Roadha Mihaaru
އާނަންތުގެ ކައިވެނީގައި އެޑެލް އާއި ޑްރޭކް ޕާފޯމްކުރާނެ

އާނަންތުގެ ކައިވެނީގައި އެޑެލް، ޑްރޭކް އަދި ލާނާ ޑެލް ރޭ ފާފޯމްކުރާނެ

05 ޖުލައި 2024

އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ހަގު ދަރިފުޅު އަނަންތު އަމްބާނީގެ ކައިވެނި ހަފުލާގައި ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިން ޕާފޯމްކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ހަގު ދަރިފުޅު އަނަންތު އަމްބާނީގެ ކައިވެނި ހަފުލާގައި ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިން ޕާފޯމްކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މުކޭޝް އާއި އޭނާގެ އަންހެނުން ނިތާ އަންބާނީ ވަނީ އެ ދެމަފިރިންގެ ދަރިފުޅުގެ ކައިވެނީގެ ހަފުލާއާ ގުޅިގެން ބޮޑު ދެ ހަފުލާއެއް ބާއްވައިފަ އެވެ.

އާނަންތު އާއި ރާދިކާ މާޗެންޓުގެ ކައިވެނީގެ އަސްލު ހަފުލާ އަށް މިހާރު އޮތީ ބާކީ ދިހަވަރަކަށް ދުވަހެވެ. ކުރިން ބޭއްވި ބޮޑެތި ހަފުލާތަކުގައި ވެސް ވަނީ ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިން ޕާފޯމްކޮށްފަ އެވެ. އޭގެ ތެރޭގައި ބާބޭޑޮސްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ ހިމެނެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މި މަހު އޮންނަ މި ބޮޑު ހަފުލާގައި އިނގިރޭސި ލަވަކިޔުންތެރިޔާ އެޑެލް އާއި ކެނެޑާގެ ރެޕް ލަވަކިޔުންތެރިޔާ ޑްރޭކް އަދި އެމެރިކާގެ ލަވަކިޔުންތެރިޔާ ލާނާ ޑެލް ރޭ ވެސް ޕާފޯމްކުރާނެ އެވެ.

އިތުރު ލަވަކިޔުންތެރިން ގެންދަން ވެސް މިހާރު މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށް ރިޕޯޓްތައް ބުންޏެވެ.

މިދިޔަ މާޗު މަހު އިންޑިއާގެ ޖަމްނަގަރުގައި މި ކައިވެންޏާ ގުޅިގެން އުފާފާޅުކުރުމުގެ ހަފުލާއެއް ތިން ދުވަހަށް ބޭއްވި އެވެ. އަދި ކައިވެނީގެ ކުރިން ދެވަނަ ބޮޑު ހަފުލާއެއް ބޭއްވީ އިޓަލީ އާއި ފްރާންސްގެ ދެކުނުގައި އޮތް ބޮޑު ކްރޫޒެއްގަ އެވެ. އެ ހަފުލާތަކުގައި ބޮލީވުޑާއި ހޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންތަކެއް ބައިވެރިވި އެވެ.

އާނަންތު އާއި ރާދިކާގެ ކައިވެނީގެ ހަފުލާ ތިން ދުވަހުގެ ބޮޑު ހަފުލާއަކަށް ދެމިގެންދާނެ އެވެ. އަދި މި ހަފުލާތަކަށް ދައުވަތު ދިން މެހުމާނުންގެ ތެރޭގައި މައިކްރޮސޮފްޓްގެ ފައުންޑާ ބިލް ގޭޓްސް އާއި ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގް އަދި އިވަންކާ ޓްރަމްޕް ވެސް ހިމެނެ އެވެ.