Roadha Mihaaru

ރަސޫލާގެ ދިރިއުޅުއްވުމުން އިބުރަތް ލިބި އިސްރާފާއި ބޭކާރު ހަރަދުތައް ނުކުރުމުގެ އާދަ ހިފަހައްޓަން ޖެހޭ: ރައީސް

ކީރިތި ރަސޫލާގެ މުޅި ދިރިއުޅުއްވުމުން ވެސް ފެންނާން އޮތީ ނަމޫނާ ލިބިގަންނަން ޖެހޭ މިސާލުތައް ކަމަށާއި އެކަލޭގެފާނުގެ ދިރިއުޅުއްވުމުން އިބުރަތް ލިބި އިސްރާފާއި ބޭކާރު ހަރަދުތައް ނުކުރުމުގެ އާދަ އެންމެން ވެސް ހިފަހައްޓަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އިސްރާފު ނުކުރުމުގެ އާދަ ހިފަހައްޓަން ޖެހޭ: ރައީސް
އިފްރާޒް އަލީ
އިފްރާޒް އަލީ

06 ޖުލައި 2024

ކީރިތި ރަސޫލާގެ މުޅި ދިރިއުޅުއްވުމުން ވެސް ފެންނާން އޮތީ ނަމޫނާ ލިބިގަންނަން ޖެހޭ މިސާލުތައް ކަމަށާއި އެކަލޭގެފާނުގެ ދިރިއުޅުއްވުމުން އިބުރަތް ލިބި އިސްރާފާއި ބޭކާރު ހަރަދުތައް ނުކުރުމުގެ އާދަ އެންމެން ވެސް ހިފަހައްޓަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ މަދީނާގައި ރަސޫލާ ކުރެއްވި މަސައްކަތްޕުޅުތަކުގެ ކާމިޔާބުން ލިބޭ އެއް ފިލާވަޅަކީ ގައުމެއްގެ ކުރިއެރުމަށްޓަކައި ރައްޔިތުންގެ އެއްބައިވަންތަވުން މުހިންމު ކަން ކަމަށެވެ.

އާއިލާތައް ބަދަހިވާން ޖެހޭ ކަމާއި މުރާލިކަމާއި ހީވާގިކަމާ އެކު މަސައްކަތްކުރަން ޖެހޭ ކަމާއި އަވަށްޓެރިކަމުގެ ގުޅުންތައް ދަމަހައްޓަން ޖެހޭ ކަމާއި ކޮންމެ ފަރުދަކު ވެސް ފުދުންތެރި ދިރިއުޅުމަކަށް އަމާޒު ހިފަން ޖެހޭ ކަން ކަމަށް ރައީސް ވިދާޅުވި އެވެ.

"އިސްރާފު ނުކުރުމާއި ބޭކާރު ހަރަދުތައް ދޫކޮށްލުމުގެ އާދަ އެންމެން ހިފައިފި ނަމަ، މުޅި ގައުމުގެ އިގުތިސާދު ހަރުދަނާވާނޭ ކަމެވެ. އެންމެންގެ މަންފާއަށްޓަކައި އެކަށައެޅިފައިވާ ގާނޫނުތަކާއި އުސޫލުތައް ތަންފީޒުވާން ޖެހޭ ކަމެވެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހިޖުރީ އާ އަހަރެއްގައި ދިވެހީން އެއްބައިވަންތަވެ، މިއަދު އާ ކުރަންވީ އެއް އަޒުމަކީ ގައުމުގެ ކަންކަން އިސްލާހު ކުރުމުގައި އެންމެން އެކަތިގަނޑަކަށް ވުން ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މިދިޔަ އަހަރުތަކުގައި އަޅައިނުލެވި ދޫކޮށްލާފައި ހުރުމުގެ ސަބަބުން ދިވެހި ފަސްގަނޑުގައި ރާއްޖޭގެ ގާނޫނުތަކާ ހިލާފަށް އެތައް ބިދޭސީއަކު ދަނީ ދިރިއުޅެމުންނެވެ. މަސްތުވާތަކެއްޗާއި ގޭންގު ކުށްތައް ފަދަ ކަންކަން ހުއްޓުވައި މީހުންނަށް ހެޔޮ ވިސްނައިދިނުމުގައި މުޖުތަމައު ވަނީ އިހުމާލުވެފަ އެވެ. އަދި ލިބޭ އެއްޗަކުން ދެކޮޅު ޖެއްސުމާއި ހަރަދުބަރަދުތައް ކުޑަކުރުން ކަހަލަ އާދަތަކަށް އަހުލުވެރިވުން ވެސް ކުޑަ އެވެ.

"މާނަވީ ގޮތުން ބަލާއިރު، ހިޖުރަކުރުމުގެ މާނައަކީ ވެސް އިންސާނާ ހުރި ހާލަތުން، އެއަށް ވުރެ ރަނގަޅު ހެޔޮ ގޮތްތަކަކަށް ރުޖޫއަވުމެވެ. ވީމާ، އާ އަހަރާ އެކު އަޅުގަނޑުމެންގެ އަޒުމަކަށް ވާންވީ، ދިވެހިރާއްޖޭގެ މާދަމާގެ ސަލާމަތާއި ފުދުންތެރިކަމާއި ތަމައްދުނަށްޓަކައި ސަރުކާރުން ފަށާފައިވާ އިސްލާހީ އަދި ބިނާކުރަނިވި މަސައްކަތްތަކަށް އެއްބާރުލުން ދެއްވުމެވެ. އެންމެން އެއް ރޫހެއްގައި މި ގައުމުގެ ކުރިމަގަށްޓަކައި މަސައްކަތް ފެށުމެވެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހިޖުރީ އާ އަހަރެއް އަނެއްކާވެސް ބައްދަލުކުރި އިރު، މުޅި އިސްލާމީ އުންމަތަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ފަލަސްތީނުގެ މުސްލިމް އަހުންނާއި އުހުތުންނަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި ހަނގުރާމައިގެ ނާމާން ހާލަތް ކަމަށެވެ. މުޅި އުންމަތަށް ކުރިމަތިވެފައިވާ މި ކަހަލަ ހުރިހާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި "މިއީ އެއް އުންމަތެއްކަމުގައި" ކީރިތި ގުރުއާނުގައި ދެއްވާފައިވާ މަތިވެރި އިރުޝާދު ނަގަހައްޓައި މުސްލިމުންގެ މެދުގައި އޮތް އެހީތެރިކަމާއި އެއްބާރުލުމާއި ގުޅުންތައް ވަރުގަދަކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ، އިސްލާމީ އުންމަތުގެ ހައްގުގައި އަޑުއުފުލުމަށް އިސްނަގައި އަދި އުންމަތުގެ ކުރިއެރުމަށްޓަކައި ޖޯޝާ އެކު މަދަދުދޭ ބަޔެއްގެ ގޮތުގައި ދިވެހީން އަބަދު ވެސް ދެމި ތިބޭނަމެވެ،" ރައީސް ވިދާޅުވި އެވެ.