Roadha Mihaaru
އައްޑޫ ބްރިޖު: މިހާރު ކުރިޔަށްދަނީ ފައިސާ ހަމަޖެއްސުން

އައްޑޫ ބްރިޖު މަޝްރޫއު: މިހާރު ކުރިޔަށް ދަނީ ފައިސާ ހަމަޖެއްސުމުގެ މަސައްކަތް

15 ޖުލައި 2024

ހިތަދޫ-މީދޫ ގުޅުވާލާ، ރާއްޖޭގެ އެންމެ ބޮޑު ބްރިޖް މަޝްރޫއުގައި މިހާރު ކުރިއަށް ދަނީ އެކަމަކަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ މަސައްކަތް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހިތަދޫ-މީދޫ ގުޅުވާލާ، ރާއްޖޭގެ އެންމެ ބޮޑު ބްރިޖް މަޝްރޫއުގައި މިހާރު ކުރިއަށް ދަނީ އެކަމަކަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ މަސައްކަތް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އައްޑޫގެ ބްރިޖުގެ މަޝްރޫއު ހުއްޓިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ކަމަށް ވިދާޅުވެ މަޖިލީހުގައި، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ އައްޑޫ ބްރިޖުގެ މަޝްރޫއަކީ ސަރުކާރުން އެންމެ އިސްކަމެއް ދީގެން ހިންގާ މަޝްރޫއު ކަމަށެވެ.

ދިގު މިނުގައި 13-15 ކިލޯ މީޓަރުގެ މި ބްރިޖުގެ މަސައްކަތް "ދަ އަރަބް ކޮންޓްރެކްޓާސް - އޮސްމާން އަހުމަދު އޮސްމާން އެންޑް ކޯ"އާ ހަވާލުކުރީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގަ އެވެ.

މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއު ހަވާލު ކޮށްފައިވާ ކުންފުނިން މިހާރު ކުރަމުން އަންނަ މަސައްކަތަކީ ފައިސާ ހަމަޖެއްސުން ކަމަށާއި އެ ފަރާތުން ހުށަހަޅާ ފައިނޭންސިން ޕްރޮޕޯސަލްތައް ސަރުކާރުން ބަލައި އިވެލުއޭޓް ކުރަމުން އަންނަ ކަމަށެވެ.

"އެއްބަސްވުމުގެ ދަށުން ފައިސާ އެރޭންޖު ކުރަން ޖެހެނީ އެ ކުންފުނިން. ނަމަވެސް ލޯނު ނަގައިގެން އެކަން ކުރާނީ ސަރުކާރުން،" މުއްތަލިބް ވިދާޅުވި އެވެ.

އައްޑޫ: ހިތަދޫ-މީދޫ ގުޅުވާލާ ބްރިޖުގައި ގާތްގަނޑަކަށް 15 ކިލޯ މީޓަރު ހުންނާނެ.

އައްޑޫ: ހިތަދޫ-މީދޫ ގުޅުވާލާ ބްރިޖުގައި ގާތްގަނޑަކަށް 15 ކިލޯ މީޓަރު ހުންނާނެ.

މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަނުޖެހެނީސް އެހެން ބަޔަކާ ހަވާލު ކޮށްގެން ކުރިޔަށް ނުގެންދާނެ ކަމަށާއި ފައިސާ ހަމަޖެހުމުން ވަރަށް އަވަހަށް މަޝްރޫއު ކުރިޔަށް ގެންދަން ގަސްތު ކުރައްވާ ކަމަށް މުއްތަލިބް ވިދާޅުވި އެވެ.

"މިވަގުތު ކުރިއަށް ދަނީ އެ ފަރާތުން ހުށަަހަޅާފައިވާ ފައިނޭންސިން ކަންކަމަކީ ސަރުކާރަށް ގަބޫލު ކުރެވޭ ކަންތަކެއްތޯ ބަލައި އިވެލުއޭޓްކޮށް މަޝްވާރާ ކުރުމުގެ މަސައްކަތް،" މިނިސްޓަރު ވިދާޅުވި އެވެ.

އައްޑޫ ބްރިޖް މަޝްރޫއުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭގެ މަސައްކަތް ހަވާލު ކޮށްފައިވާ ކުންފުނިން ވަނީ ބްރިޖުގެ ފުރަތަމަ ޑިޒައިން ހެދުމަށް ބޭނުންވާ ސާވޭގެ މަސައްކަތް ނިންމާލައިފަ އެވެ.

މި އަހަރުގެ ބަޖެޓުގައި ހިތަދޫ-ހުޅުމީދޫ ބްރިޖުގެ ސާވޭ ހެދުމަށް 30 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

"ދަ އަރަބް ކޮންޓްރެކްޓާސް - އޮސްމާން އަހުމަދު އޮސްމާން އެންޑް ކޯ" އަކީ މެދު އިރުމަތީގައި މިފަދަ މަޝްރޫއުތައް ހިންގުމުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ.

އައްޑޫގައި ބްރިޖް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުކެވެ. އެ މަޝްރޫއުގައި ސޮއިކުރީ އިންތިހާބަށް ފަހު އެމަނިކުފާނު އައްޑުއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި، ހުޅުދޫ ރައްޔިތުންނާ އެކު އޮތް ބައްދަލުވުމުގަ އެވެ.