Roadha Mihaaru
27 އަހަރު ފަހުން ރައީސަށް ސީއެޗްއެސްއީގެ ސަޕްރައިޒެއް

27 އަހަރަށް ފަހު ރައީސް މުއިއްޒު ސީއެޗްއެސްއީ އަށް، ލިބުނީ ސަޕްރައިޒެއް!

03 ޖުލައި 2024

ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ މަނިކުފާނު ސާނަވީ ތައުލީމު ފުރިހަމަ ކުރެއްވި ސީއެޗްއެސްއީގެ އަހަރީ ދުވަސް ފާހަގަކުރުމަށް އެ ސްކޫލަށް މިއަދު ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ މަނިކުފާނު ސާނަވީ ތައުލީމު ފުރިހަމަ ކުރެއްވި ސީއެޗްއެސްއީގެ އަހަރީ ދުވަސް ފާހަގަކުރުމަށް އެ ސްކޫލަށް މިއަދު ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

އެ ސްކޫލުގެ 45 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހެނދުނު ވަނީ ހާއްސަ އެސެމްބްލީއެއް ބާއްވައިފަ އެވެ. ހުޅުމާލޭގައި މިހާރު ހިންގާ ސީއެޗްއެސްއީގެ އެސެމްބްލީގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަތީ އެ ސްކޫލުގެ އިސް ދަރިވަރެއްގެ ހައިސިއްޔަތުންނެވެ.

ރައީސް ސީއެޗްއެސްއީގައި ކިޔަވާ ވިދާޅުވީ 1995 އިން 1997 އަށެވެ. މަތީ ސާނަވީ އިމްތިހާނުގައި އެ މަނިކުފާނު ވަނީ ގައުމީ ގަދަ 10 ގައި ހިމެނިފަ އެވެ.

ސީއެޗްއެސްއީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި އެސެމްބްލީގައި ރައީސް އެ ސްކޫލަށް ވަޑައިގެން އެ ސްކޫލުގެ ދަރިވަރުންނާއެކު ފޮޓޯއެއް ނަންގަވަނީ.-- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

ސީއެޗްއެސްއީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި އެސެމްބްލީގައި ރައީސް އެ ސްކޫލަށް ވަޑައިގެން އެ ސްކޫލުގެ ދަރިވަރުންނާއެކު ފޮޓޯއެއް ނަންގަވަނީ.-- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

ސީއެޗްއެސްއީގެ އަހަރީ ދުވަހުގެ ހާއްސަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު އެ ސްކޫލަށް ވަޑައިގަތުމުން، މެނޭޖްމަންޓާއި ކުދިންގެ ފަރާތުން ރަތްދޫލައިގެ ހޫނު މަރުހަބާއެއް ކިޔެވެ.

އޭގެ ތެރެއިން އެންމެ ބޮޑު ސަޕްރައިޒެއް ރައީސަށް ލިބިވަޑައިގަތީ، އެ މަނިކުފާނު ސީއެޗްއެސްއީގައި ކިޔަވާ ވިދާޅުވިއިރު ބޭނުން ކުރެއްވި އިންޑެކްސް ނަމްބަރާ އެކު، ކުދިން ހިފަހައްޓައިގެން ތިބި ބެނާއަކުންނެވެ. އެ ބެނާގައި ލިޔެފައި ވަނީ "ސީއެޗްއެސްއީ އަށް އަނެއްކާ ވެސް މަރުހަބާ" އެވެ.

ސީއެޗްއެސްއީގެ ޕްރިންސިޕަލް ޒުހުދުލް ހައްގު (ޒުހުދު) ވިދާޅުވީ އެއީ ރައީސް މުއިއްޒަށް ސަޕްރައިޒެއް ދިނުމަށް ސްކޫލުން ރޭވި ކަމެއް ކަމަށެވެ.

ސީއެޗްއެސްއީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި އެސެމްބްލީގައި ރައީސްބައިވެރިވަނީ-- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

ސީއެޗްއެސްއީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި އެސެމްބްލީގައި ރައީސްބައިވެރިވަނީ-- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

"ވަރަށް ސަޕްރައިޒް ވެފައި ހުންނެވީ އެ ފެނުނީމާ. އެއްވެސް ވަރަކަށް އެކްސްޕެކްޓެއް ނުކުރާނެ ކަން ނޭނގޭ އެ ކަހަލަ ކަމެއް ކުރައްވަފާނެ ކަމަކަށް،" ޕްރިންސިޕަލް

ރައީސްގެ އަރިހުގައި ހުންނެވި މިހާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވެސް އޭލެވެލް ކިޔަވައި ވިދާޅުވީ އެ ސްކޫލުންނެވެ.

ސީއެޗްއެސްއީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި އެސެމްބްލީގައި ރައީސް އާއި މިނިސްޓްރީގެ ބޭފުޅުން، އެ ސްކޫލުގެ ސްޓާފުންނާއެކު.-- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

ސީއެޗްއެސްއީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި އެސެމްބްލީގައި ރައީސް އާއި މިނިސްޓްރީގެ ބޭފުޅުން، އެ ސްކޫލުގެ ސްޓާފުންނާއެކު.-- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޖުލައި 3، 1979 ގައި ސައިންސް އެޑިޔުކޭޝަން ސެންޓަރުގެ ނަމުގައި ކިޔވައިދޭން ފެށީ 47 ދަރިވަރުންނާ އެކު އެވެ. މާލެ ސަރަހައްދުގައި މަތީ ސާނަވީ އަށް ކިޔަވައިދޭ ހަމައެކަނި ސްކޫލުގެ ނަން ސީއެޗްއެސްއީއަށް ބަދަލުކުރީ 2001ގަ އެވެ.

މިހާރު 1،000 އަށް ވުރެ ގިނަ ކުދިން ކިޔަވާ އެ ސްކޫލުގެ އާ އިމާރާތް، ހުޅުމާލޭގައި ހަދައި، ކިޔަވައިދޭން ފަށާފައި ވަނީ މިދިޔަ އަހަރުގެ މެދުތެރޭގަ އެވެ.