Roadha Mihaaru
ފެނަކަ ދަރުވާލި އަދަދު އަންދާޒާއަށް ވުރެ މަތި: މުއާޒް

ފެނަކަ ދަރުވާލާފައި އޮތް އަދަދު އަންދާޒާއަށް ވުރެ މާ މަތި: މުއާޒް

15 ޖުލައި 2024

އެމްޑީޕީގެ ސަރުކާރުގައި ފެނަކަ ދަރުވާލާފައި އޮތް ވަރު އަންދާޒާކުރި ވަރަށް ވުރެ މަތި ކަމަށާއި މިހާތަނަށް ލިއުންތަކުން ސާފުވި އަދަދު 4.3 ބިލިއަން ރުފިޔާއަށް ވުރެ އިތުރު ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް ރަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އެމްޑީޕީގެ ސަރުކާރުގައި ފެނަކަ ދަރުވާލާފައި އޮތް ވަރު އަންދާޒާކުރި ވަރަށް ވުރެ މަތި ކަމަށާއި މިހާތަނަށް ލިއުންތަކުން ސާފުވި އަދަދު 4.3 ބިލިއަން ރުފިޔާއަށް ވުރެ އިތުރު ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް ރަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި މުއާޒް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގެ ދަރަނީގެ އަދަދުތައް އެނގުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ކަމަށެވެ. ހަގީގީ ހާލަތު ހާމަވި އިރު، އޮޑިޓް ރިޕޯޓުގައި ހުރި ވަރަށް ވުރެ މާބޮޑަށް ދަރުވާލާފައިވާ ކަމަށް ވިދާޅުވި އެވެ.

މިދިޔަ ސަރުކާރު ނިމުނުއިރު ފެނަކައިގެ ދަރަނިި ހުރީ އޮޑިޓް ރިޕޯޓުގައިވާ ގޮތުން 4.3 ބިލިއަން ރުފިޔާގަ އެވެ.

މުއާޒް ވިދާޅުވި ގޮތުގައި ޕީއެންސީން ވެރިކަމާ ހަވާލުވެ ފެނަކައިގެ ހާލަތު ބެލިއިރު، މަސައްކަތް ކުރުވުމަށް ފަހު ނުދައްކާ ބިލްތައް ފުނިޖެހިފައި ހުއްޓެވެ. އަދި މަސައްކަތް ހަވާލުކޮށް ރެކޯޑު ނުކުރާ ބިލްތައް ހުރި ކަމަށް ވެސް ވިދާޅުވި އެވެ.

"މި މަސައްކަތްތަކެއް ނެތް ރެކޯޑު ކޮށްފައެއް. އަޅުގަނޑުމެން މިދިޔަ ހަފްތާ ބަންދުގައި މި ދިޔައީ ރ. އަތޮޅަށް. ކޮންމެ ރަށަކުން ވެސް ބަނދަރު މަތިން ކޮންމެވެސް މީހަކު އައިސް އެބަ ބުނޭ މިއީ އަޅުގަނޑުމެން ކޮށްފައި ހުރި މަސައްކަތުގެ ބިލޭ. މި ބިލަށްވާ ފައިސާ ނުދީއޭ ހުރީ. 2021، 2022، 2023ގައި ކޮށްފައި ހުރި މަސައްކަތުގެ ފައިސާ. މިއިން އެއްވެސް ކަމެއް ފެނަކައިގެ ފޮތެއްގައި ވެސް ނެތީ،" އޭނާ ވިދާޅުވި އެވެ.

ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވާހަކަ ދައްކަވަނީ.-- ފޮޓޯ | ޕީއެންސީ

ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވާހަކަ ދައްކަވަނީ.-- ފޮޓޯ | ޕީއެންސީ

މުއާޒް ވިދާޅުވި ގޮތުގައި އޭނާ މަގާމާ ހަވާލުވެވަޑައިގަތް އިރު، އެކި މީހުން ލައްވައި ކުރުވާފައި ހުރި މަސައްކަތްތަކަށް 1.7 މިލިއަން ރުފިޔާ ދައްކަން ޖެހިފައި އޮތެވެ. އޭގެ ތެރެއިން 300 މިލިއަން ރުފިޔާ މިދިޔަ ހަތް މަސް ތެރޭގައި ދޫކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފެނަކައަށް ގެއްލުންވާ ގޮތަށް އެމްޑީޕީ ސަރުކާރުން ފަށާފައިވާ އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދަން މިހާރު ނިންމައި އެކަން ކަމާ ގުޅުން ހުރި އިދާރާތަކަށް ވެސް އަންގާފައިވާ ކަމަށެވެ. އޭގެތެރެއިން މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ ނުއަގުގައި ފެނަކަ މެދުވެރިކޮށް އިމާރާތް ކުރުމަށް ހަވާލުކޮށްފައިވާ 48 އޭޓީއެމްގެ މަސައްކަތެވެ.

ފެނަކައަށް ނުކުރެވޭނެ ވަރަށް ގިނަ މަސައްކަތްތަކެއް ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށާއި ފިޝަރީޒް މިނިސްޓްރީން ފެނަކަ މެދުވެރިކޮށް ނުވަ އައިސް ޕްލާންޓް އަޅަން ވެސް ހަވާލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުއާޒް ވިދާޅުވި ގޮތުގައި އެ މަޝްރޫއު ވެސް ހަވާލުކުރީ އަގަށް ވުރެ އިތުރަށް ފެނަކައިން ހަރަދުކުރާ ގޮތަށެވެ.

ޕީއެންސީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ އިސް ލީޑަރުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ޕީއެންސީ

ޕީއެންސީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ އިސް ލީޑަރުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ޕީއެންސީ

"ނުވަ އައިސްޕްލާންޓާ އަޅަން ފެނަކައާ ހަވާލުކޮށްފައި އޮތީ 4.9 މިލިއަން ރުފިޔާއަށް. ވަރަށް ކުޑަ އަގެއްގައި. އެއަށްވުރެ މާ ގިނައިން ހަރަދުވެއްޖެ [ފެނަކައިން]. އަޅުގަނޑުމެން އަންގައިފިން އިކޮނޮމިކް މިނިސްޓްރީއަށް، އެގްރިމެންޓް ބާތިލް ކުރަން ބޭނުމޭ،" އޭނާ ވިދާޅުވި އެވެ.

"އައިސްޕްލާންޓްތައް، ފިޝަރީޒް މިނިސްޓްރީއަށް ވެސް އަޅުގަނޑުމެން އަންގައިފިން. ހަވާލު ކޮށްފައި ހުރި އައިސްޕްލާންޓްތައް ދެން އަޅުގަނޑުމެން ކުރިއަކަށް ނުގެންދާނަމޭ. އެއީ އަޅުގަނޑުމެން މިއީ ކޮންސްޓްރަކްޝަން ކުންފުންޏެއް ނޫނޭ."

ފެނަކަ އޮތް ހާލަތު ސިފަކޮށްދެއްވައި މުއާޒް ވިދާޅުވީ ރައްޔިތުންގެ ޓެކްސް ފައިސާއިން އެމްޑީޕީން ވެފައި ހުރި ހިޔާނާތްތައް ފެންނަން ހުރި ކަމަށެވެ. އެމްޑީޕީގެ ވެރިކަމުގައި ފެނަކަ މެދުވެރިކޮށް ހިންގާފައި ހުރި ހިޔާނާތްތައް ވީހާވެސް އަވަހަށް ބަލައި ފިޔަވަޅު އަޅަން ވެސް މުއާޒް ގޮވާލެއްވި އެވެ.