Roadha Mihaaru
އެމްޕީއެލް ތެލުގެ ބޮޑު ވައްކަން ފަޅާއެރީ ކޮވިޑާ ހެދި!

އެމްޕީއެލްގެ ވައްކަން ފަޅާއެރީ ކޮވިޑު ތެރޭގައި ތެލަށް ބޮޑު ޚަރަދެއް ހިނގާފައި އޮތުމުން!

01 ޑިސެމްބަރ 2020

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އަށް ބޭނުންވާ ތެޔޮ ހޯދުމުގައި ހިންގާފައިވާ ކަމަށް ތުހުމަތުކުރާ އަށް މިލިއަން ރުފިޔާގެ ވައްކަން ފަޅާއެރީ، ކޮވިޑް-19އާ ގުޅިގެން ކުންފުނީގެ އޮޕަރޭޝަންތައް މަދުވެފައި އޮއްވައި، އާއްމު މަސްތަކަށް ވުރެ ތިން މަހުގެ ޚަރަދު ބޮޑުވެފައިވާ ކަން ރިޕޯޓުން ފެންނަން އޮތުމުން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އަށް ބޭނުންވާ ތެޔޮ ހޯދުމުގައި ހިންގާފައިވާ ކަމަށް ތުހުމަތުކުރާ އަށް މިލިއަން ރުފިޔާގެ ވައްކަން ފަޅާއެރީ، ކޮވިޑް-19އާ ގުޅިގެން ކުންފުނީގެ އޮޕަރޭޝަންތައް މަދުވެފައި އޮއްވައި، އާއްމު މަސްތަކަށް ވުރެ ތިން މަހުގެ ޚަރަދު ބޮޑުވެފައިވާ ކަން ރިޕޯޓުން ފެންނަން އޮތުމުން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އެމްޕީއެލްގެ ވެހިކަލްތަކަށް ބޭނުންވާ ތެޔޮ ހޯދަން އެހެން ކުންފުނިތަކާ އެކު ކުރާ ވިޔަފާރީގެ މުއާމަލާތާ ގުޅިގެން ޚިޔާނާތުގެ ތުހުމަތު ފެންމަތިވި މީވީ އަލަކަށް ނޫނެވެ. ތެލުގެ ވިޔަފާރީގައި ކޮންމެވެސް ދިމާލަކުން "ލީކެއް" ހޯދައި ގޯސްތަކެއް ހަދާފައިވާ މައްސަލަތައް މީގެ ކުރިން ވެސް މުއައްސަސާތަކުން ބެލި އެވެ. އެއް މައްސަލައަކީ މެރީޑިއަމުން އެމްޕީއެލަށް ތެޔޮ ސަޕްލައިކޮށްދޭ ވަރަށް ވުރެން އެތައް ގުނަ އިތުރަށް ބިލް ހަދައި އޮޅުވާލައިގެން ފައިސާ ހޯދި ކަމުގެ ތުހުމަތެވެ.

އެ މައްސަލައިގައި ތުހުމަތު ކުރީ އެމްޕީއެލް އަށް މަހަކު 60،000 ލީޓަރުގެ ތެޔޮ ވިއްކަން އެއްބަސްވެފައި ވަނިކޮށް، މެރީޑިއަމުން މަހަކު 160،000 ލިޓަރުގެ ތެޔޮ ވިއްކާ ކަމަށް އެމްޕީއެލަށް ބިލް ކުރުމެވެ. މި ތުހުމަތު މެރީޑިއަމުން ދޮގުކޮށްފައި އޮތަސް އޭސީސީން ވެސް މައްސަލަ ބެލި އެވެ.

މި މައްސަލަ ދިމާވެ، އަމިއްލަ ފަރާތްތަކުން ތެޔޮ ގަތުން ހުއްޓާލައި ވޭތުވެދިޔަ ތިން އަހަރެއްހާ ދުވަހު ވެސް އެމްޕީއެލް އިން ތެޔޮ ގަންނަނީ އެސްޓީއޯގެ ތެޔޮ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިންނެވެ.

ކޮވިޑް-19އާ އެކު އެމްޕީއެލްގައި ވެސް އޮޕަރޭޝަންތައް މަދުވެ، ޚަރަދުތައް ކުޑަކޮށްފައި އޮތް ނަމަވެސް ހިސާބުތަކުން ފެންނަން އޮތީ ޖުލައި މަހުން ފެށިގެން އޮކްޓޯބަރާ ހަމައަށް ތެލަށް ބޮޑު ޚަރަދެއް ހިނގާފައި އޮތް ތަނެވެ.

މައުލޫމާތު އެނެގޭ ބައެއް މީހުން "މިހާރު" އަށް ކިޔައިދިން ގޮތުގައި ތެޔޮ ގަތުމުގައި މިފަހަރު ވައްކަންކޮށްފައި ވަނީ، އެފްއެސްއެމަށް ބިލްކުރާ އަދަށް ވުރެން މަދުން އެމްޕީއެލްގެ ޓޭންކްތަކަށް ތެޔޮ އަޅައިގެންނެވެ.

"ކޮވިޑް ދުވަސްވަރުވީމަ އޮޕަރޭޝަންސްތައް މަދުވެފައި އޮތަސް ފިއުލް ބޭނުންކުރާ ވަރު މިދިޔައީ މައްޗަށް. ފިއުލް ކޮންސަމްޕްޝަން ރިޕޯޓުން އެކަން ފެންނަން އޮތީ،" އެކަކު ބުންޏެވެ.

އެމްޕީއެލްގެ ފިނޭންސް ޑިޕާޓްމެންޓަށް އެކަން ފަޅާއެރުމާ އެކު ޕްރޮކިއުމެންޓް ހެޑުގެ އެންގުމަށް ޚާއްސަ އޮޑިޓެއް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ކުންފުނިން ހެދި އެވެ. އެ އޮޑިޓުން ފެންނަން އޮތީ ވައްކަމުގެ އަދަދު އަށް މިލިއަން ރުފިޔާއަށް އަރާފާނެ ކަމަށެވެ. މި އަދަދު މިއަށް ވުރެން ދަށްވުން ނުވަތަ މަތިވުން ވެސް އެކަށީގެންވާ ކަމަށް ބައެއް މީހުން ލަފާކުރެ އެވެ.

މި އޮޑިޓަށް ފަހު ސަސްޕެންޑްކުރީ އެމްޕީއެލްގެ ހަތަރު މުވައްޒަފެކެވެ. އެއީ ޕަވަ ހައުސްގައި އުޅޭ މުވައްޒަފަކާއި ޕްރޮކިއުމެންޓުގެ ތިން މުވައްޒަފުންނެވެ. މީގެ ތެރެއިން އެކަކު އަލުން ވަޒީފާ އަށް ނުކުންނަން އަންގާފައިވާ އިރު އަދިވެސް ތިން މީހަކު ތިބީ ސަސްޕެންޝަންގަ އެވެ.

އެނގިފައިވާ ގޮތުގައި ތެލުގެ ވައްކަން ހިނގި ކަމަށް އެކަކު ފުރަތަމަ އެއްބަސްވި އެވެ. އެކަމަކު ފަހުން އޭނާ ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ.

މި ވައްކަން ހިންގާފައިވާ ކަމަށް އެއް ބަޔަކު ތުހުމަތުކުރަނީ، އެފްއެސްއެމްގެ ތެޔޮ ބައުޒަރު ދުއްވާ މުވައްޒަފަށް ވެސް އެނގިގެންނެވެ. އެ މުވައްޒަފާއި އެމްޕީއެލްގެ މުވައްޒަފުން ގުޅިގެން ތެޔޮ އަގު ހެޔޮކޮށް އެހެން ދިމާލަކަށް ވިއްކުމަކީ މި ވައްކަމުގައި އަމަލުކޮށްފައިވާ ގޮތް ކަމަށް ތުހުމަތު ކުރެ އެވެ.

"އެމްޕީއެލްގައި އެކަންޏެއް ނޫން. މިއީ، ވަރަށް އާއްމުކޮށް ހިނގާ ވެސް ކަމެއް. އަގު ހެޔޮކޮށް ތެޔޮވިއްކާ ޕޮއިންޓްތަކެއް ހުންނަނީ ބްލެޓް މާކެޓެއް އޮވެގެން ކަމަށް ބެލެވެނީ،" އެކަކު ބުންޏެވެ.

ޗެއާމަން ހުށަހެޅުއްވީ ޕްރޮކިއުމެންޓް ހެޑް ވަކިކުރަން!

ތެލުގެ މި ވައްކަން ކުންފުނީގައި ހިނގިކަން އާއްމުންނާ ހަމައަށް ތިލަކޮށްދިނުމަށް ފަހު ކުންފުނީގެ ޗެއާމަން އަހްމަދު ޒަކީ (ނަޒާކީ ޒަކީ) ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ތެލުގެ ވިޔަފާރިން ހިޔާނާތް ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުން ސަސްޕެންޑު ކުރުމުގައި ނާކާމިޔާބުވެފައިވާ ކަމަށް ވިދާޅުވެ އޭނާ ވަނީ ހިތްހަމަނުޖެހުން ވެސް ފާޅުކުރައްވައިފަ އެވެ.

މި ވާހަކަތައް ޒަކީ ޓުވީޓްކުރެއްވީ ކުންފުނީގެ ބޯޑު ބައްދަލުވުމެއްގައި އޭނާ ހުށަހެޅުއްވި ގޮތަށް އެހެން މެމްބަރުންގެ ތާއީދު ނުލިބުމުންނެވެ. ބޯޑު ބައްދަލުވުމުގައި، އޭނާ ހުށަހެޅުއްވީ އެމްޕީއެލްގައި ގިނަ އަހަރުތަކެއްވީ އަދި މީގެކުރިން އެއްވެސް މައްސަލައެއް ދިމާވެފައިވާ ނުވާ ޕްރޮކިއުމެންޓް ހެޑް ވަގުތުން މަގާމުން ވަކިކުރާށެވެ.

އާއްމު އުސޫލު ނޫނަސް އެ ބައްދަލުވުމަށް އެ މުވައްޒަފު ވެސް ހާޒިރުކުރި އެވެ.

ކުންފުނީގެ އެތެރޭގެ ތަހުގީގަކަށް ފަހު އަދި ފުލުހުންނާއި އޭސީސީ އަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް، ޗެއާމަން ބޭނުންވާ މުވައްޒަފަކު ވަކިކުރަން ބޯޑުގެ އެހެން މެމްބަރުން ވޯޓު ނުދެއްވީ އެވެ. މިކަން ޒަކީ ނެންގެވީ މައްސަލައެއްގެ ގޮތުގަ އެވެ. އޭނާގެ އިސްތިއުފާގެ ސަބަބާ ގުޅޭ ގޮތުން ޒަކީ އަދި ވާހަކައެއް ނުދައްކަވަ އެވެ.

އެމްޕީއެލަށް ތެޔޮ ހޯދުމުގައި ހިންގި މި ވައްކަން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީން ވެސް އަންނަނީ ބަލަމުންނެވެ.