Roadha Mihaaru
5ބިލިއަންގެ މަޝްރޫއުން އަމާޒަކީ ބޮޑު އާމްދަނީއެއް

ފަސް ބިލިއަން ރުފިޔާގެ މަޝްރޫއު ލިބިފައި އެބަހުރި، އަމާޒަކީ 3 ބިލިއަންގެ އާމްދަނީއެއް: އާޒިމް

16 ޖޫން 2023

އެމްޓީސީސީއަށް ފަސް ބިލިއަން ރުފިޔާގެ މަޝްރޫއުތައް ލިބިފައިވާ ކަމަށާއި އަމާޒަކީ ކުންފުނީގެ އާމްދަނީ ތިން ބިލިއަނަށް އިތުރުކޮށް، ސާފު ފައިދާ 300 މިލިއަން ރުފިޔާއަށް ގެންދިއުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ރޭ ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެމްޓީސީސީއަށް ފަސް ބިލިއަން ރުފިޔާގެ މަޝްރޫއުތައް ލިބިފައިވާ ކަމަށާއި އަމާޒަކީ ކުންފުނީގެ އާމްދަނީ ތިން ބިލިއަނަށް އިތުރުކޮށް، ސާފު ފައިދާ 300 މިލިއަން ރުފިޔާއަށް ގެންދިއުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ރޭ ވިދާޅުވެއްޖެ އެވެ.

އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާއަށް ފަހު ނޫސްވެރިންނަށް އާޒިމް ވިދާޅުވީ، އެ ކުންފުންޏަށް އަމިއްލަ ފަރާތްތަކާއި ސަރުކާރުން ކުރާ އިތުބާރު ބޮޑުވެ، ލިބޭ ޕްރޮޖެކްޓްތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެއް ބިލިއަނުން 2.4 ބިލިއަނަށް މި ގެންދިޔައީ ތިން އަހަރުގެ ތެރޭ. އެއް ބިލިއަނާ ހަމައަށް ގެންދެވުނީ 40 އަހަރުގެ ތެރޭގައި. އެހެންވެ، އަޅުގަނޑު މި މަސައްކަތް ކުރަނީ އިތުރު އެއް ބިލިއަނާ ހަމައަށް ގެންދިއުމަށް،" އޭނާ ވިދާޅުވި އެވެ.

އާޒިމު ވިދާޅުވި ގޮތުގައި މިއަހަރު ނިމޭ އިރު އެކަން ހާސިލުވާނެ ކަމުގެ އުންމީދު ވަރަށް ބޮޑެވެ.

މިދިޔަ އަހަރު އެ ކުންފުނިން ވަނީ 65 ޕްރޮޖެކްޓެއް ފަށައި 42 ޕްރޮޖެކްޓް ނިންމައިފަ އެވެ. މި އަހަރު ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ގިނަ ޕްރޮޖެކްޓްތަކެއް އަންނަނީ ހިންގަމުންނެވެ.

އެމްޓީސީސީގެ އާމްދަނީ މިދިޔަ އަހަރު ވަނީ، އޭގެ ކުރީ އަހަރަށް ވުރެ 600 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. އަދި މިއީ ވޭތުވެދިޔަ ތިން އަހަރަށްވުރެ ގާތްގަނޑަކަށް ދެ ގުނަ އިތުރު އަދަދެކެެވެ. މިދިޔަ އަހަރު އެމްޓީސީސީއަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބުނެވެ.

މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ކޮންސްޓްރަކްޝަނާއި ޑްރެޖިން މަސައްކަތްތަކުންނެވެ. އެ މަސައްކަތްތަކުން 2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. އެއީ ކުންފުނީގެ ޖުމްލަ އާމްދަނީގެ 80 ޕަސެންޓެވެ.