Roadha Mihaaru
10 މިލިއަނަށް ވުރެ މަތި ނަމަ ބިމުގެ އަގަށް ލުޔެއް!

ކްރޮސް ސަބްސިޑީގެ ދަށުން ޓޫރިޒަމްގެ ބިމުގެ އަގު ދައްކަން ލުއި ލިބޭނީ 10 މިލިއަން ޑޮލަރަށް ވުރެ މަތި ނަމަ

18 ޖުލައި 2024

ސަރުކާރުން ބޭނުންވާ މަޝްރޫއުތަކަށް ފަންޑު ކުރާ ފަރާތްތަކަށް ބިން ދޭ ގޮތަށް ހިންގާ ކްރޮސް ސަބްސިޑީ ޕްރޮޖެކްޓްތަަކަށް ބިމުގެ އަގު ދެއްކުމުގައި ލުއި ލިބޭނީ އެ އަދަދު 10 މިލިއަން ޑޮލަރަށް ވުރެ އިތުރުވާ ނަމަ ކަމަށް ކަނޑައަޅައި، ކްރޮސް ސަބްސިޑީގެ އުސޫލު ބަދަލުކޮށްފި އެވެ.

ސަރުކާރުން ބޭނުންވާ މަޝްރޫއުތަކަށް ފަންޑު ކުރާ ފަރާތްތަކަށް ބިން ދޭ ގޮތަށް ހިންގާ ކްރޮސް ސަބްސިޑީ ޕްރޮޖެކްޓްތަަކަށް ބިމުގެ އަގު ދެއްކުމުގައި ލުއި ލިބޭނީ އެ އަދަދު 10 މިލިއަން ޑޮލަރަށް ވުރެ އިތުރުވާ ނަމަ ކަމަށް ކަނޑައަޅައި، ކްރޮސް ސަބްސިޑީގެ އުސޫލު ބަދަލުކޮށްފި އެވެ.

މި އުސޫލުގެ ފުރަތަމަ އެކުލަވާލިއިރު، ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ސަރުކާރުން ދެނީ އެ ބިމަކަށް ޖެހޭ ޖުމުލަ އަގު އެއްކޮށް ދެއްކުމުންނެވެ.

އޭގެ ފަހުން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސަރުކާރުން ވަނީ މަޝްރޫއަށް ހަރަދުކުރަން ކަނޑައަޅައިފައިވާ ފައިސާގެ ޖުމުލަ އަދަދުގެ ތެރެއިން މަދުވެގެން އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ދިނުމުން އެ ފަރާތަކަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދެވޭނެ ގޮތަށް އުސޫލު ބަދަލުކޮށްފަ އެވެ.

ނަމަވެސް އެ އުސޫލު އަލުން އިސްލާހުކޮށް، މިއަދު ގެޒެޓުކުރި އުސޫލުގައި ވަނީ ރަށަކަށް، ފަޅަކަށް ނުވަތަ ބިމަކަށް ޖެހޭ ޖުމުލަ އަދަދު 10 މިލިއަން ޑޮލަރަށް ވުރެ ބޮޑުވާ ނަމަ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެ އަދަދުގެ 50 ޕަސަންޓު ދެއްކުމުން ލިބޭ ގޮތަށެވެ.

ބާކީ ދައްކަންޖެހޭ ފައިސާ، އަހަރު ނިމުމުގެ ކުރިން ދައްކަންޖެހޭނެ ކަމަށް އާ އިސްލާހުގައި ވެ އެވެ.

ކްރޮސް ސަބްސިޑީ އަކީ އިގްތިސާދީ އަދި އިޖުތިމާއީ މަންފާއެއް ލިބޭނެ ފަދަ މަޝްރޫއެއް ހިންގަން އަމިއްލަ ފަރާތަކުން އިންވެސްޓް ކުރުމުން، އޭގެ ބަދަލެއްގެ ގޮތުގައި ސަރުކާރުން ދޫކުރާ ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެކެވެ.

ކްރޮސް ސަބްސިޑީގެ އުސޫލުން ޕްރޮޖެކްޓެއް ދޫކުރަން ކަނޑައެޅުމުގެ ބާރު ލިބިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ. އެ އުސޫލުން އެ މަޝްރޫއެއް ހިންގަން އިއުލާނު ކުރުމަށް ފަހު، ލިބޭ ޕްރޮޕޯސަލްތައް ބަލައި، މަޝްރޫއު އެވޯޑު ކުރާނެ ފަރާތެއް ކަނޑައަޅާނީ އިކޮނޮމިކް ކައުންސިލުންނެވެ.