Roadha Mihaaru
އުންމީދީ ޖޯޖިއާގެ ހިތް ސްޕެއިން އިން ކުދިކުދިކޮށްލައިފި

އުންމީދީ ޖޯޖިއާގެ ހިތް ސްޕެއިން އިން ދެވަނަ ހާފުގައި ކުދިކުދިކޮށްލައިފި

01 ޖުލައި 2024

ދެވަނަ ހާފުގައި ޖޯޖިއާ ކޮޅަށް ވައްދާލި ތިން ލަނޑާ އެކު ޖޯޖިއާ ބަލިކޮށް، ޔޫރޯގެ ކުއާޓާ ފައިނަލަށް ސްޕެއިން ދަތުރުކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ދެވަނަ ހާފުގައި ޖޯޖިއާ ކޮޅަށް ވައްދާލި ތިން ލަނޑާ އެކު ޖޯޖިއާ ބަލިކޮށް، ޔޫރޯގެ ކުއާޓާ ފައިނަލަށް ސްޕެއިން ދަތުރުކޮށްފި އެވެ.

ޔޫރޯގައި މުޅިން އަލަށް ވާދަކުރާ ޖޯޖިއާ އިން، މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކުރެވުމަކީ، އެ ގައުމުގެ ފުޓްބޯޅައިގެ ތާރީހުގައި ހޯދި އެންމެ ބޮޑު ކާމިޔާބެވެ.

ގުރޫޕް ސްޓޭޖްގެ ފަހު މެޗުގައި ޕޯޗުގަލް ބަލިކުރި ނަމަވެސް ސްޕެއިން ކައިރީ އެ ޓީމަށް އެ ވަރުގަދަ ކަމެއް ނުދެއްކުނެވެ. ހާއްސަކޮށް ދެވަނަ ހާފުގައި ޖޯޖިއާ އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

އެކަމަކު ފުރަތަމަ ހާފުގައި މެޗުގެ ލީޑް ވެސް އެންމެ ފުރަތަމަ ނެގީ އެ ޓީމުންނެވެ. އެ ލަނޑަކީ މިފަހަރުގެ މުބާރާތުގައި ސްޕެއިން ކޮޅަށް ވަތް ހަމައެކަނި ލަނޑެވެ. މެޗުގެ 18 ވަނަ މިނެޓްގައި ޖޯޖިއާގެ ހަމަލާ ދިފާއުކުރަން އުޅުމުގެ ތެރޭގައި ސްޕެއިންގެ ޑިފެންޑަރު ރުބެން ލި ނޯމަންޑް އަތުން ބޯޅަ ވަނީ އަމިއަލަ ޓީމުގެ ގޯލަށެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިކޯ ވިލިއަމްސް ދިން ފުރުސަތެއްގައި ލަޕޯޓް ސްޕެއިން އަށް ނަތީޖާ ހަމަހަމަކޮށް ދިނެވެ.

ދެވަނަ ހާފުގައި ސްޕެއިން ޑޮމިނޭޓް ކުރި އެވެ. އޯޕަން ފުރުސަތުގެ ގޮތުގައި އެންމެ ބޯޅަ އެއް ވެސް ސްޕެއިންގެ އޭރިއާ ކައިރިން ވެސް ޖޯޖިއާ އަށް ލިބުނަ ނުދިނެވެ.

ލަމީން ޔަމާލް އާއި ނިކޯގެ ހިއްސާ ސްޕެއިން އިން އުފެއްދި ކޮންމެ ހަމަލާއެއްގައި ފެނުނެވެ. ލަނޑެއް ނުޖެހުނަސް ގިނަ ފުރުސަތުތަކެއް ޔަމާލް އުފެއްދި އެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ފަބިއަން ރުއިޒް، ބޮލުން ފޮނުވާލައި ސްޕެއިން އަށް މެޗުގެ ލީޑް ނަގައި ދިނީ ޔަމާލް ތަނަވަސްކޮށް ދިން ބޯޅައިންނެވެ.

ކައުންޓަ އެޓޭކްގައި ވެސް ސްޕެއިންގެ ނުރައްކާ ބޮޑެވެ. އެ ޓީމުގެ ތިންވަނަ ލަނޑު، ނިކޯ ޖެހީ ރުއިޒް ދިން ބޯޅައިންނެވެ. އަމިއްލަ ހާފުގެ ތެރޭގައި ހުރެފައި، އޭނާ އެ ބޯޅަ ތަނަވަސްކޮށް ދިން އިރު ނިކޯ ހުރީ ޖޯޖިއާގެ ހާފުގެ މެދަށް ވުރެ ވެސް، މެދު ރޮނގާ ކައިރީގަ އެވެ. ބާރު ސްޕީޑްގައި ގޮސް އޭރިއާ ތެރެއަށް ވަދެ ޖޯޖިއާގެ ގޯލްގެ އެތެރެއިން ފުރާޅެއްހެން އޮތް ދާގަނޑަށް އަމާޒުކޮށް ނިކޯ ބޯޅަ ފޮނުވާލި އެވެ.

އޭގެ އަށް މިނެޓް ފަހުން ޑެނީ އޮލްމޯ ސްޕެއިން އަށް ހަތަރުވަނަ ލަނޑު ޖަހައިދިނެވެ. މިކެލް އޮޔާޒަބަލް ބޯޅަ ތަނަވަސްކޮށްދިން އިރު އޮލްމޯ ހުރީ ޖޯޖިއާގެ އޭރިއާގެ ރޮނގުމަތީގަ އެވެ. އޭނާ ބޯޅަ ފޮނުވާލީ ތިރިތިރިން ގޯލްގެ ކަނަށެވެ. މެޗުގައި ރަނގަޅު ސޭވްތަކެއް ކުރި ޖޯޖިއާގެ ކީޕަރު ޖޯޖީ މާމެޑާޝްވެލީ އަށް ހުރެވުނީ ހަރަކާތް ހުއްޓި ބޯޅަ އަށް ބަލަހައްޓައިގެންނެވެ.

ކުއާޓާ ފައިނަލުގައި، ސްޕެއިން ވާދަ ކުރާނީ މުބާރާތް ބާއްވާ ގައުމު ޖަރުމަނާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ، ރާއްޖޭ ގަޑިން ނުވައެއް ޖަހާއިރު އެވެ. ޔޫރޯ 2008 ގެ ޗެމްޕިއަންކަން ސްޕެއިން ހޯދީ ފައިނަލްގައި ޖަރުމަން ބަލި ކުރުމަށް ފަހު އެވެ.