިވަގުތު ބަންދުގައި ތިބީ ފަސް މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ މި އޮޕަރޭޝަނުގައި 760.45 ގްރާމުގެ މަސްތުވާތަކެތި ވެސް ހޯދާފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގައި ބަޔަކު ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޮޑު ހަމަނުޖެހުމެއް ވެސް ހިނގި އެވެ. އެ ހަމަނުޖެހުމުގެ ތެރެއިން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި އަދި ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ މާރާމާރީ ހިންގަން އުޅުނު ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ ހަމަނުޖެހުމުގެ ތެރޭގައި ފުލުހަކަށް އަނިޔާވި އެވެ.