ސިޔާސީ މަގާމްތަކަށް އައްޔަން ކޮށްފައިވާ މީހުންގެ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހަރަދު ކުރާ އަދަދު ހާމަ ނުކުރާތީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރު ކޮށްލައިފި އެވެ.
03 ޖުލައި 2024
ސިޔާސީ މަގާމްތަކަށް އައްޔަން ކޮށްފައިވާ މީހުންގެ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހަރަދު ކުރާ އަދަދު ހާމަ ނުކުރާތީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރު ކޮށްލައިފި އެވެ.
މަޖިލީހަށް ކުއްލި މައްސަލަ ހުށަހެޅީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް އެވެ. އެ އެކަމާ ގުޅޭ ގޮތުން މަޖިލީހުގައި ނެގި ވޯޓުގައި އެ މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރެކެވެ. އަދި ނުފެންނަ ކަމަށް 56 މެންބަރަކު ވޯޓު ދެއްވި އެވެ.
އެހެންވެ މައްސަލާގައި ބަހުސް ކުރަން ފާސްނުވާ ކަމަށް ރިޔާސަތުން ނިންމެވި އެވެ. މިއީ، 20 ވަނަ މަޖިލީހުގައި އިދިކޮޅު އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލައެއް މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް ޕީއެންސީން ބޭރު ކޮށްލި ފުރަތަމަ ފަހަރެވެ.
ކުއްލި މައްސަލައާ ގުޅޭ ގޮތުން މީކާއިލް ވިދާޅުވީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ރައީސަށް ދީފައިވާ އިހްތިޔާރުގެ ބޭނުން ހިފައި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް އަދި އެއްވެސް ހައްދެއް ނެތި ސިޔާސީ މަގާމްތަކަށް މީހުން އައްޔަން ކުރަމުންދާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުންފުނިތަކަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް، ހައްދެއް ނެތި މީހުން ވަޒީފާ އަށް ދަނީ ވައްދަމުންނެވެ. އޭގެ ސަބަބުން މުސާރައިގެ ގޮތުގައި ކުރަން ޖެހޭ ހަރަދު ބޮޑުވެ އެ ކުންފުނިތައް ހިންގުމަށް ދަތިވާ ހާލަތަށް ގޮސްފައިވާ ކަމަށް މީކާއިލް ވިދާޅުވި އެވެ.
އެހެން ނަމަވެސް ސިޔާސީ މަގާމްތަކަށް އައްޔަން ކޮށްފައިވާ މީހުންގެ ރަސްމީ އަދަދު ހާމަ ކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފިނޭންސް މިނިސްޓަރުގެ އަރިހުން އެދުމުން އެ ކޮމިޓީ އަށް ވެސް މައުލޫމާތު ހާމަކޮށްފައި ނުވާ ކަމަށް މީކާއިލް ވިދާޅުވި އެވެ.
"އެއީ ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންކަން ހިނގާ ނުހިނގާ ގޮތް ބެލުމާއި ޖަވާބުދާރީ ކުރުމަށް މަޖިލީހާ ހަވާލު ކޮށްފައިވާ ވާޖިބަށް ހުރަސް އެޅޭ ކަމެއް،" މީކާއިލް ވިދާޅުވި އެވެ.
ނޫސްވެރިންނާއި އާންމުން ވެސް ސިޔާސީ މަގާމްތަކުގެ އަދަދު ހޯދަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެދުން ނަމަވެސް އެ އަދަދު ހާމަ ކުރަން އިންކާރު ކޮށްފައިވާ ކަމަށް މީކާއިލް ވިދާޅުވި އެވެ.
އެހެންވެ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަށް ހުރަސް އެޅުން ހުއްޓުވުމަށާއި ސިޔާސީ މީހުންގެ އަދަދާއި ކުންފުނިތަކުން މުސާރަ އަށް ކުރާ ހަރަދު ހާމަ ކުރަން ސަރުކާރަށް ލާޒިމް ކުރަން ގޮވާލާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސިޔާސީ މަގާމްތައް އިތުރުނުކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. ރާއްޖޭގެ އިގުތިސާދީ އަދި މާލީ ހާލަތު މި ވަގުތު ހުރި ގޮތުން، ދައުލަތް ހިންގުމުގެ ހަރަދު ކުޑަކުރުމަށްޓަކައި ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފަ އެވެ. ސިޔާސީ މަގާމްތަކުގެ އަދަދު، ސަރުކާރުން ހާމަކުރަމުންދާނެ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
ސިޔާސީ މުވައްޒަފުންގެ އަދަދާ ގުޅޭ ކުއްލި މައްސަލަ ބޭރު
ގާނޫނާ ހިލާފަށް ފޮރިންއަށް މުވައްޒަފުން ނެގުން ނުހުއްޓޭ
އިހުސާންގެ މައްސަލަ ހޫނުވެ މީކާއިލް ތަޅުމުން ނެރެފި
އަބްދުއްރަހީމްގެ ރައްދު: "މި އިނީ މިނިވަންކަމާ އެކު"
ފަނޑިޔާރުންގެ އަދަދު މަދުކުރާތީ ހުށަހެޅި މައްސަލަ ބޭރު
ޓެކްސީތައް ޓޯކުރި މައްސަލާގައި ކުއްލި މައްސަލައެއް
ހަރަދުކުޑަކުރުމުގެ ފިޔަވަޅުތަކަށް ރުހުންހޯދަން މަޖިލީހަށް
އޮޅުވާލި ފޯމުތަކުގެ ހެކިންނަށް ފިޔަވަޅު އެޅިތޯ ބަލަނީ
އެންސްޕާގެ ތުހުމަތާ ގުޅޭ ކުއްލި މައްސަލަ ބޭރުކޮށްލައިފި
ރައްޔިތުންގެ ވޯޓުން މެމްބަރުން ވަކިކުރެވޭ އިސްލާހު ބޭރު