Roadha Mihaaru
31 ބިލިއަންގެ މަޝްރޫއު ހިންގަން ލިބުނީ 5 ބިލިއަން

31 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގަން މި އަހަރަށް ލިބުނީ އެންމެ ފަސް ބިލިއަން: މުއްތަލިބް

13 އޯގަސްޓް 2024

އެކި ރަށްރަށުގައި މި ވަގުތު 31.5 ބިލިއަން ރުފިޔާގެ ޕީއެސްއައިޕީ މަޝްރޫއުތައް ފަށާފައިވާ ކަމަށާއި ނަމަވެސް މި އަހަރަށް ކަނޑައަޅާފައި ވަނީ އެންމެ ފަސް ބިލިއަން ރުފިޔާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އެކި ރަށްރަށުގައި މި ވަގުތު 31.5 ބިލިއަން ރުފިޔާގެ ޕީއެސްއައިޕީ މަޝްރޫއުތައް ފަށާފައިވާ ކަމަށާއި ނަމަވެސް މި އަހަރަށް ކަނޑައަޅާފައި ވަނީ އެންމެ ފަސް ބިލިއަން ރުފިޔާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ބ. ދޮންފަނުގައި ފަށާފައިވާ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައިވާ ސަބަބު އޮޅުންފިލުވުމަށް ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މައުރޫފް ޒާކިރު ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މުއްތަލިބް ވިދާޅުވީ ސަރުކާރުން މިހާތަނަށް ސޮއި ކޮށްފައިވާ ޕީއެސްއައިޕީތަކު މަޝްރޫއުތަކުގެ އަގަކީ 36.8 ބިލިއަން ރުފިޔާ ކަމަށާއި އޭގެ ތެރެއިން 31.5 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ފަށާފައިވާ ކަމަށެވެ. ނަމަވެސް މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި ފަސް ބިލިއަނަށް ވުރެ ކުޑަ އަދަދެއް ހިމަނާފައިވާތީ ބައެއް މަޝްރޫއުތައް ނުހިންގައި ދޫކޮށްލަން ޖެހޭ ކަމަށް މުއްތަލިބް ވިދާޅުވި އެވެ.

"މި އަހަރަށް ލިބިފައި ވަނީ ފަސް ބިލިއަން ރުފިޔާ އަށް ވުރެ ކުޑަ އަދަދެއް. ހަގީގަތުގައި އަޅުގަނޑުމެނަށް ޕްރައިއޯރަޓައިޒް ކޮގެން ނޫން ގޮތަކަށް މަޝްރޫއު ހިންގޭ ގޮތަކަށް ނޫން ބަޖެޓު އޮތީ،" މުއްތަލިބް ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުގައި މިނިސްޓަރު ވިދާޅުވީ ދޮންފަނު ވޯޓާ ސުވަރޭޖް ޕްރޮކެކްޓަށް މި އަހަރުގެ ބަޖެޓުގައި ހިމަނާފައި ވަނީ 1.7 މިލިއަން ރުފިޔާ އެވެ.

"ކިހިނެތްތޯ އެ ވަރުގެ އަދަދެއް ޖަހައިގެން ޕްރޮޖެކްޓު ހިންގާނީ؟" މުއްތަލިބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މެންބަރުން ބަޖެޓު ހައްދަވާއިރު، މަޝްރޫއެއް ކުރިޔަށް ގެންދެވޭ ވަރަށް ބަޖެޓުގައި ފައިސާ ހިމަނަން ޖެހޭ ކަމަށެވެ. އެހެން ނޫން ނަމަ މަޝްރޫއު ހިންގަން ޖެހޭނީ އެހެން ކަންކަމަށް ކަނޑައަޅާފައިވާ ފައިސާތައް އެކި ދިމަދިމާލުން ނަގައިގެން ކަމަށް ވެސް ވިދާޅުވި އެވެ.