Roadha Mihaaru
ފްލެޓުގެ ބޮޑު މަޝްރޫއު ފެށުން ފަސްކޮށްފި

ފްލެޓުގެ ބޮޑު މަޝްރޫއު އިފްތިތާހު ކުރުން ހުކުރު ދުވަހުގެ ރެ އަށް ފަސްކޮށްފި

15 ނޮވެމްބަރ 2017

ހުޅުމާލޭން 80،000 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއު ފެށުމަށް މިރޭ ބޭއްވުމަށް ހަމަޖެއްސި ހަފުލާ އަންނަ ހުކުރު ދުވަހުގެ ރެ އަށް އެކަން ފަސްކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ހުޅުމާލޭން 80،000 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއު ފެށުމަށް މިރޭ ބޭއްވުމަށް ހަމަޖެއްސި ހަފުލާ އަންނަ ހުކުރު ދުވަހުގެ ރެ އަށް އެކަން ފަސްކޮށްފި އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނީ ހުޅުމާލޭ ފޭސް-2 ގައި ބޭއްވުމަށް ހަމަޖައްސާފައި އޮތް ރަސްމިއްޔާތު ފަސްކުރީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. އެ ރަސްމިއްޔާތު ފައްޓަވައި ދެއްވުމަށް ހަމަޖައްސާފައި އޮތީ ރައީސް އަބްދުﷲ ޔާމީނެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވުމަށް އާއްމުކޮށް ހުޅުވާލައި، ގިނަ ބަޔަކަށް ވަނީ ދައުވަތު ފޮނުވައިފަ އެވެ.

އެޗްޑީސީން ބުނެފައިވާ ގޮތުގައި ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ބޯހިޔާވަހިކަން ދޭ މި މަޝްރޫއަކީ ދިވެހި ރައްޔިތުންނަށް މިހާތަނަށް ދޭ އެންމެ އުފާވެރި ޚަބަރެވެ. އަދި ރާއްޖޭގައި ފަށާ އެންމެ ބިޔަ މި މަޝްރޫއުގެ ދަށުންް، ބޯހިޔާވަހި ކަމަށް ބޭނުންވެފައިވާ ގިނަ ބަޔަކަށް އޭގެ ފުރުސަތު ލިބޭނެ ކަމަށް އެތަނުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި މި މަޝްރޫއުގެ ދަށުން 14 ބުރީގެ 25 ޓަވަރު އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ގޮތުގައި 240 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، އެތަނުގައި 15،000 ހައުސިން ޔުނިޓު އެޅުމަށް އެޗްޑީސީން ވަނީ ކުރިން ނިންމައިފަ އެވެ. އެކަމަކު 80،000 މީހުންގެ ތެރޭގައި، މި ހައުސިން ޔުނިޓްތައް ދޭ މީހުން ހިމެނޭ ކަމެއް އަދި ނޭނގެ އެވެ.

ސަރުކާރުން އަންނަނީ އެކި އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ދޭނެ ކަމުގެ ޔަގީންކަން ދެމުންނެވެ. އެގޮތުން ފުލުހުންނާއި ސިފައިންނަށް ހާއްސަ ފްލެޓްތައް އަޅަން ފަށާފައިވާއިރު ޑޮކްޓަރުންނާއި ނަރުހުންނަށް ވެސް ފްލެޓް ދޭނެ ކަމަށް ބުނެފައި ވެ އެވެ. އަދި ކަސްޓަމްސް އާއި އިމިގްރޭޝަނާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އަދި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީގެ މުވައްޒަފުންނަށް ފްލެޓް ދޭން ނިންމާފައިވާކަން އެނގިފައި ވެ އެވެ.