Roadha Mihaaru
ޒަމާނީ މޭކަޕަކުން ދިވެހި ސަގާފަތް

ޒަމާނީ މޭކަޕަކުން ދިވެހި ސަގާފަތް

01 މާޗް 2017

ދިވެހި ސަގާފަތުން ހިޔާލު ހޯދައިގެން މޭކަޕް ކޮށްފައިވާ މޮޑެލެއްގެ ފޮޓޯ މިދިޔަ ހަފުތާގައި ވަނީ ފޭސްބުކްގައި އާންމުވެފަ އެވެ. "ޔުނީކް ބްލެންޑް" ފޭސްބުކް ޕޭޖުން ޝާއިއު ކުރި، މި ތަފާތު މޭކަޕްގެ ފަހަތުގައި ހުރީ ހުނަރުވެރި ޒުވާނެއް ކަމަށްވާ ފާތިމަތު ޝިޒްނާ އެވެ.

ފާތިމަތު މުނާލް ޝުޖާއު ފާތިމަތު މުނާލް ޝުޖާއު

ދިވެހި ސަގާފަތުން ހިޔާލު ހޯދައިގެން މޭކަޕް ކޮށްފައިވާ މޮޑެލެއްގެ ފޮޓޯ މިދިޔަ ހަފުތާގައި ވަނީ ފޭސްބުކްގައި އާންމުވެފަ އެވެ. "ޔުނީކް ބްލެންޑް" ފޭސްބުކް ޕޭޖުން ޝާއިއު ކުރި، މި ތަފާތު މޭކަޕްގެ ފަހަތުގައި ހުރީ ހުނަރުވެރި ޒުވާނެއް ކަމަށްވާ ފާތިމަތު ޝިޒްނާ އެވެ.

ފްރީލެންސް މޭކަޕް އާޓިސްޓެއްގެ ގޮތުގައި މަސައްކަތްކުރާ ޝިޒްނާގެ ޕޭޖު، ޔުނީކް ބްލެންޑްގައި ހިއްސާކުރި ފޮޓޯގައި އޭނާގެ މޭކަޕް ކުރުމުގެ ހުނަރު ވަރަށް ފުރިހަމައަށް ދައްކާލާފައިވެ އެވެ. އެއީ ރާއްޖޭން ބޭރުގައި، ރާއްޖެ ރަމްޒުކޮށްދޭ ތަފާތު މޭކަޕެކެވެ.

އެކަމަކު ޝިޒްނާ މޭކަޕް ދާއިރާއަށް ތައާރަފުވީ އެހެން ދާއިރާއަކުންނެވެ. އޭނާގެ މަސައްކަތް ފެށިގެން އައި ގޮތާއި ކުރެވުނު ތަޖުރިބާތައް "މިހާރު" އަށް ހިއްސާކުރި އެވެ.

ކޮލަމްބޯގައި ފެޝަން ޑިޒައިން ކިޔެވުމުގެ ތެރޭގައި ޝިޒޫ މޭކަޕަށް ޝައުގުވެރިކަން އުފެދުނެވެ. ޕާސަނަލް މޭކަޕް ކޯހެއް ފުރިހަމަ ކުރުމަށް ފަހު އިތުރަށް ކިޔަވަން ދިޔައީ އިންޑިއާގެ ބެންގަލޫރަށެވެ. އިންޑިއާގެ ބެންގަލޫރުގެ ޕްލޭ އެކެޑެމީން ބްރައިޑަލް އެންޑް އައި މޭކަޕް ކިޔެވުމަށްފަހު، ތައިލެންޑުގެ ބޭންކޮކްގެ އެސް.އެމް.އޭ އެކެޑެމީން ޕްރޮފެޝަނަލް މޭކަޕް އެންޑް ހެއާ ސްޓައިލިން ކޯހެއް ފުރިހަމަ ކުރި އެވެ.

ޝިޒްނާ ބޯލްޑް ކެޕެއް ބޭނުންކޮށްގެން މޭކަޕް ކުރަނީ

ޝިޒްނާ ބޯލްޑް ކެޕެއް ބޭނުންކޮށްގެން މޭކަޕް ކުރަނީ

ޝިޒޫ އެންމެ ބޮޑަށް ބޭނުންވަނީ ސްޕެޝަލް އިފެކްޓްސް، ކްރިއޭޓިވް އަދި ފެންޓަސީ މޭކަޕުން ކުރިއަށްދާށެވެ. ޝިޒޫ ވަނީ އޭނާ އެންމެ ޝައުގުވެރިވާ ދާއިރާތަކުން ކިޔަވައިފަ އެވެ.

ސޯޝަލް މީޑިއާގައި ސަމާލުކަން ލިބުނީ އެސް.އެމް.އޭ އެކެޑެމީގެ ފަހު އިމްތިހާނުގައި ފެންޓަސީ އަދި ކްރިއޭޓިވް މޭކަޕެއް ކުރަން ޖެހުމުން ކުރި މަސައްކަތަށެވެ. ޝިޒޫއަށް ލިބުނު ކޮންސެޕްޓަކީ ރުބީ ރެޑް ޖެމްސް އެވެ. އެ ބޭނުންކޮށްގެން ޝިޒޫ ވިސްނީ ރާއްޖޭގެ ސަގާފަތް ޒަމާނީ ގޮތަކަށް މޭކަޕުން ދައްކާލަށެވެ. ޝިޒޫ އަކީ އެސް.އެމް.އޭ އެކެޑެމީއަށް ކިޔަވަން ދިޔަ ދިވެހި ފުރަތަމަ ދަރިވަރަކަށް ވެފައި މި ފުރުސަތަކީ ރާއްޖޭގެ ސަގާފަތް ދައްކާލަން ރަނގަޅު ފުރުސަތެއް ކަމަށް ޝިޒޫއަށް ގަބޫލުކުރެވުނެވެ.

މޭކަޕް އާޓިސްޓް ޝިޒްނާގެ މޭކަޕެއް

މޭކަޕް އާޓިސްޓް ޝިޒްނާގެ މޭކަޕެއް

"ލިބުނު ކޮންސެޕްޓަށް ރާއްޖޭގެ ސަގާފަތުގެ އެލެމެންޓްތައް އެއްކޮށްލައިގެން މޭކަޕް ކުރީ. އަދި ބޯލްޑް ކެޕް ބޭނުންކުރީ ކޮންސެޕްޓް ތެރޭ ބޯލްޑް ކެޕް ހިމަނަން ޖެހޭތީ. މޭކަޕް ޓެކްނީކް އަކީ ފޭސް އެންޑް ބޮޑީ ޕެއިންޓް، ފެންޓަސީ އެންޑް ކްރިއޭޓިވް މޭކަޕް،" ޝިޒޫ ބުންޏެވެ.

ޝިޒޫ ހާއްސައީ ސްޕެޝަލް އިފެކްޓްސް މޭކަޕުން ކުރިއަށް ދާން ނަމަވެސް ރާއްޖޭގައި އެ ފުރުސަތު ކުޑަ ކަމަށް އޭނާ ވެސް ގަބޫލުކުރެ އެވެ.

"ސްޕެޝަލް އިފެކްޓްސް ދާއިރާއަށް ބަލާއިރު ރާއްޖެއަށް ވުރެ ބޭރުގައި ފުރުސަތު ބޮޑީ. ފިލްމް ތަކާ ޝޫޓްސް ތަކަށް ބަލާއިރު ރާއްޖޭގައި ފުރުސަތުތައް މަދު،"

ޝިޒްނާ މޮޑެލެއްގައި މޭކަޕް ކުރަނީ

ޝިޒްނާ މޮޑެލެއްގައި މޭކަޕް ކުރަނީ

އެކަމަކު މި ދާއިރާއިން ހާއްސަ، އޮތޮރައިޒްޑް އެކެޑެމީ އަކުން ކިޔަވައިގެން ހުރުމުން ރާއްޖޭގައި ވެސް މިކަން ކުރެވިދާނެ ކަމަށް ޝިޒޫ ދެކެ އެވެ.

"އަޅުގަނޑު ގަބޫލުކުރަން އެކެޑެމީ އަކުން ނުކިޔެވިޔަސް ޓެލެންޓެޑް އާޓިސްޓުން އުޅޭކަން. އެކަމު ރަނގަޅު ގޮތަށް ނޮލެޖް ލިބި އެކްސްޕީރިއެންސް ލިބިގެން ކުރުމަކީ ވަރަށް ތަފާތު ކަމެއް،" އޭނާ ބުންޏެވެ

ފުރުސަތު މަދުވުމާއި ކުރާ މަސައްކަތަށް ރަނގަޅު ބަދަލެއް ނުލިބުމަކީ ޝިޒޫ ގަބޫލުކުރާ ގޮތުގައި މި މަސައްކަތަށް ރާއްޖޭގައި އޮތް ބޮޑު ގޮންޖެހުމެކެވެ. މިއީ އަގު ހުރި ބުރަ މަސައްކަތެއްގެ ގޮތުގައި ބަލައިނުގަތުމަކީ ދެރަ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރި އެވެ. ޝިޒޫ ބުނި ގޮތުގައި، ކުރާ މަސައްކަތާ ބަލާފައި ލިބޭޭ އަގު ރާއްޖޭގެ މާކެޓުގައި ވަރަށް ދަށެވެ.

ގޮންޖެހުންތައް ހުއްޓަސް ޝިޒޫގެ އުންމީދަކީ ކުރިއަށް ގޮސް ކާމިޔާބީ ހޯދުމެވެ. އޭނާގެ ވަރަށް ހާއްސަ ދެ ޕްރޮޖެކްޓެއް ވަރަށް އަވަހަށް ފެންނާނެ ކަމަށް ބުންޏެވެ.