Roadha Mihaaru
ގާޒީ އަހްމަދު ރަޝީދުގެ ސައިކަލްގައި ރޯކޮށްލައިފި

ސަސްޕެންޑްކޮށްފައި ހުރި ގާޒީ އަހްމަދު ރަޝީދުގެ ސައިކަލްގައި ރޯކޮށްލައިފި

16 އޮކްޓޯބަރ 2017

ސަސްޕެންޑްކޮށްފައި ހުރި، ކްރިމިނަލް ކޯޓުގެ ގާޒީ އަހްމަދު ރަޝީދުގެ ސައިކަލްގައި ރޭ ރޯކޮށްލައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސަސްޕެންޑްކޮށްފައި ހުރި، ކްރިމިނަލް ކޯޓުގެ ގާޒީ އަހްމަދު ރަޝީދުގެ ސައިކަލްގައި ރޭ ރޯކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި ހުޅުމާލޭގެ ޕާކިން ޒޯނެއްގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ރޯކޮށްލި މައްސަލައެއް އަންނަނީ ތަހުގީގުކުރަމުންނެވެ. ސައިކަލްގައި ރޯކޮށްލުމުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ގާޒީ އަހްމަދުގެ ޕީސީއެކްސް ސައިކަލްގައި ރޯކޮށްލީ ރޭ ދަންވަރު 12 ޖަހާކަންހާއިރު އެވެ.

ވަކީލުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އިންތިޚާބުކުރި މެމްބަރުގެ ގޮތުގައި ކުރިން އެ ކޮމިޝަންގައި މަސައްކަތް ކުރެއްވި އަހުމަދު ސަސްޕެންޑް ކުރި ސަބަބެއް ރަސްމީކޮށް އެނގިފައެއް ނުވެ އެވެ. އެކަމަކު ކަމުގެ ހަގީގަތް އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވެފައިވާ ގޮތުގައި ޖޭއެސްސީން އަހުމަދަށް ފިޔަވަޅު އެޅީ، ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރު އާދަމް އާރިފްއާ ދިމާލަށް ވިދާޅުވި އެއްޗަކާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުގައި އަހުމަދު މަސައްކަތް ކުރައްވާތާ ގާތްގަނޑަކަށް ތިން އަހަރު ވަނީ ވެފަ އެވެ. އޭނާ ފަހަކަށް އައިސް އާންމުކޮށް ބައްލަވަނީ ޓެރަރިޒަމާއި ބޮޑެތި މާރާމާރީގެ މައްސަލަތަކެވެ.