Roadha Mihaaru
ޓޫރިޒަމަށް، އޭވިއޭޝަން ހިދުމަތްތައް ވަރުގަދަކުރަންޖެހޭ

ޓޫރިޒަމް ކުރިއަރުވަން ވައިގެ ދަތުރުފަތުރުގެ ހިދުމަތްތައް ވަރުގަދަ ކުރަން ޖެހޭ: މިނިސްޓަރު

10 ޖުލައި 2024

ރާއްޖޭގައި ޓޫރިޒަމް ފުޅާކޮށް، އެ ދާއިރާގެ ފައިދާ ގިނަ ބަޔަކަށް ހޯދައި ދިނުމަށްޓަކައި މިހާރަށް ވުރެ ވަރުގަދަ ކުރަން ޖެހޭ ކަމަށް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން އިއްޔެ ވިދާޅުވެއްޖެ އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ރާއްޖޭގައި ޓޫރިޒަމް ފުޅާކޮށް، އެ ދާއިރާގެ ފައިދާ ގިނަ ބަޔަކަށް ހޯދައި ދިނުމަށްޓަކައި މިހާރަށް ވުރެ ވަރުގަދަ ކުރަން ޖެހޭ ކަމަށް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން އިއްޔެ ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ އޭވިއޭޝަން ދާއިރާ އާއި ޓޫރިޒަމް ދާއިރާގެ ގިނަ ސްޓޭކްހޯލްޑަރުން ބައިވެރިވާ އެއާ ސާވިސް ވޯލްޑް ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ވައިގެ ދަތުރުފަތުރާ ގުޅޭ ހިދުމަތްތައް ރާއްޖޭގައި ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް އެބަހުރި ކަމަށެވެ.

"އަޅުގަނޑުމެން މި ތިބީ ދާއިރާގެ ކުންފުނިތަކާ އެކު މަސައްކަތް ކުރަން ތައްޔާރަށް. އަޅުގަނޑުމެން ބޭނުން ވަނީ އެކި ކުންފުނިތަކާއި ފަހުގެ އިނޮވޭޝަންތަކާ އެކު ވޯލްޑް ކްލާސް އޭވިއޭޝަން ނެޓްވޯކެއް ގާއިމުކުރަން،" އަމީން ވިދާޅުވި އެވެ.

އެއާ ސާވިސް ވޯލްޑް ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ސިވިލް އޭވިއޭޝަން މިނިސްޓަރު އަމީން (ކ) އާއި ޓޫރިޒަމް މިނިސްޓަރު ފައިސަލް.--- ފޮޓޯ: ނިޝާން އަލީ | މިހާރު

އެއާ ސާވިސް ވޯލްޑް ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ސިވިލް އޭވިއޭޝަން މިނިސްޓަރު އަމީން (ކ) އާއި ޓޫރިޒަމް މިނިސްޓަރު ފައިސަލް.--- ފޮޓޯ: ނިޝާން އަލީ | މިހާރު

މިނިސްޓަރު ވިދާޅުވި ގޮތުގައި "އެއާ ސާވިސް ވޯލްޑް ކޮންގްރެސް" އަކީ މިހާރު ހިންގާ އެއާލައިން ނެޓްވޯކުތައް ފުޅާކުރުމަށް ލިބުނު ފަހި ފުރުސަތެކެވެ.

"މި ފަދަ ކޮންގްރެސްއަކުން އާ އެއާލައިންތަކާ ގުޅުން ބަދަހިކޮށް، އެ އެއާލައިންތަކާ އެކު މަސައްކަތް ކުރުމަށް ހުރި ފުރުސަތުތައް ދެނެގަނެވޭނެ. އަދި މިހާރު އަޅުގަނޑުމެންނާ އެކު މަސައްކަތްކުރާ އެއާލައިންތަކާ އެކު ފްލައިޓުތައް އިތުރު ކުރުމާއި ރޫޓުތައް އިތުރުކުރުމުގެ މަޝްވަރާތައް ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެ ކޮންގްރެސް އިން އެއާލައިންތަކާއި ޓުއާ އޮޕަރޭޓަރުންނާއި ޓޫރިޒަމް އޮތޯރިޓީތަކަށް ދާއިރާގައި ހުރި އާ ފުރުސަތުތައް ދެނެގަނެ، އާ ކުންފުނިތަކާ އެކު ވައިގެ ދަތުރުފަތުރުގެ ހިދުމަތްތައް ފުޅާކުރުމަށް ފުރުސަތު ލިބޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ފަދަ ކޮންގްރެސްތަކުގައި ކުރާ މަޝްވަރާތަކަކީ އިންޑަސްޓްރީ ތަރައްގީކޮށް، ކުރިއެރުމުގައި މުހިންމު ދައުރެއް އަދާ ކުރާނެ ކަމެއް ކަމަށެވެ. އަދި އެ ކޮންގްރެސްއިން ލިބެން ހުރި ފުރުސަތުތަކުގެ ބޭނުން ފުރިހަމަ އަށް ހިފުމަށް ބައިވެރިންނަށް ގޮވާލެއްވި އެވެ.

މިއީ އެއާ ސާވިސް ވޯލްޑް ކޮންގްރެސް ސައުތު އީސްޓް އޭޝިއާގައި ބާއްވާ ފުރަތަމަ ފަހަރެވެ. މި ފަދަ ކޮންގްރެސެއް ރާއްޖޭގައި ބޭއްވުމަކީ ޓޫރިޒަމް ދާއިރާ އާއި އޭވިއޭޝަން ދާއިރާ އިން ގިނަ ފުރުސަތުތަކެއް ފަހިވާނެ ކަމެއްގެ ގޮތުގައި މި އިވެންޓުގެ ޕާޓްނަރު އެމްއޭސީއެލް އިން ވެސް ސިފަ ކުރެ އެވެ.