Roadha Mihaaru
ސެކުލޮސްކީ އަށް މޮޅެއް، ސާންތީ އަށް ހިތްވަރެއް

ސެކުލޮސްކީ އަށް މޮޅެއް، ސާންތީ އަށް ހިތްވަރެއް

25 ފެބުރުއަރީ 2017

އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ މެޗުން އިއްޔެ 1-0 އިން މޮޅުވުމުން މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮސްކީ އަށް ހިތްހަމަ ޖެހުމެއް ލިބުނުއިރު، ބަލިވިޔަސް އީގަލްސް އިން ދެއްކި ކުޅުމުގެ ސަބަބުން ކުރިއަށް ހުރި މެޗުތަކަށްދާއިރު ހިތްވަރެއް ލިބިގެން ގޮސްފިކަމަށް އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ މެޗުން އިއްޔެ 1-0 އިން މޮޅުވުމުން މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮސްކީ އަށް ހިތްހަމަ ޖެހުމެއް ލިބުނުއިރު، ބަލިވިޔަސް އީގަލްސް އިން ދެއްކި ކުޅުމުގެ ސަބަބުން ކުރިއަށް ހުރި މެޗުތަކަށްދާއިރު ހިތްވަރެއް ލިބިގެން ގޮސްފިކަމަށް އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.

ދެ ވަނަ ހާފްގައި އަސަދުﷲ އަބްދުﷲ ވައްދާލި ލަނޑުން އީގަލްސް އިއްޔެގެ މެޗުން ބަލިވިއިރު، އީގަލްސް އިން ވެސް ވަނީ މާޒިޔާ އަށް ޕްރެޝަރު ބޮޑުކޮށްފަ އެވެ. ގިނަ ވަގުތު މާޒިޔާ ހާފް ތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅެ ލަނޑު ޖަހަން ހުސް ފުރުސަތުތައް ވެސް ހޯދި އެވެ.

"ފުޓްބޯޅައިގައި ވަރަށް މުހިއްމު އެއްޗެއް ނަސީބަކީ. ހަގީގަތުގައި މިއީ އީގަލްސް އަށް މަދުވި އެއްޗަކީ. އަންކޮ (އަންސަރު) އާއި ފަހުން ހުސްކޮށް އެ ލިބުނު ބޯޅަތަކަކީ އެތެރެ ކޮށްލެވުނު ނަމަ މެޗަށް ވަރަށް ބޮޑު ބަދަލެއް ގެނެވޭނެ އެއްޗެއް. ގޯލެއް އެއީ އީގަލްސްގެ މަދުވާ ކަމަކީ. ގޯލަށް ބޯޅަ ވައްދާލާނެ ކުޅުންތެރިޔަކު ނެތުން،" މެޗަށް ފަހު ސާންތީ ބުންޏެވެ.

އޭނާ ބުނީ މާޒިޔާ އިން މޮޅުވާން ކުރި މަސައްކަތަށް ބަލާއިރު އެ ޓީމަށް ވެސް މޮޅެއް ހައްގުވާ ކަމަށާއި މި މެޗުގައި ފެނުނު ތަފާތަކީ ގައުމީ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ އަސަދުﷲ އާއި މުހައްމަދު އުމެއިރުގެ ތަފާތު ކަމަށެވެ.

މިއީ އީގަލްސް އިން މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗެވެ. މާޒިޔާ އިން ވަނީ ޗެރިޓީ ޝީލްޑް މެޗުގައި ވެލެންސިއާ ބަލިކޮށްފަ އެވެ. ސާންތީ ބުނީ ފުރަތަމަ މެޗުގައި މާޒިޔާ ކަހަލަ ޓީމަކާ ދެކޮޅަށް ދެއްކި ކުޅުމުން ކުރިއަށް ހުރި މެޗުތަކަށް ހިތްވަރެއް ލިބިއްޖެ ކަމަށެވެ.

"ހަގީގަތުގައި މާޒިޔާ ކަހަލަ ރަނގަޅަށް ތައްޔާރުވެފައި އޮތް ޓީމަކާ ދެކޮޅަށް އަޅުގަނޑުމެންގެ ކުޅުންތެރިން ދެއްކި މޮޅު ކުޅުން ފެނިއްޖެ. މިއީ ހިތްހަމަ ޖެހުމެއް. ވަރަށް މޮޅަށް ކުޅެފި އަޅުގަނޑުމެންގެ ކުޅުންތެރިން މިއީ ދެން ހުރި މެޗުތަކަށްދާއިރު އިތުރު ކަންތައް ރަނގަޅުކޮށްލައިގެން ނަތީޖާ ނެރެން ފަސޭހަވެގެންދާނެ ކަމެއް،" ސާންތީ ބުންޏެވެ.

އޭނާ ބުނީ މާލޭ ލީގުގެ 13 މެޗު ބާކީ އެބައޮތް ކަމަށާއި އީގަލްސްގެ އަމާޒަކީ ގަދަ ހަތަރެއް ކަމަށެވެ.

މާޒިޔާގެ ކޯޗު ސެކުލޮސްކީ ބުނީ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާ އެ ކުޅުންތެރިން މޮޅުވާން ކުރި ހިތްވަރު ފެނުމުން އެއީ ހިތްހަަމަ ޖެހުމެއް ކަމަށެވެ.

އީގަލްސް ފަރިތަކުރުންތަކުގެ ތެރެއިން ސާންތީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އީގަލްސް ފަރިތަކުރުންތަކުގެ ތެރެއިން ސާންތީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މެޗަށް ނުކުތްއިރު ވެސް އަހަރެން ފާހަގަކުރިން މިއީ އުނދަގޫވާނެ މެޗެއް ކަމަށް. އެއީ އީގަލްސްގެ ޑިފެންސާއި މެދުތެރެ ވަރަށް ރަނގަޅު. އެކަމަކު އަހަރެންގެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ މި ކުޅުންތެރިން އެކުގައި މޮޅުވާން ލީ ހިތްވަރު،" ކުރިން ޔަންގޮން ޔުނައިޓެޑާއި އަޔެޔަވާދީ ޔުނައިޓެޑަށް ކޯޗުކޮށްދިން ސެކުލޮސްކީ ބުންޏެވެ.

އޭނާ ބުނީ އެއް ލަނޑުގެ ތަފާތުން މޮޅުވުމަކީ ކަންބޮޑުވުމެއް ނޫން ކަމަށެވެ.

"އަހަރެންގެ މައްސަލައެއް ނެތް ލީގުގެ ހުރިހާ މެޗަކުން 1-0 އިން މޮޅުވިޔަސް. އެއީ އޭރުން ވެސް ޓާގެޓް ހާސިލްވާނެ. ފުރުސަތު ގިނައިން ލިބުމުން ގޯލަށް ވައްދާނުލެވުމަކީ ހިތްހަމަ ނުޖެހުމެއް. އެކަމަކު އަހަރެންގެ ބޭނުމަކީ ޓީމު މޮޅުކޮށްދިނުން އެންމެ ލަނޑެއް ޖަހައިގެން ވެސް އެކަން ހާސިލްވާނަމަ އެ މަސައްކަތް ފުރިހަމަވީ،" ސެކުލޮސްކީ ބުންޏެވެ.

އޭނާ ބުނީ ލީގުގައި ވާދަކުރާ ކޮންމެ ޓީމަކުން ވެސް މާޒިޔާއާ ދެކޮޅަށް ކުޅެން ދެގުނަ ތައްޔާރުވާނެ ކަމަށެވެ.

"މާޒިޔާއާ ދެކޮޅަށް ނުކުންނައިރު ހުރިހާ ޓީމެއް ވެސް ނުކުންނާނީ ވަރަށް ތައްޔާރުވެގެން. ކޮންމެ ކުޅުންތެރިޔަކު ވެސް 200 ނޫނީ 300 ޕަސެންޓް ދޭން މަސައްކަތް ކުރާނެ. އެއީ މާޒިޔާ އަކީ އެންމެ ފަހުގެ ޗެމްޕިއަންކަމަށް ވުމުން. އަހަރެމެން ޖެހޭނެ މި ހުރިހާ ކަމަކަށް ތައްޔާރުވެގެން ވަރަށް ވިސްނައިގެން މެޗުތަކަށް ނުކުންނަން،" ސެކުލޮސްކީ ބުންޏެވެ.

އިއްޔެގެ މެޗުގެ ރެފްރީ ޝިފާން އަބްދުލް ރަހީމްގެ ގިނަ ނިންމުންތަކަށް ސެކުލޮސްކީ ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. މެޗަށް ފަހު ސެކުލޮސްކީ ބުނީ އޭނާ އަކީ އެއްވެސް އިރެއްގައި ރެފްރީ އަށް ފާޑުކިޔާ ކޯޗެއް ނޫން ކަމަށެވެ.