Roadha Mihaaru
ނުހެދި ހުރި ރަށްތަކަށް ފައިސަލް ދަތުރުކުރައްވަނީ

ރިސޯޓްހަދަން ދޫކޮށް ނުހެދި ހުރި ރަށްތަކަށް ފައިސަލް ވަޑައިގަންނަވަނީ

23 މާޗް 2024

ރިސޯޓު ހަދަން ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން މަސައްކަތް ހުއްޓިފައިވާ ރަށްތަކަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ސީދާ ވަޑައިގެން، އެ ރަށްތަކުގެ ސްޓޭޓަސް ބައްލަވަން ފައްޓަވައިފި އެވެ.

ރިސޯޓު ހަދަން ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން މަސައްކަތް ހުއްޓިފައިވާ ރަށްތަކަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ސީދާ ވަޑައިގެން، އެ ރަށްތަކުގެ ސްޓޭޓަސް ބައްލަވަން ފައްޓަވައިފި އެވެ.

ރިސޯޓުތައް ހެދުމަށް ދޫކުރި ރަށްތަކުގެ ތެރެއިން މަސައްކަތް ހުއްޓި، ދައުލަތަށް އާމްދަނީއެއް ނުވަންނަ ރަށްރަށުގެ މައްސަލަ ހައްލު ކުރަން މި ސަރުކާރުން ހާއްސަ އިސްކަމެއް ދީފައިވާ އިރު، ފައިސަލް އިއްޔެ ވަނީ ރިސޯޓު ހަދަން ދޫކޮށްފައިވާ ގއ. މާރެންދޫއަށް ވަޑައިގެންފަ އެވެ.

މިއީ 2016 ވަނަ އަހަރު ޗައިނާ ކުންފުންޏަކާ ހަވާލުކޮށް، މަސައްކަތް ފަށާފައިވާ ރަށެކެވެ.

އެ ރަށުގައި ހުންނަވައިގެން ފައިސަލް ވިދާޅުވީ މި ރަށުގެ މަސައްކަތް 2019 ވަނަ އަހަރުން ފެށިގެން ހުއްޓިފައިވާ ކަމަށެވެ. އަދި މި ރަށުގެ މަސައްކަތް ނިންމައި ދިނުމަށް ގއ. ކޮލަމާފުށީގެ ރައްޔިތުން ވަރަށް ބޮޑަށް އެދެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވި ގޮތުގައި، މިގޮތަށް ނުހެދި ހުރި ރަށްތަކަށް ހައްލެއް ހޯދުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލެވިފައިވާ އިރު، މާރެންދޫގެ މަސައްކަތް އަލުން ފެށުމަށްޓަކައި އެ ރަށް ދޫކޮށްފައިވާ އެންމެ އިސް ފަރާތާ ވެސް ބައްދަލުކުރައްވައި، ކުރިއަށް ދެވޭނެ މަގެއް ނެރުއްވާނެ އެވެ.

"މި ރަށުގެ ގާތްގަނޑަކަށް 50-60 ޕަސަންޓު މަސައްކަތް ހުރީ ނިމިފައި. އެހެންވީމާ ރަނގަޅަށް މަސައްކަތް ކޮށްލައިގެން ދެ އަހަރެއްހާ ދުވަސް ތެރޭގައި ނިންމާލެވޭނެ،" އޭނާ ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި "ފިސްކަލް ހިރާސްތަކުގެ ބަޔާން" ގައި ވާ ގޮތުން ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން އެއްގޮތަކަށް ވެސް ކުރިއަށް ނުގޮސް ހުއްޓިފައި ހުރި ރަށްތަކުން 1.7 ބިލިއަން ޑޮލަރު (26 ބިލިއަން ރުފިޔާ) ކޮންމެ އަހަރަކު ގެއްލެ އެވެ.

ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން އެންމެ ގިނަ ރިސޯޓުތައް ނުހެދި ހުއްޓިފައި ހުރީ ކ. އަތޮޅުގަ އެވެ. އެ އަތޮޅުގައި މަސައްކަތް ހުއްޓި، އޮޕަރޭޝަން ނުފެށި 29 ރިސޯޓެއް އެބަ އޮތެވެ. ގއ. އަތޮޅުގައި މަސައްކަތް ހުއްޓިފައި އޮތް 10 ރަށް އެބަ އޮތެވެ.

ނުހެދި ގާތްގަނޑަކަށް 63 ރަށް އޮތް އިރު، އޭގެ ތެރެއިން 25 ވަރަކަށް ރަށުގެ މަސައްކަތް ނިންމައި، ކުރިއަށް ފަސް އަހަރު ދުވަހުގެ ތެރޭގައި މާކެޓަށް ނެރުމަށް އަމާޒު ހިފާފައިވާ ކަމަށް ފައިސަލް މީގެކުރިން ވަނީ ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ، ގިނަ ރަށްތަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފަންޑު ނެތުން ކަމަށެވެ. ހުރި މައްސަލަތައް ދަނެގަނެ ރިސޯޓުތައް ހެދުމަށް ދޫކުރި ފަރާތްތަކަށް ހައްލުތަކެއް ހޯދައި ދިނުމަށް އިކޮނޮމިކް ކައުންސިލުން ގޮތްތަކެއް މިހާރު ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ވަރަށް އަވަހަށް ކެބިނެޓަށް އެކަންކަން ހުށަހަޅައި އިއުލާނުކުރާނެ ކަމަށް ވެސް ފައިސަލް މިދިޔަ މަހު ވަނީ ވިދާޅުވެފަ އެވެ.