Roadha Mihaaru
އިންޑިއާއިން އަންނަ ޓޫރިސްޓުން ނޫން މީހުން ކަރަންޓީނަށް

ޓޫރިސްޓުން ފިޔަވައި އިންޑިއާ އިން އަންނަ އެންމެން ކަރަންޓީނު ވާން އަންގައިފި

23 އެޕްރީލް 2021

ޓޫރިސްޓު ވިސާގައި ނޫން ގޮތަކަށް އިންޑިއާ އިން ރާއްޖެ އަންނަ އެންމެން ގޭގައި ކަރަންޓީނު ވުމަށް މޯލްޑިވްސް އިމިގްރޭޝަނުން އަންގައިފި އެވެެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ޓޫރިސްޓު ވިސާގައި ނޫން ގޮތަކަށް އިންޑިއާ އިން ރާއްޖެ އަންނަ އެންމެން ގޭގައި ކަރަންޓީނު ވުމަށް މޯލްޑިވްސް އިމިގްރޭޝަނުން އަންގައިފި އެވެެ.

ދިވެހި ސަރުކާރުން މި ފިޔަވަޅު އެޅިއިރު، އިންޑިއާގައި ކޮވިޑް-19ގެ ހާލަތު ވަރަށް ގޯހެވެ. ކޮންމެ ދުވަހަކު ބަލި ޖެހޭ މީހުންގެ އަދަދު އެތައް ލައްކައަކަށް އަރާއިރު، ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް ހާހުން ގުނާލެވެ އެވެ.

ޓޫރިސްޓު ވިސާގައި ނޫން ގޮތަކަށް އިންޑިއާ އިން ރާއްޖެ އަންނަ އެންމެން ގޭގައި ކަރަންޓީނު ވުމަށް މޯލްޑިވްސް އިމިގްރޭޝަނުން އެންގިއިރު، އެހެން ބައެއް ގައުމުތަކުން ވަނީ މާ ހަރުކަށި ފިޔަވަޅު އަޅައިފަ އެވެ. އެގޮތުން އިނގިރޭސި ވިލާތާއި ސިންގަޕޫރާއި ޔޫއޭއީ އަދި ހޮންގްކޮންގް ފަދަ ގައުމުތަކުން ވަނީ އިންޑިއާ އަށް ދަތުރުކުރުން މި ދުވަސްވަރު މަނާކޮށްފަ އެވެ. އަދި އިންޑިއާގައި ތިބެފައި އެ ގައުމުތަކަށް ދާ އެންމެން ކަރަންޓީނުވާން ޖެހެ އެވެ. ޔޫއޭއިން ނިންމާފައިވާ ގޮތުން މިދިޔަ 14 ދުވަހު އިންޑިއާގައި ޓްރާންސިޓްވި ބަޔަކަށް ވެސް ޔޫއޭއީ އަށް އެތެރެނުވެވޭނެ އެވެ.

އިންޑިއާގެ ހާލަތު ގޯސްވާތީ، މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ކުރި ޓްވީޓެއްގައި ބުނީ އިންޑިއާ އިން އަންނަ ދިވެހިންނާއި ވޯކް ވިސާގައި އަންނަ މީހުން، ރާއްޖެ އައިސް 10 ދުވަސް ވަންދެން ކަރަންޓީނުގައި ތިބުމަކީ މަޖުބޫރު ކަމެއް ކަމަށެވެ. ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރި ނަމަވެސް އެ މީހުން އިސްތިސްނާ ނުވާނެ ކަމަށް އެ އިދާރާ އިން ބުންޏެވެ.

އިންޑިއާ އިން އަންނަ ދިވެހިންނާއި ވޯކް ވިސާގައި އަންނަ މީހުން ކަރަންްޓީނުވާން މި އެންގީ، ޓޫރިސްޓު ވިސާގައި އެ ގައުމުން ގިނަ ބަޔަކު ރާއްޖެ އަންނަ ދަނޑިވަޅެއްގަ އެވެ. މާލެ ކައިރީގެ ބައެއް އަތޮޅުތަކުގެ ގިނަ ގެސްޓްހައުސްތައް ފުރިފައި ވަނީ އިންޑިއާ މީހުންގެ ގްރޫޕްތަކުންނެވެ. އެ މީހުން ރާއްޖެ އަންނަނީ، ވަޒީފާ އަދާކުރުމަށް މެދުއިރުމަތީގެ ގައުމުތަކަށް ދިޔުމުގެ ކުރިން 14 ދުވަހުގެ "ކަރަންޓީނެއް"ގެ ގޮތުގަ އެވެ. "ކަރަންޓީނު ޕެކޭޖް"ގެ ދަށުން އެ މީހުން ރާއްޖެ އައި ނަމަވެސް، އެ މީހުން އުޅޭނީ ޓޫރިސްޓުންގެ ގޮތުގަ އެވެ.

އެނގިފައިވާ ގޮތުގައި ސައުދީ އަރަބިއްޔާ އާއި ގަތަރާއި ޔޫއޭއީ ފަދަ ގައުމުތަކުގައި އިންޑިއާ މީހުންނަކަށް ކަރަންޓީނެއް ނުވެވެ އެވެ. އެ މީހުން އެ ގައުމުތަކަށް ދާން ޖެހެނީ 14 ދުވަސް ވަންދެން ކަރަންޓީނުގައި ތިބުމަށް ފަހު، ނުވަތަ ކޮވިޑްގެ ހާލަތު މާގޯސް ނޫން ގައުމެއްގައި އެހާ ދުވަސް ވާންދެން މަޑުކުރުމަށް ފަހު އެވެ.

"ކޮވިޑްގެ ހާލަތު އޮތްގޮތުން، މިި ސަރަހައްދުން ދެވެނީ ރާއްޖެ އާއި ނޭޕާލަށް. ރާއްޖޭގެ ހިދުމަތްތައް ރަނގަޅު ވީމާ މި ތަނަށް އައީ،" ސައުދީގައި ވަޒީފާ އަދާކުރާ އިންޑިއާގެ ކެރެލާގެ ފިރިހެނަކު އިއްޔެ "މިހާރު"އަށް ބުންޏެވެ.

އޭނާ ބުނިގޮތުގައި ރާއްޖޭގައި 14 ދުވަސް ވަންދެން މަޑުކޮށްފައި، ޕީސީއާރު ނެގެޓިވް ޓެސްޓަކާ އެކު މެދުއިރުމައްޗަށް ދެވޭނެ އެވެ. އަދި އެ ގައުމުތަކުގައި ކަރަންޓީނުވާކަށް ވެސް ނުޖެހޭނެ އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އިއްޔެ ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ދަތުރުފަތުރު ކުރުމުގައި ގައުމުތަކުން މިހާރު ވަކި އުސޫލުތަކެއް ހަދާފައި ހުންނަ ކަމަށާއި އެއާ އެއްގޮތަށް ރާއްޖޭގައި މަޑުކުރުމަކީ މައްސަލައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެކަމަކު، މާގިނަ ދުވަސް ވަންދެން ގެސްޓް ހައުސްތަކުގައި ޓޫރިސްޓުން މަޑުކުރުމަކީ ގޯހެއް ކަމަށްވާ ނަމަ އެކަން ބަލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.