Roadha Mihaaru
ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅު، ހަރަދު ކުޑަވެއްޖެ

ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅު، ހަރަދު ކުޑަވެއްޖެ

08 ޖުލައި 2024

ރާއްޖޭގެ އިގުތިސާދީ އަދި މާލީ ހާލަތަށް ރިއާއަތްކޮށް، ސަރުކާރުން މިހާތަނަށް އެޅި ފިޔަވަޅުތަކުން ދައުލަތުގެ ހިންގުމުގެ ހަރަދު ކުޑަވެއްޖެ އެވެ.

ރާއްޖޭގެ އިގުތިސާދީ އަދި މާލީ ހާލަތަށް ރިއާއަތްކޮށް، ސަރުކާރުން މިހާތަނަށް އެޅި ފިޔަވަޅުތަކުން ދައުލަތުގެ ހިންގުމުގެ ހަރަދު ކުޑަވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު ނެރޭ މާލީ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހުގެ 20 ވަނަ ދުވަހާ ހަމައަށް ދައުލަތަށް އެންމެ ބުރަ ބޮޑު ރިކަރަންޓު ހަރަދުތައް ހުރީ 14.2 ބިލިއަން ރުފިޔާގަ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 900 މިލިއަނެއްހާ ރުފިޔާގެ ދަށްވުމެކެވެ.

މި މުއްދަތުގެ ތެރޭގައި ދައުލަތުން މުސާރަ އަށް ކުރޭ ހޭދަ ވެސް ވަނީ ދަށްވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މުސާރަ އާއި ޕެންޝަން ދިނުމަށް އެކަނި 5.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، މި އަހަރުގެ އެ މުއްދަތާ ހަމައަށް އެ އަދަދު ވަނީ 5.5 ބިލިއަނަށް ދަށްވެފަ އެވެ.

އިދާރީ ހިންގުމުގެ ހަރަދުތަކުގެ ތެރޭގައި އެންމެ ބޮޑު ހޭދައެއް ކުރާ އާސަންދަ އާއި ސަބްސިޑީ ދޭން ކުރާ ހަރަދު ވެސް މިދިޔަ އަހަރާ ބަލާއިރު ވަނީ ކުޑަކޮށްފަ އެވެ.

އާސަންދަ އަށް މިދިޔަ އަހަރު 1.1 ބިލިއަން ރުފިޔާ ހަރަދުވެފައިވާ އިރު، އެ އަދަދު ޖޫން 20 އާ ހަމައަށް ވަނީ 900 މިލިއަނެއްހާ ރުފިޔާއަށް ދަށްވެފަ އެވެ. އަދި މިދިޔަ އަހަރު 1.9 ބިލިއަން ރުފިޔާގައި ހުރި ސަބްސިޑީއަށް ކުރި ހޭދަ، މި އަހަރުގެ މި މުއްދަތުގައި ވަނީ 1.7 ބިލިއަން ރުފިޔާއަށް ކުޑަވެފަ އެވެ.

ރިކަރަންޓުގެ އިތުރުން، މި އަހަރުގެ މިހާތަނަށް ކެޕިޓަލް ހަރަދުތައް ވެސް ވަނީ ތިން ބިލިއަނެއްހާ ރުފިޔާއިން ދަށްވެފަ އެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހާ ހަމައަށް ދައުލަތުގެ އާމްދަނީ އަށް ބަލާއިރު، ޓެކްސް އާމްދަނީ އިތުރުވެފައި ވިޔަސް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، ޖުމްލަ އާމްދަނީ ދަށެވެ.

މި އަހަރުގެ މި މުއްދަތުގައި 15.4 ބިލިއަން ރުފިޔާގައި ހުރި ޖުމްލަ އާމްދަނީ އަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާގެ ދަށްވުމެކެވެ.