Roadha Mihaaru
އައިޓީ ސިސްޓަމްތައް ހުއްޓި ގައުމުތަކުގައި ހާސްކަން

އައިޓީ ސިސްޓަމްތައް ހުއްޓި ގައުމުތަކުގައި ހާސްކަން

19 ޖުލައި 2024

އައިޓީ ސިސްޓަމްތައް ހުއްޓުމަކަށް އައިސް އެކި ގައުމުތަކުގެ އެއާލައިންތަކާއި އެއާޕޯޓްތަކާއި ބޮޑެތި ކުންފުނިތަކުގެ ހިދުމަތްތަކަށް ބުރޫ އަރައިފި އެވެ.

އައިޓީ ސިސްޓަމްތައް ހުއްޓުމަކަށް އައިސް އެކި ގައުމުތަކުގެ އެއާލައިންތަކާއި އެއާޕޯޓްތަކާއި ބޮޑެތި ކުންފުނިތަކުގެ ހިދުމަތްތަކަށް ބުރޫ އަރައިފި އެވެ.

އޮސްޓްރޭލިއާގައި ގައުމީ ބްރޯޑްކާސްޓަރާއި އެ ގައުމުގެ އެންމެ ބޮޑު އިންޓަނޭޝަނަލް އެއާޕޯޓާއި ޓެލެކޮމިއުނިކޭޝަންގެ ހިދުމަތްދޭ ބޮޑު ކުންފުންޏަކާއި އެތައް ބޭންކެއް މިއަދު ހުއްޓުމަކަށް ވަނީ އައިސްފަ އެވެ.

އޮސްޓްރޭލިއާގެ އިތުރުން ސިންގަޕޫރާއި އެމެރިކާ އާއި އިންޑިއާ އާއި ސްޕެއިން އަދި އެހެން ބައެއް ގައުމުތަކުގެ ވެސް އެއާލައިންތަކާއި ސުޕަމާޓްތަކާއި ބޭންކްތައް ފަދަ ބޮޑެތި ކުންފުނިތަކަށް ވަނީ މިކަމުގެ ސަބަބުން ބޮޑެތި މައްސަލަތަކާ ކުރިމަތިވެފަ އެވެ.

މާކެޓް ޝެއާގެ ގޮތުން އިންޑިއާގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ އިންޑިގޯ އިިން ވެސް ވަނީ ސިސްޓަމްތަކަށް މި މައްސަލަ ދިމާވެފައިވާ ކަމަށް ބުނެފަ އެވެ.

"މި ވަގުތު ބުކިން، ޗެކިން އަދި ބޯޑިން ޕާސް އަށް އެކްސެސްކުރުމަށް ދަތިވެދާނެ. އަދި ބައެއް ފްލައިޓްތަކަަށް ވެސް މިކަމުގެ އަސަރު ކޮށްފާނެ،" އިންޑިގޯ އިން ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.

އިންޑިގޯގެ އިތުރުން ސްޕައިސްޖެޓާއި އަކާސާ އެއާ އިން ވެސް ވަނީ ސިސްޓަމްތަކަށް މައްސަލަ ދިމާވެގެން އުޅޭ ކަމަށް ބުނެފަ އެވެ.

ދިއްލީ އެއާޕޯޓުން ވަނީ، ދިމާވާނެ ދަތިކަން ކުޑަކުރުމަށް އެއާލައިންތަކާ ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.

އޮސްޓްރޭލިއާގެ ނޭޝަނަލް ސައިބަ ސެކިއުރިޓީ ކޯޑިނޭޓަރު ވިދާޅުވީ މިއީ "ތާޑް ޕާޓީ ސޮފްޓްވެއާ ޕްލެޓްފޯމަކަށް" ދިމާވި މައްސަލައަކާ ގުޅިގެން މެދުވެރިގެން އުޅޭ މައްސަލައެއް ކަމަށެވެ. މިއީ ސައިބަ ސެކިއުރިޓީއާ ގުޅުން ހުރި މައްސަލައެއްގެ ގޮތުގައި އަދި މިހާތަނަށް ފާހަގަވެފައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ ސައިބަ ސެކިއުރިޓީއާ ގުޅުން ހުރި މައްސަލައެއްގެ ގޮތުގައި ބެލޭނެ އެއްވެސް މައުލޫމާތެއް އަދި ނެތް. ކަމާ ގުޅުންހުރި ފަރާތްތަކާ އެކި މި ކަމުގައި މި ދަނީ މަސައްކަތްކުރަމުން،" އޭނާ ވިދާޅުވި އެވެ.

އައިޓީ ސެކިއުރިޓީ ފާމެއް ކަމަށްވާ "ކްރައުޑްސްޓްރައިކް" އިން ބުނީ ލިބިފައިވަނީ މައިކްރޮސޮފްޓްގެ އޮޕަރޭޓިން ސިސްޓަމް ކްރޭޝްވާ ކަމުގެ ރިޕޯޓްތަކެއް ކަމަށެވެ.

ގައުމީ ބްރޯޑްކާސްޓަރު އޭބީސީން ވެސް ވަނީ އެ ކުންފުނީގެ ސިސްޓަމްތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.

މީހުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މި ދިމާވި މައްސަލައާ އެކު ސިޑްނީ އެއާޕޯޓުގެ ހިދުމަތްތަކަށް ވެސް ބުރޫއަރައި ފަސިންޖަރުންގެ ކިއޫތައް ވަނީ ދިގުވެފަ އެވެ.

އޮސްޓްރޭލިއާގެ އެންމެ ބޮޑު އެއް ސުޕަމާކެޓް ޗެއިންގެ ބައެއް ސެލްފް ޗެކްއައުޓް ޓާމިނަލްތަކުގައި ވެސް "އެރާ" މެސެޖާ އެކު ހިދުމަތް ހުއްޓި ކިއޫތަކުގައި މީހުން އެތައް އިރަކު ވަނީ ތިބެންޖެހިފަ އެވެ.

ޓެލެކޮމިއުނިކޭޝަން ކުންފުނި ޓެލްސްޓްރާ އިން ވެސް ވަނީ އެ ކުންފުނީގެ ބައެއް ސިސްޓަމްތަކަށް ބުރޫ އަރާފައިވާ ކަމަށް ބުނެފަ އެވެ.