Roadha Mihaaru
އުރީދޫގެ މަސް ރޭސް މި ފަހަރު ތިން ރަށެއްގައި!

އުރީދޫގެ މަސް ރޭސް މި ފަހަރު ތިން ރަށެއްގައި!

18 ޖުލައި 2024

އުރީދޫގެ މަސް ރޭސް މި އަހަރު ބާއްވާނެ ކަން އިއުލާންކޮށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އުރީދޫގެ މަސް ރޭސް މި އަހަރު ބާއްވާނެ ކަން އިއުލާންކޮށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅިގެން ބާއްވާ މަސް ރޭސް މިފަހަރު ތިން ރަށެއްގައި ކުރިއަށް ގެންދާނެ އެވެ. އެއީ، ކ. ހިންމަފުއްޓާއި ޅ. ނައިފަރުގެ އިތުރުން ގދ. ތިނަދޫގަ އެވެ.

މަސްރޭހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އުރީދޫގެ ވެބްސައިޓުގައި މިކަމަށް ހާއްސަކުރެވިފައިވާ ބައިން ޓީމުތައް ރަޖިސްޓްރީ ކުރެވޭނެ އެވެ.

Ooredoo Mas Race 2024

މި ލިންކުން ރަޖިސްޓްރީ ކުރެވޭނެ.

ޓީމުތައް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި ވާދަކުރެވޭނީ ކެޕްޓަނާއި އޮފިޝަލުން ހިމެނޭ ގޮތަށް 8 މެމްބަރުންނާއި 12 މެމްބަރުން ހިމެނޭ ޓީމުތަކަށެވެ.

އުރީދޫން ބުނީ މަސްރޭހުގައި ކޮންމެ ހިސާބަކުން ވެސް އެންމެ ގިނަވެގެން 16 ޓީމު ވާދަކުރާނެ ކަމަށެވެ. އަދި 16 ޓީމަށް ވުރެ ގިނައިން ރަޖިސްޓްރީ ވެފައިވާ ނަމަ ބައިވެރިވާ ޓީމުތައް ހޮވަން ގުރުއަތު ނަގާނެ ކަމަށާއި ގުރުއަތުން ނުހޮވޭ ޓީމުތަކަށް ފުލް ރިފަންޑް ދޭން ނިންމާފައިވާ ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގެ ތިން ރަށެއްގައި މި އަހަރުގެ އުރީދޫ މަސްރޭސް ބާއްވަން ނިންމީ މި ރޭހުގެ ފޯރި އާއި އުފާވެރިކަމުގައި ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދޭން ކަމަށެވެ. އަދި މި ރޭހަކީ ކޮންމެ އަހަރަކު ވެސް ހޫނު ތަރުހީބެއް ލިބޭ މުބާރާތެއްކަން ފާހަގަކޮށް މި މުބާރާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވާން އޭނާ ގޮވާލެއްވި އެވެ.

ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން މި އަހަރު ބާއްވާ މަސް ރޭހާ ގުޅޭ ގޮތުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބު ވިދާޅުވީ، މިނިސްޓްރީގެ އަމާޒަކީ އާދަކާދަތައް ދަމަހައްޓަން މުޖުތަމައުތައް ބާރުވެރިކުރުވައި، އަންނަން އޮތް ޖީލުތަކަށް ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރަން ހޭލުންތެރިކަން އިތުރުކުރުވުން ކަމަށެވެ. އަދި މަސްރޭހަކީ މި އަމާޒަށް ވާސިލްވުމަށް ލިބޭ ފުރުސަތެއް ކަމަށާއި މި މުބާރާތުން މުޖުތަމައުތަކުގެ އެއްބައިވަންތަކަމާއި އެކުވެރިކަމާއި މަސްވެރިކަމުގެ ސަގާފަތްތައް ދައްކުވައިދޭ ކަމަށް ވެސް ވިދާޅުވި އެވެ.

އަންނަ މަހު ފަށަން ހަމަޖައްސާފައި އޮތް މުބާރާތް ތިން ތާރީހެއްގައި ކުރިއަށް ގެންދާނެ އެވެ.

އޮގަސްޓް 9، ހިންމަފުށި

އޮގަސްޓު 16، ތިނަދޫ

އޮގަސްޓް 23، ނައިފަރު

މި މުބާރާތަށް ޖުމްލަ 126،000ރ. ވަނީ ހުށަހަޅައިފަ އެވެ. އެއް ވަނަ ޓީމަށް ހުށަހަޅާފައި ވަނީ 25،000ރ. އެވެ. ދެ ވަނަ އަށް 10،000ރ. ހުށަހަޅާފައި ވާއިރު، ތިން ވަނަ އަށް ހުށަހަޅާފައި ވަނީ 5000ރ. އެވެ. އަދި އެންމެ މޮޅު މަސްވެރިޔާއަށް 1000ރ. ހުށަހަޅާފައިވާއިރު އެންމެ މޮޅު ފިޝާވުމަން އަށް ވެސް 1000ރ. ވަނީ ހުށަހަޅައިފަ އެވެ.

މިދިޔަ އަހަރު އުރީދޫގެ މަސް ރޭސް އޮތީ މާލެ އާއި އައްޑު އާއި ފުވައްމަލަކުގެ އިތުރުން ހދ. ކުޅުދުއްފުށީގަ އެވެ.