Roadha Mihaaru
ކުންފުނިތަކާއި ޔުނިވާސިޓީގެ މުވައްޒަފުންނަށް ފްލެޓް ދެނީ

ކުންފުނިތަކާއި ޔުނިވާސިޓީގެ މުވައްޒަފުންނަށް ފްލެޓް އަޅަން ސޮއިކޮށްފި

17 ނޮވެމްބަރ 2017

ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ޔުނިވާސިޓީތަކުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ފްލެޓް އަޅަން ނިންމައި އެ މަޝްރޫއުގައި އިއްޔެ ސޮއިކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ޔުނިވާސިޓީތަކުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ފްލެޓް އަޅަން ނިންމައި އެ މަޝްރޫއުގައި އިއްޔެ ސޮއިކޮށްފި އެވެ.

ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ސަރުކާރު ނިސްބަތްވާ ކުންފުނިތަކާއި ގައުމީ ޔުނިވާސިޓީގެ އިތުރުން އިސްލާމިކް ޔުނިވާސިޓީގެ މުވައްޒަފުންނަށް ފްލެޓް އަޅަން އެ ފަރާތްތަކާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ ފްލެޓްތައް އިމާރާތް ކުރަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ސަރަހައްދުގަ އެވެ.

މި މަޝްރޫއުގައި، ސަރުކާރުން ކުންފުނިތަކަށް ދެނީ ބިމެވެ. އެ ތަނުގައި ފްލެޓް އަޅާނީ އެ ކުންފުންޏަކުން އަމިއްލަ އަށެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ ކުންފުނިތަކުގެ މުވައްޒަފުންނަށް ފްލެޓް އަޅަން ސޮއިކޮށްފައިވާ އެއްބަސްވުމުގެ ތަފްސީލުތައް އަންނަ ހަފުތާގައި ހާމަކުރާނެ ކަމަށެވެ.

މީގެ ކުރިން ވަނީ ޑޮކްޓަރުންނާއި ކަސްޓަމްސް މުވައްޒަފުންގެ އިތުރުން އިމިގްރޭޝަން މުވައްޒަފުންނާއި ސިފައިންނާއި ފުލުހުންނަށް ފްލެޓް ދޭން ނިންމައިފަ އެވެ.

ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން، ހުޅުމާލޭގައި 80،000 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއު މާދަމާ ރޭ އިފްތިތާހުކުރާގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

އެޗްޑީސީން ބުނެފައިވާ ގޮތުގައި ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ބޯހިޔާވަހިކަން ދޭ މި މަޝްރޫއަކީ ދިވެހި ރައްޔިތުންނަށް މިހާތަނަށް ދޭ އެންމެ އުފާވެރި ޚަބަރެވެ. އަދި ރާއްޖޭގައި ފަށާ އެންމެ ބިޔަ މި މަޝްރޫއުގެ ދަށުންް، ބޯހިޔާވަހި ކަމަށް ބޭނުންވެފައިވާ ގިނަ ބަޔަކަށް އޭގެ ފުރުސަތު ލިބޭނެ ކަމަށް އެތަނުން ބުންޏެވެ. އެނގިފައިވާ ގޮތުގައި މި މަޝްރޫއުގެ ދަށުން 14 ބުރީގެ 25 ޓަވަރު އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ގޮތުގައި 240 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، އެތަނުގައި 15،000 ހައުސިން ޔުނިޓު އެޅުމަށް އެޗްޑީސީން ވަނީ ކުރިން ނިންމައިފަ އެވެ.