Roadha Mihaaru
އެމްޓީސީސީން ބޯޓު ބަނުމުގެ ހިދުމަތް ފަށަނީ

އެމްޓީސީސީން ބޯޓު ބަނުމުގެ ހިދުމަތް ފަށަނީ

18 ޖުލައި 2024

އެމްޓީސީސީއިން ބޯޓުފަހަރު ބަނުމުގެ ހިދުމަތް ފެށުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދު ރޭ ވިދާޅުވެއްޖެ އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އެމްޓީސީސީއިން ބޯޓުފަހަރު ބަނުމުގެ ހިދުމަތް ފެށުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދު ރޭ ވިދާޅުވެއްޖެ އެވެ.

އެމްޓީސީސީން ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޒިޔާދު ވިދާޅުވީ އެ ކުންފުނީގެ ބޯޓުތައް މަރާމާތުކުރާ ޔާޑުގެ މަސައްކަތް ވަރަށް ބޮޑަށް ނިމިފައިވާ ކަމަށެވެ. އަދި އެ ތަން ނިމުމުން އަމާޒަކީ ބޯޓު ބަނުމުގެ ހިދުމަތް ފެށުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އުއްމީދަކީ އަންނަ އަހަރީ އާއްމު ޖަލްސާ ބާއްވާއިރު އުޅަނދު ބަންނަ ކުންފުންޏަކަށްވުން." އޭނާ ވިދާޅުވި އެވެ.

ޒިޔާދު ވިދާޅުވީ މި މަސައްކަތުގެ އިތުރުން ކުންފުންޏަށް ފައިދާވާ ގޮތަށް މިދިޔަ ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ވެސް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށެވެ.

"ކުރީގެ މެނޭޖުމަންޓުގެ ޕްލޭން ބޮލާލާ ނުޖަހަން, ކުރީގެ މެނޭޖްމަންޓުން ވިސްނަވާފަ ހުރީ ޑްރެޖިން ޕްރޮޖެކްޓުތަކާއި އެކި ކޮންސްޓްރަކްޝަންގެ މަސައްކަތްތައް ފުޅާކުރަން. އެ މިސްރާބުގައި މިދިޔަ މެނޭޖުމަންޓުން ވެސް ކުންފުންޏަށް ފައިދާވާ ގޮތަށް ފަށާފައި ހުރި މަސައްކަތްތައް އަޅުގަނޑުމެން ހުއްޓާނުލާ ކުރިއަށް ގެންދާނަން." ޒިޔާދު ވިދާޅުވި އެވެ.

އެމްޓީސީސީއިން ބޯޓު ބަނުމުގެ ހިދުމަތް ފެށުމުގެ މަސައްކަތްތައް ފެށުމަށް ގިނަ ތައްޔާރީތަކެއް ވެފައިވާ ކަމަށާއި ފަންނީ މާހިރުންގެ އެހީގައި ފީސިބިލިޓީ ސްޓަޑީއެއް ހަދާފައިވާ ކަމަށް އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ވެސް ވަނީ ބުނެފަ އެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުން 222 އުޅަނދަކަށް ޑޮކިން ހިދުމަތް ދިން މި ބޯޓު ޔާޑުގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން 2000 ޓަނުގެ ބޯޓު ފަހަރަށް ހިދުމަތް ދެވޭ ވަރަށް ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

ބޯޓު ޔާޑުގެ ނަން "އެމްޓީސީސީ ބޯޓު ޔާޑު"ގެ ނަމުން "އެމްޓީސީސީ ޝިޕް ޔާޑަށް" ވަނީ ބަދަލުކޮށްފަ އެވެ.