Roadha Mihaaru
ދަރިވަރުންނަށް ފައިސާ ނުފޮނުވާ ކަމުގެ ޝަކުވާ!

ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ނުފޮނުވާ ކަމަށް ބުނެ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

08 ޖުލައި 2024

ސަރުކާރުގެ ހަރަދުގައި ރާއްޖެ އިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް މިހާރު ފައިސާ ފޮނުވުން ހުއްޓާލާފައިވާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ސަރުކާރުގެ ހަރަދުގައި ރާއްޖެ އިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް މިހާރު ފައިސާ ފޮނުވުން ހުއްޓާލާފައިވާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕް ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިމް ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 12 މެންބަރެކެވެ. ނުފެންނަ ކަމަށް 59 މެންބަރުން ވޯޓު ދެއްވި އެވެ. އެހެންވެ، އެ މައްސަލަ އަށް ބަހުސް ކުރަން ފާހެއް ނުވި އެވެ.

ކުއްލި މައްސަލާގައި ނާޒިލް ވިދާޅުވީ، ބޭރަށް ކިޔަވަން ދާން ބޭނުންވާ ޖުމްލަ 10،000 އަށް ވުރެ ގިނަ ދަރިވަރުންނަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ތަނަވަސް ކޮށްދީފައިވާ ކަމަށެވެ.

ސަރުކާރުގެ ސްކޮލަޝިޕާއި ލޯން ސްކީމްގެ ދަށުން ފޮނުވާފައިވާ އެ ދަރިވަރުންނަށް މި ސަރުކާރުން ފައިސާ ނުދީ ލަސް ކުރަމުންދާ ކަމަށް ނާޒިލް ވިދާޅުވި އެވެ. ބައެއް ދަރިވަރުންނަށް އެ ފައިސާ ޖަމާކުރުން ހުއްޓާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ދަރިވަރުންނަށް ދަތިތަކާ ކުރިމަތިވެ، ކޯސް ފީތައް ނުދެއްކި، ކޮލެޖުތަކުން އިންޒާރު ދީފައިވާ ކަމަށް ނާޒިލް ވިދާޅުވި އެވެ. ބައެއް ދަރިވަރުން ދިރިއުޅޭ ތަންތަނަށް ކުލި ދައްކަން ވެސް ދަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އާއިލާއާ ދުރުގައި ރާއްޖެ އިން ބޭރުގައި ދިރިއުޅެމުން ދާއިރު އެ ކުދިން ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ނުކުރެވި އެކި ފަރާތްތަކުގެ އެހީތެރިކަމަށް އެދި ސަލާން ޖަހަން ޖެހޭ ހާލަތަށް އާއިލާ ވަނީ ގޮސްފައި،" ނާޒިލް ވިދާޅުވި އެވެ.

އެ ފައިސާ މިހާރުން މިހާރަށް ޖަމާ ކުރުމަކީ މަތީ ތައުލީމާ ބެހޭ މިނިސްޓަރުގެ ޒިންމާއެއް ކަމަށް ނާޒިލް ވިދާޅުވި އެވެ. މިހާރުން މިހާރަށް އެ ފައިސާ ޖަމާ ކުރުމަށް އޭނާ ވަނީ ސަރުކާރަށް ގޮވާލާފައި އެވެ.

އެ މައްސަލަ އާ ގުޅިގެން ސަރުކާރުގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.

ނަމަވެސް އެ މައްސަލަ ބޭރު ކޮށްލުމަށް ފަހު ތަޅުމުގައި އެކަމާ ބެހޭ ގޮތުން ވާހަކަ ދެއްކެވި ބައެއް މެންބަރުން ވަނީ ސަރުކާރުން ފައިސާ ޖަމާކުރަމުން އަންނަ ކަމަށާއި ނުދެވި ހުންނާނީ ކުރީގެ ސަރުކާރުން ނުދީ ހުރި ފައިސާތަކެއް ކަމަށް ވިދާޅުވެފަ އެވެ.