Roadha Mihaaru
ރިއާނާ އަކީ ވެސް މިހާރު ބިލިއަނަރެއް

ރިއާނާ އަކީ ވެސް މިހާރު ބިލިއަނަރެއް

05 އޯގަސްޓް 2021

ކުރިން ވެސް ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އަންހެން ވިޔަފާވެރިންގެ ތެރޭގައި ހިމެނުނު މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ އަށް ބިލިއަނަރެއްގެ މަގާމު ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރިން ވެސް ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އަންހެން ވިޔަފާވެރިންގެ ތެރޭގައި ހިމެނުނު މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ އަށް ބިލިއަނަރެއްގެ މަގާމު ލިބިއްޖެ އެވެ.

މިއުޒިކާއި އަމިއްލަ ވިޔަފާރި ބްރޭންޑް "ފެންޓީ ބިއުޓީ" ގެ އާމްދަނީން މިލިއަނަރެއްގެ މަގާމު ލިބުނު 33 އަހަރުގެ ފަންނާނުގެ އަމިއްލަ މިލްކިއްޔާތު މިހާރު 1.7 ބިލިއަން ޑޮލަރަށް އަރާ ކަމަށް ފޯބްސް އިން ބުންޏެވެ. މިއާ އެކު ރިއާނާ ވެފައި ވަނީ މި ވަގުތު އެންމެ މުއްސަނދި އަންހެން މިއުޒިޝަނަށެވެ. ފޯބްސް އިން ބުނި ގޮތުގައި ބާބެޑޯސް އަށް އުފަން ފަންނާނަށް ބިލިއަނަރެއްގެ މަގާމު ލިބުނު އިރު، އާމްދަނީގެ 1.4 ބިލިއަން ހިއްސާކުރަނީ "ފެންޓީ ބިއުޓީ" އިން ލިބުނު ފައިދާ އެވެ.

އަދި ބާކީ އަދަދަކީ އަމިއްލަ ލިންގަރީ ކުންފުނި "ސަވޭޖް އެކްސް ފެންޓީ" ގެ އިތުރުން މިއުޒިކާއި އެކްޓިން ޕްރޮޖެކްޓްތަކުން ލިބުނު އާމްދަނީ އެވެ. "ސަވޭޖް އެކްސް ފެންޓީ" އަކީ މިހާރު 270 މިލިއަން ޑޮލަރުގެ ކުންފުންޏެކެވެ.

"ފެންޓީ ބިއުޓީ" އަކީ ފްރާންސްގެ މަޝްހޫރު ލަގްޒަރީ ކުންފުނި އެލްވީއެމްއެޗްއާ ގުޅިގެން ރިއާނާ 2017 ގައި ލޯންޗްކުރި ކުންފުންޏެކެވެ. އޭގެ ދަށުން މޭކަޕް ސާމާނާއި ހެދުމާއި ބޫޓާއި ފައިވާނާއި އެކްސެސަރީޒް ފަދަ އެއްޗެހި ނެރެ އެވެ. އަދި މިދިޔަ ހަފުތާގައި ވަނީ ފެންޓީ ސެންޓް ނެރެން އުޅޭކަން ވެސް އިއުލާންކޮށްފަ އެވެ.

އެމެރިކާގެ ރެޕާ އެސަޕް ރޮކީއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ރިއާނާ މިހާތަނަށް 8 އަލްބަމް ނެރެފައިވެ އެވެ. އޭނާގެ އެންމެ ފަހުގެ އަލްބަމަކީ 2016 ގެ "އެންޓި" އެވެ. ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވާ ފަންނާނުގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ގޯވާ އައިލޭންޑް" އެވެ.