Roadha Mihaaru
ހައްދު ޖެހުމަކީ ކްރިމިނަލް ކޯޓުން ކުރާކަމެއް ނޫން:ކޯޓު

ޕީޖީ ދިނީ ގޯސް މައުލޫމާތެއް، މިހާރު ހައްދު ޖަހަނީ ކޯޓަކުން ނޫން، ކަރެކްޝަންސް އިން

03 ޖުލައި 2024

ދޭވާންޏެއް ނެތިގެން ކްރިމިނަލް ކޯޓުން ހައްދުގެ ހުކުމްތައް ތަންފީޒު ކުރުން މަޑުޖެހިފައިވާތާ ދުވަސްކޮޅެއް ވެފައިވާ ކަމަށް ވިދާޅުވެ، ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ދެއްކެވި ވާހަކަތައް އެ ކޯޓުން މިއަދު ދޮގުކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ދޭވާންޏެއް ނެތިގެން ކްރިމިނަލް ކޯޓުން ހައްދުގެ ހުކުމްތައް ތަންފީޒު ކުރުން މަޑުޖެހިފައިވާތާ ދުވަސްކޮޅެއް ވެފައިވާ ކަމަށް ވިދާޅުވެ، ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ދެއްކެވި ވާހަކަތައް އެ ކޯޓުން މިއަދު ދޮގުކޮށްފި އެވެ.

ޕީޖީ ޝަމީމް، ހައްދުގެ ހުކުމުގެ ވާހަކަ އިއްޔެގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ދެއްކެވީ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަކާ އެކު އެވެ. އޭނާގެ ސުވާލަކަށް ވީ، ކްރިމިނަލް ކޯޓުން ދޭވާންޏެއް ހޯދަން އިއުލާން ކޮށްފައިވާއިރު، ހުކުމް ތަންފީޒު ކުރުން އެ ކޯޓުން އަމިއްލަ އަށް ކުރިއަށް ގެންދާނެ ގޮތަކާ މެދުގަ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އުފެއްދި ފަހުން ކޯޓުތަކުން ކުރާ ހުކުމްތައް ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ އެ އިދާރާއާ އެވެ.

ޝަމީމް ވިދާޅުވީ، ހުކުމް ތަންފީޒު ކުރުމަކީ ކަރެކްޝަނަލް ސާވިސްގެ ޒިންމާއެއް ކަމަށާއި ނަމަވެސް، ހައްދުގެ ހުކުމް ތަންފީޒު ކުރުން ކޯޓުން އަމިއްލަ އަށް ކުރާ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެއީ އެކަން ސަގާފީ ގޮތެއްގައި ކުރަމުން އަންނަ ގޮތް ކަމަށާއި އެކަމާ މެދު މީހަކު މިހާތަނަށް ސުވާލެއް ވެސް އުފައްދާފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު، މި ދުވަސްކޮޅު ކޯޓުގައި ދޭވާންޏެއް ނެތުމުން ހައްދު ނުޖަހާތާ ދުވަސްކޮޅެއްވެފައިވާ ކަމަށް ޕީޖީ ވިދާޅުވި އެވެ.

އެކަމަކު، ޝަމީމްގެ ވާހަކަތައް ދޮގުކުރައްވައި، ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ ސުޕްރީމް ކޯޓުގެ ގަވައިދަކާ އެކު، ހައްދުގެ ހުކުމްތައް ކްރިމިނަލް ކޯޓުން ތަންފީޒު ނުކުރާތާ ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަށާއި އެކަން މިހާރު ކުރަމުން އަންނަނީ ކަރެކްޝަނަލް ސާވިސް އިން ކަމަށެވެ. އެހެންކަމުން، ކްރިމިނަލް ކޯޓުގައި ދޭވާންޏެއް ނެތިގެން އެއްވެސް ހުކުމެއް ތަންފީޒު ނުވެ ނޯންނާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ދޭވާންޏެއް ހޯދަން ކްރިމިނަލް ކޯޓުން ވަނީ މިދިޔަ މަހުގެ 26 ގައި އިއުލާން ކޮށްފައިވެ އެވެ. އެ އިއުލާނުގެ މުއްދަތު މިއަދަށް ހަމަވާއިރު، ވަޒީފާގެ މުސާރަ އާއި އިނާޔަތުގެ ގޮތުގައި ކަނޑައަޅާފައިވަނީ 8،000ރ. އެވެ. އެ އިއުލާނުގައި ދޭވާނީގެ ޒިންމާގެ ތެރޭގައި ހައްދުގެ ކަންކަން ތަންފީޒު ކުރުން ވެސް ހިމެނެ އެވެ.

ކްރިމިނަލް ކޯޓުގައި އެ މަގާމުގައި ހުރި މުވައްޒަފު އިސްތިއުފާ ދިނީ މިދިޔަ މަހު ކަމަށާއި އެ މަގާމުގެ ވަޒީފާގައި ބަޔާނުގައި ހައްދުގެ ކަންކަން ތަންފީޒު ކުރުން ހިމަނާފައިވީ ނަމަވެސް، މިހާރު އެއީ ކޯޓުން ކުރަމުން އަންނަ ކަމެއް ނޫން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކޯޓަށް ދޭވާންޏެއް ހޯދަނީ ކޯޓު އަމުރު ބެހުން ފަދަ މަސައްކަތްތައް ކުރުމަށެވެ.

ހައްދުގެ ކަންކަން ކޯޓުން ތަންފީޒު ކުރަމުންދާ ކަމަށް އިއްޔެ ޕްރޮސިކިއުޓާ ޖެނަރަލް ވިދާޅުވުމުން ބައެއް ބޭފުޅުން ކަންބޮޑުވުން ފާޅުކުރައްވައި، ހުކުމެއް ތަންފީޒު ކުރުން އެއީ ކޯޓަކުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައި ވެ އެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވީ، ހުކުމް ތަންފީޒުކުރަން ވަކި އިދާރާއެއް އުފައްދާފައިވާރު، ދޭވާންޏެއް ހޯދުމަކީ ކްރިމިނަލް ކޯޓުގެ އިހްތިސާސްގައި ހިމެނިގެން ވާނެ ކަމެއް ގޮތުގައި ގަބޫލެއް ނުކުރެވޭ ކަމަށެވެ.

މިދިޔަ 10 އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ސުޕްރީމް ކޯޓުގައި ޒިނޭގެ 33 މައްސަލައެއް ކުރިއަށް ގެންދިޔަ އެވެ. އެކަމަކު، އޭގެ ތެރެއިން އެއްވެސް މައްސަލައެއް ސާބިތުވެފައެއް ނުވެ އެވެ. ހައި ކޯޓުގައި 51 މައްސަލައެއް ހިންގިއިރު، ސާބިތު ނުވެ އޮތީ އެއް މައްސަލަ އެވެ. ކްރިމިނަލް ކޯޓުގައި މިދިޔަ އަހަރުގެ މާޗްގެ ނިޔަލަށް ޒިނޭގެ 150 މައްސަލއެއް ނިންމާފައިވެ އެވެ.