ކުރިއަށް އޮތް ދިރާސީ އަހަރު ކިޔެވުން ފެށޭއިރު، ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތަކާއި ޓީޗަރުން ތިބޭ ސްޓާފްރޫމްތައް ހުންނަނީ އޭސީ ކޮށްފައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
07 އޮކްޓޯބަރ 2025
ކުރިއަށް އޮތް ދިރާސީ އަހަރު ކިޔެވުން ފެށޭއިރު، ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތަކާއި ޓީޗަރުން ތިބޭ ސްޓާފްރޫމްތައް ހުންނަނީ އޭސީ ކޮށްފައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް އެ އަތޮޅު މަހިބަދޫ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ތައުލީމީ ދާއިރާ އަށް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ.
އެއީ އެންމެ އިސްކަންދޭ އެއް ދާއިރާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމީ އުމްރާނީ ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތް މިހާރު ފަށައި އެއްފަހަރާ ކުރިއަށް ގެންދާ ކަމަށެވެ.
ރައީސް މުއިއްޒު މަހިބަދޫގެ ރައްޔިތުންނާ މިރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
އޭގެ ތެރޭގައި އަލަށް ފަށާ މަޝްރޫއުތަކާއި މި ސަރުކާރުން ހަވާލުވިއިރު އެކި ސަބަބުތަކާހުރެ ހުއްޓިފައި ހުރި މަސައްކަތްތައް ވެސް އަލުން ފަށާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މި ސަރުކާރުން ފަށާފައިވާ، ކޫލް ސްކޫލް، ޕްރޮޖެކްޓުގެ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެ މަސައްކަތް ވެސް އަންނަ ދިރާސީ އަހަރު ފެށުމުގެ ކުރިން ނިންމަވާނެ ކަމަށެވެ.
"ކްލާސްރޫމުތައް ފިނިކޮށްދިނުމުގެ މަޝްރޫއުއެއް، މިހާރު އެ މަޝްރޫއު ހިންގަމުން އެ ގެންދަވަނީ. އަޅުގަނޑުމެން އޮންނާނީ ވައުދުވެފައި މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ސްކޫލެއްގެ ހުރިހާ ކްލާސްރޫމެއް އޭސީ ކުރާނަމޭ. އެކަން އެޑިއކޭޝަން މިނިސްޓްރީން ވަރަށް ރަނގަޅަށް ކުރިއަށް އެބަ ގެންދަވާ،" ރައީސް ވިދާޅުވި އެވެ.
"އަންނަ ދިރާސީ އަހަރަށް ކުދިން ރާއްޖޭގެ ހުރިހާ ސްކޫލަކަށް [ކިޔަވަން] ނިކުންނާނީ އޭސީ ކުރެވިފައި ހުރި ކްލާސްރޫމުތަކަށް ކިޔަވަން. އަދި ޓީޗަރުން ވެސް ބޭނުން ކުރާނީ ޓީޗަރުންގެ ސްޓާފްރޫމްތައް ވެސް ހުންނާނީ ދިރާސީ އަހަރަށް ނިކުންނައިރު އޭސީ ކުރެވިފައި."
ރައީސް މުއިއްޒު މިއަދު ހަވީރު މަހިބަދު އަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދަންނަވަން ނުކުތް މީހުންނާ ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ސްކޫލްތަކުގެ ހޯލްތައް އޭސީ ކުރުމަކީ ދެވަނަ ފިޔަވަހީގެ ތެރޭގައި ހިމަނާފައި ކަމަކަށް ވިޔަސް ވަރަށް ހާލުގައި ހުރި ތަންތަނަށް އިސްކަން ދީގެން ފަހަރަކު ތަނެއް އޭސީ ކޮށް ނިންމައި ދޭނެ ކަމަށް ރައީސް މިރޭ ވިދާޅުވި އެވެ.
ރައީސް މުއިއްޒު މަހިބަދޫގެ ރައްޔިތުންނާ މިރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ސަރުކާރު ހުރިހާ ސްކޫލެއްގެ ކްލާސްރޫމުތައް ދެ އަހަރުގެ ތެރޭގައި އޭސީ ކުރަން ނިންމައި "ކޫލް ސްކޫލް" ޕްރޮޖެކްޓް އިފްތިތާހު ކުރީ މިދިޔަ އަހަރު ޖޫން މަހު އެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވިގޮތުގައި، ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރަން ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓުގެ ސަބަބުން ދައުލަތުން މިހާރު ކުރާ ހަރަދަށްް އިތުރު ވަނީ 38 ޕަސެންޓެވެ. އެ ޕްރޮޖެކްޓްގެ 30 ޕަސެންޓަކީ ގެންދާނީ އިޔާދަކުރަނިވި ހަކަތަ ކަމަށް މިނިސްޓަރު ކުރިން ވަނީ ވިދާޅުވެފަ އެވެ.
އެ މަޝްރޫއު ކުރިއަށް ގެންދަނީ ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އެހީތެރިކަމާ އެކު، ސޯލާ ޕެނަލް ހަރުކުރެވޭނެ ސްކޫލްތައް ފާހަގަކޮށް، ކުޑަ ހަރަދެއްގަ އެވެ.
ޔުނިފޯމު 2027ގައި ބަދަލުވާ ގޮތުގެ ނަމޫނާ ފޮނުވައިފި
ވޮކޭޝަނަލް ތަމްރީނަށް ހާއްސަ ސްކޫލު ހުޅުވައިފި
15 އަހަރަށް ފަހު ދަރިވަރުން ކޭމްޕަށް ދާނެ ތަނެއް
އޭއައިއިން ކިޔަވައިދޭން ޓީޗަރުން ތަމްރީނުކުރަނީ
މި އަހަރުގެ ޕްރިންސިޕަލުންގެ ކޮންފަރެންސް ފަށައިފި
އދ. ދިއްދޫން އެދެނީ ސެޓެލައިޓް ސްކޫލް އުވާލަން
"އެޗްއެސްސީ ޕޭޕަރުގެ ދޭހަ އެއްގޮތްވީ އިއްތިފާގަކުން"
ހުޅުމާލެ 2 ގެ އާ ސްކޫލްގެ ނަމަކީ ޝަހީދު އަލީ
ހުޅުމާލެ 2 ގެ އާ ސްކޫލްގެ ޖާގަ ހުޅުވާލައިފި
ހުޅުމާލޭ ޣާޒީ ސްކޫލަށް 18 ކްލާސްރޫމް އިތުރުކުރަނީ