Roadha Mihaaru
ހުޅުމާލޭގައި ރެސިޑެންޝިއަލް 10 ޓަވަރު އަޅަނީ

ހުޅުމާލޭގައި 14 ބުރިއަށް ވުރެ އުސްކޮށް ރެސިޑެންޝިއަލް 10 ޓަވަރު އަޅާނެ ބަޔަކު ހޯދަނީ

03 ޖުލައި 2024

ހުޅުމާލެ 2 ގައި 14 ބުރިއަށް އަދި އެއަށް ވުރެ އުސްކޮށް ރެސިޑެންޝިއަލް 10 ޓަވަރު އަޅާނެ ބަޔަކު ހޯދަން އެޗްޑީސީން މިއަދު އިއުލާންކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހުޅުމާލެ 2 ގައި 14 ބުރިއަށް އަދި އެއަށް ވުރެ އުސްކޮށް ރެސިޑެންޝިއަލް 10 ޓަވަރު އަޅާނެ ބަޔަކު ހޯދަން އެޗްޑީސީން މިއަދު އިއުލާންކޮށްފި އެވެ.

އެޗްޑީސީން ވަނީ މި މަޝްރޫއު ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

އެއީ، ހުޅުމާލެ 2 ގައި މީހުންނަށް ދިރިއުޅެވޭނެ ގޮތަށާއި ވިޔަފާރި ކުރެވޭނެ ގޮތަށާއި ޕާކިން އާއި އިތުރު އާންމު ހިދުމަތްތަކާ އެކު ހަދާ މިކްސްޑް ޔޫސް ރެސިޑެންޝިއަލް އިމާރާތްތަކެއް ކަމަށް ވެސް އެ ކުންފުނީގެ އިއުލާނުގައި ބުންޏެވެ.

ހުޅުމާލެ 2 ގައި ހުންނަ ހިޔާ ފްލެޓްތަކުގެ އުތުރަށް އޮންނަ ބޮޑު ބިމުން ބައެއް ވިއްކައިގެން ހިންގާ މި މަޝްރޫއު ހަވާލު ކުރާނެ ފަރާތެއް ކަނޑައަޅާނީ އެޗްޑީސީގެ ސިޔާސަތުތަކާ ގުޅޭ ގޮތަށް އެންމެ ފުރިހަމަ ޕްރޮޕޯސަލްއަކާއި އަގެއް ހުށަހަޅާ ފަރާތަކަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެ އިއުލާނާ އެކު އާންމުކޮށްފައިވާ ބިމާ ބެހޭ ތަފުސީލުގައިވާ ގޮތުން އެއީ 9،000 އަކަފޫޓާއި 15،100 އަކަފޫޓާ ދެމެދުގެ 10 ބިމެވެ. އެ ބިންތަކުގައި އިމާރާތްކުރަން ޖެހެނީ 14 ބުރީގެ ހަ ޓަވަރާއި 20 ބުރީގެ ދެ ޓަވަރު އަދި 15 ބުރީގެ ދެ ޓަވަރެވެ.

ރެސިޑެންޝިއަލް އިމާރާތް އެޅުމަށް ހުޅުމާލެ 2 އިން ދޫކުރާ ސަރަހައްދު.

ރެސިޑެންޝިއަލް އިމާރާތް އެޅުމަށް ހުޅުމާލެ 2 އިން ދޫކުރާ ސަރަހައްދު.

އީއޯއައި ހުށަހަޅަން ވަކި މުއްދަތެއް ދީފައެއް ނުވެ އެވެ.

ހުޅުމާލެ 2 ގައި ކޮމާޝަލް އިމާރާތްތަކެއް އަޅަން އީއޯއައި ހުށަހެޅުމުގެ ފުރުސަތު ވެސް އެޗްޑީސީން މިއަދު ވަނީ ހުޅުވާލައިފަ އެވެ. އެއީ ވެސް ހުޅުމާލެ 2 ގެ އިރުމަތީ ފަރާތުން ހަތަރު ބިމެއްގަ އެވެ. ހަތަރު ބުރިއަށް ނަގަން ޖެހޭ އެ އިމާރާތްތައް ހަދަން ވިއްކާ ބިންތަކަކީ 4،000 އަކަފޫޓާއި 11،015 އަކަފޫޓާ ދެމެދުގެ ބިންތަކެވެ.