Roadha Mihaaru
ކިމްޗީ ކެއުން ވަގުތީ ގޮތުން ހުއްޓާލަން އަންގައިފި

ކިމްޗީ ކެއުން ވަގުތީ ގޮތުން ހުއްޓާލަން އަންގައިފި

09 ޖުލައި 2024

ދެކުނު ކޮރެއާގައި 1،000 އަށް ވުރެ ގިނަ މީހުންނަށް ނޮރޯވައިރަސް ޖެހުނީ ތައްޔާރީ ކާނާއެއް ކަމަށްވާ ކިމްޗީ ކައިގެން ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ދެކުނު ކޮރެއާގައި 1،000 އަށް ވުރެ ގިނަ މީހުންނަށް ނޮރޯވައިރަސް ޖެހުނީ ތައްޔާރީ ކާނާއެއް ކަމަށްވާ ކިމްޗީ ކައިގެން ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

އެ ގައުމުގެ ނަމްވޮން ސިޓީގެ އޮފިޝަލުން މިދިޔަ ހުކުރު ދުވަހު ނެރުނު އިއުލާނެއްގައި ބުނީ މިހާތަނަށް އެ ވައިރަސް ޖެހިފައިވާ 966 މީހުން ފެނިފައިވާ ކަމަށެވެ. ނަމަވެސް، ބައެއް މީޑިއާ ރިޕޯޓްތަކުގައިވާ ގޮތުގައި، މިހާރު އެ އަދަދު ހުރީ 1،000 އިން މަތީގަ އެވެ.

އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި، މިހާރު މި ބަލި ޖެހިފައި ތިބި ގިނަ މީހުންނަކީ ސްކޫލް ދަރިވަރުންނެވެ. އެ ގައުމުގައި އާންމުކޮށް ކައިބޮއެ އުޅޭ ކެބޭޖުން ހަދާ މި ކާނާ ނުވަތަ ކިމްޗީ އަކީ ސްކޫލްތަކުގެ ކެންޓީނުތަކުގައި އާންމުކޮށް ވިއްކަން ހުންނަ އެއްޗެކެވެ.

މި ވައިރަސް ޖެހުމުން އާންމުކޮށް ފެންނަ ހޮޑުލުމާއި ބޭރަށް ހިންގުމާއި އަދި ބަނޑުގައި ރިއްސުން ކަހަލަ އަލާމާތްތައް އެ ގައުމުގެ 24 ސްކޫލެއްގެ ދަރިވަރުންނާއި މުވައްޒަފުންގެ ފަރާތުން ފެނިފައިވާ ކަމަށް އިދާރާތަކުން ބުންޏެވެ.

ނޮރޯވައިރަސް އަކީ ގައިންގަޔަށް އަރާ ބައްޔަކަށް ވުމުން، އާންމުކޮށް އަތްލައި އުޅޭ ތަންތަނުގައި އަތްލުމުން ވަރަށް ފަސޭހައިން މި ބަލި ފެތުރެ އެވެ. މި ބަލީގައި ބައެއް މީހުންނަށް ހޮސްޕިޓަލުން ފަރުވާ ހޯދަން ނުޖެހި ރަނގަޅުވި ނަމަވެސް ހައިރިސްކް މީހުންގެ ހާލު ވަރަށް ސީރިއަސްވެ އެވެ.

އޮފިޝަލުން ވިދާޅުވި ގޮތުގައި، އެ ބަލީގެ އެޕިޑެމިއޮލޮޖިކަލް ތަހުގީގެއް އެ ޓީމުން ފެށީ މިދިޔަ ބުދަ ދުވަހު މީހަކު ކުރި ރިޕޯޓަކާ ގުޅިގެންނެވެ. އޭގެ ފަހުން ދުވަހެއް ދުވަހަކަށް ކޭސްތައް ދަނީ އިތުރުވަމުންނެވެ.

އޮފިޝަލުން ވިދާޅުވީ ދެކުނު ކޮރެއާގެ ވަރަށް ގިނަ ސްކޫލްތަކަށް ފޮނުވި ކިމްޗީން މި ވައިރަސް ފެނިފައިވާ ކަމަށެވެ.

އެ ގައުމުގެ ޑިޒާސްސްޓަ އެންޑް ސޭފްޓީ ޑިޕާޓްމަންޓުން ވަނީ ކިމްޗީ އުފެއްދި ކުންފުނީން އޭގެ ވިޔަފާރި މެދުކަނޑާލަން އަންގައި، ވިއްކަން ހުންނަ ކިމްޗީ ނުކާން އާންމުންނަށް އިލްތިމާސްކޮށްފަ އެވެ. ނަމަވެސް، ވައިރަސް ފެތުރުނު ކިމްޗީ އުފެއްދި ކުންފުނީގެ ނަން އަދި މިހާތަނަށް ދެކުނު ކޮރެއާގެ ކަމާބެހޭ އިދާރާތަކުން ހާމަނުކުރެ އެވެ. އެ ގައުމުގައި އެކި ބްރޭންޑުތަކުގެ ކިމްޗީ އުފައްދަ އެވެ.