Roadha Mihaaru
ފުރަތަމަ ބަލަންވީ ސިޔާސީ މުވައްޒަފުން މަދުކުރެވޭތޯ: ފައްޔާޒް

ފުރަތަމަ ބަލަންވީ ސިޔާސީ މުވައްޒަފުން މަދުކުރެވޭތޯ: ފައްޔާޒު

08 ޖުލައި 2024

ދައުލަތުގެ ހަރަދު ކުޑަކުރުމަށްޓަކައި ފުރަތަމަ ކުރަންވީ ކަމަކީ ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދައުލަތުގެ ހަރަދު ކުޑަކުރުމަށްޓަކައި ފުރަތަމަ ކުރަންވީ ކަމަކީ ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކައުންސިލަރުންނާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަދަދު މަދުކުރުން ފަދަ ދައުލަތުގެ ނިޒާމީ ކަންކަމަށް ބަދަލު ގެނައުމުގެ ކުރިން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ފުޅާ ދާއިރާއެއްގައި ހޯދަން ޖެހޭ ކަމަށެވެ. ނަމަވެސް އޭގެ ކުރިން މި ވަގުތު އިސްކަންދޭންވީ މިހާރުން މިހާރަށް ކުރެވެން ހުރި ކަންކަން ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ކައުންސިލަރުންގެ އަދަދު މަދުކޮށް، މަޖިލިހުގެ މެމްބަރުންގެ އަދަދު ވެސް މަދުކުރާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރޭ އިއުލާން ކުރައްވައިފަ އެވެ.

ހަރަދުތައް ކުޑަކުރަން ރައީސް ހުށަހެޅުއްވި މި ބަދަލުތަކަށް ފައްޔާޒު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

"މާލިއްޔަތު ރަނގަޅު ކަމަށް ވަޒީރުން ވިދާޅުވާއިރު އާންމު ރައްޔިތުން ހިތި ބޭސް ބޯންޖެހޭ ވާހަކަ ދެއްކީމާ މާލިއްޔަތު އަދި އިގުތިސާދު ރަނގަޅަށް އޮތަސް ރައްޔިތުން އަދި އިންވެސްޓަރުންނާއި ފައިނޭންސަރުންގެ އިތުބާރު ގެއްލި ނުބައި ދިމާލަކަށް ގޮސްދާނެ،" ފައްޔާޒު ވިދާޅުވި އެވެ.

"ވިޔަފާރިތަކާއި ކިޔަވަން ބޭރުގައި ތިބި ދަރިވަރުންނަށް ދޭން ޖެހޭ ފައިސާ ދޭނެ ގޮތެއްގެ ވާހަކަ ސަރުކާރުން ހާމަކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ދެކެވަޑައިގަންނަވާ ގޮތުގައި، ސަރުކާރުން ގެންނަން ހުށަހަޅާފައިވާ ބަދަލުތަކުގައި އިހުލާސްތެރިކަން ހުރި ތަނެއް ނުފެނެ އެވެ.

ސަރުކާރުގެ ހަރަދުގައި ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް މިހާރު ފައިސާ ފޮނުވުން ހުއްޓާލާފައިވާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅި ކުއްލި މައްސަލަ ވެސް ވަނީ ބޭރުކޮށްލައިފަ އެވެ.

އެކަމަށް ވެސް ފާޑުކިޔުއްވާ ފައްޔާޒް ވިދާޅުވި ގޮތުގައި، ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި، ސަރުކާރުން ވައުދުވެފައިވާ ގޮތަށް ކަންކަން އަދި ގައުމުގެ ހާލަތު އޮތްގޮތް މުޅިން ސާފުވާ ގޮތަށް ހާމަކުރަން ޖެހެ އެވެ.

"ސިޔާސީ މުވައްޒަފުން ކިހާވަރެއްތޯ، ރައްރަށުގެ ކައުންސިލަރުން މަދުކުރުމުގެ ކުރިން ސިޔާސީ މުވައްޒަފުން ވައުދާ އެއްގޮތަށް މަދުކުރޭތޯ، މިކަންކަން ހާމަކުރުމަކީ އެއްވެސް ވަރަކަށް އުނދަގޫ ކަމެއް ނޫން އަދި މި ވަގުތު ވެސް ސަރުކާރަށް އެނގެން ޖެހޭ މައުލޫމާތު. ނޭނގޭ ނަމަ އެއީ އަދި މާ ކަންބޮޑުވާން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ސިޔާސީ މަގާމްތަކަށް އައްޔަން ކޮށްފައިވާ މީހުންގެ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހަރަދު ކުރާ އަދަދު ހާމަ ނުކުރާތީ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ ވެސް މިދިޔަ ހަފުތާގައި ވަނީ ބޭރުކޮށްލައިފަ އެވެ.

އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި، ސަރުކާރުން ކުންފުނިތަކަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް، ހައްދެއް ނެތި މީހުން ވަޒީފާ އަށް ދަނީ ވައްދަމުންނެވެ. އޭގެ ސަބަބުން މުސާރައިގެ ގޮތުގައި ކުރަން ޖެހޭ ހަރަދު ބޮޑުވެ، އެ ކުންފުނިތައް ހިންގުމަށް ދަތިވާ ހާލަތަށް ވަނީ ގޮސްފަ އެވެ.