Roadha Mihaaru
ވެހިކަލް ބޭނުންކުރެވޭ މުއްދަތު ކަނޑައަޅަން ސާވޭއެއް

މާލޭގައި ވެހިކަލް ބޭނުންކުރެވޭނެ މުއްދަތު ކަނޑައަޅަން އެސެސްމެންޓެއް ހަދަނީ

05 ޖުލައި 2024

މާލޭގައި އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުން ކުރެވޭނެ މުއްދަތު ކަނޑައެޅުމަށް ސާވޭއެއްކޮށް އެކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާތީ އެސެސްމެންޓެއް ހަދަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލޭގައި އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުން ކުރެވޭނެ މުއްދަތު ކަނޑައެޅުމަށް ސާވޭއެއްކޮށް އެކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާތީ އެސެސްމެންޓެއް ހަދަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި އެ އެސެސްމެންޓް ހަދައިދޭނެ ފަރާތެއް ހޯދަން ވަނީ އިއުލާނުކޮށްފަ އެވެ.

އެކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުސަތު އިއްޔެ ހުޅުވާލާފައިވާއިރު، މިމަހުގެ 18 ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން އަގު ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

މާލޭ ސަރަހައްދުގައި ވެހިކަލްތަކާ ގުޅޭ އެސެސްމެންޓެއް ހަދަން ކައުންސިލުން ނިންމާފައިވާއިރު، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދުބާއީއަށް ކުރެއްވި ދަތުރުގައި، މާލޭގައި ޓްރެފިކް ތޮއްޖެހުން ކުޑަކުރަން ދުބާއީގެ ޓެކްނޮލޮޖީ އެހީތެރިކަން ހޯދަން ނިންމައިފައިވާކަން ވަނީ އިއުލާން ކުރައްވައިފަ އެވެ.

މިދިޔަ ފަސް އަހަރުގެ ތެރޭގައި 69،780 އުޅަނދު އަލަށް ރަޖިސްޓަރީ ކޮށްދީފައިވެ އެވެ. އޭގެ ތެރެއިން 42،000 އަށް ވުރެ ގިނަ އުޅަނދު ރަޖިސްޓަރީކުރީ މާލެ އަށް ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުންޏެވެ.