Roadha Mihaaru
އެމްޓީސީސީގެ ހިއްސާއަކަށް 4ރ. ބަހަން ފާހެއް ނުވި

އެމްޓީސީސީގެ ބޯޑުން ނިންމި ގޮތަށް ހިއްސާއަކަށް 4ރ. ބަހަން ފާހެއް ނުވި

15 ޖޫން 2023

އެމްޓީސީސީ އަށް މިދިޔަ އަަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 4ރ. ބަހަން ބޯޑުން ނިންމި ގޮތާ ދެކޮޅަށް ހިއްސާދާރުން ވޯޓު ދީފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެމްޓީސީސީ އަށް މިދިޔަ އަަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 4ރ. ބަހަން ބޯޑުން ނިންމި ގޮތާ ދެކޮޅަށް ހިއްސާދާރުން ވޯޓު ދީފި އެވެ.

ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވި ގޮތުގައި ފާސްނުވި ޑިވިޑެންޓަކީ ފޭސްވެލިއު އަށް ބަލާއިރު ކުންފުންޏަކުން މި އަހަރު ހުށަހެޅި އެންމެ ރަނގަޅު ޑިވިޑެންޓެވެ. އެއީ ފޭސްވެލިއު 5ރ. އަދި ޑިވިޑެންޓަށް 4ރ. އެވެ.

ކުރުނބާ މޯލްޑިވްސްގައި މިރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި މިގޮތަށް ޑިވިޑެންޓް ބެހުމާ ދެކޮޅަށް، އެ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ ތެރެއިން 61 މީހުން ވޯޓު ދިނެވެ. އެއީ ވޯޓުގައި ބައިވެރިވި މީހުންގެ 53 ޕަސެންޓެެވެ. ހިއްސާގެ ފައިދާ ބެހުމަށް ވޯޓު ދިނީ 54 ހިއްސާދާރުންނެވެ.

މިއީ ފަހުގެ ތާރީހެއްގައި އަހަރީ އާންމު ޖަލްސާއެއްގައި ބޯޑުން ކަނޑައެޅި ހިއްސާގެ ފައިދާ، ބަލައިނުގަންނަން އާއްމު ހިއްސާދަަރުން ނިންމި ފުރަތަމަ ފަހަރެވެ.

ހިއްސާގެ ފައިދާ ގޮތުގައި ބޯޑުން ބަހަން ކަނޑައެޅީ މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ބެހި އަދަދަށް ވުރެ 10 ލާރި އިތުރު އަދަދެކެެވެ. އަދި ޖުމްލަ 32 މިލިއަން ރުފިޔާ އާންމު ހިއްސާދާރުންނަށް ބަހަން ބޯޑުން ކަނޑައެޅި އެވެ.

އެމްޓީސީސީއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގަައި ޓެކްސް ކެނޑުމަށްފަހު 196 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 36 މިލިއަން ރުފިޔާ ދަށް އަދަދެކެވެ. ސާފު ފައިދާ ދަށްވެފައިވަނީ ދަރަނި އަނބުރާ ދެއްކުމަށާއި ތެލުގެ ހަރަދަށް ކުރި ހޭދަ ބޮޑުވުމުންނެވެ.

ސާފު ފައިދާ ދަށްވި ނަމަވެސް އެކުންފުނީގެ އާމްދަނީ ވަނީ ކުރީ އަހަރަށް ވުރެ 600 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. އަދި މިއީ ވޭތުވެދިޔަ ތިން އަހަރަށްވުރެ ގާތްގަނޑަކަށް ދެ ގުނަ އިތުރު އަދަދެކެެވެ. މިދިޔަ އަހަރު އެމްޓީސީސީއަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބުނެވެ.

މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ކޮންސްޓްރަކްޝަނާއި ޑްރެޖިން މަސައްކަތްތަކުންނެވެ. އެ މަސައްކަތްތަކުން 2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. އެއީ ކުންފުނީގެ ޖުމްލަ އާމްދަނީގެ 80 ޕަސެންޓެވެ.

މިދިޔަ އަހަރު އެކުންފުނިން ވަނީ 65 ޕްރޮޖެކްޓެއް ފަށާ، 42 ޕްރޮޖެކްޓް ނިންމާފައިވެ އެވެ. މިއަހަރު ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ގިނަ ޕްރޮޖެކްޓްތަކެއް އަންނަނީ ހިންގަމުންނެވެ.