Roadha Mihaaru
ކާރިސާތަކުން ރައްކާތެރިވާން ތައްޔާރުވެފައިވާ ވަރު ބަލަނީ

ކާރިސާތަކުން ރައްކާތެރިވުމަށް ތައްޔާރު ވެފައިވާ ވަރު ބަލަނީ

21 ޖުލައި 2024

ކުރިމަތިވާ ކާރިސާތަކުން ލިބިދާނެ ގެއްލުން ދެނެގަތުމަށާއި ކާރިސާތަކުން އަރައިގަތުމަށް ތައްޔާރު ވެފައިވާ ވަރު ބެލުމުގެ މަގުޗާޓެއް އެކުލަވައިލުމަށް "މޭކިން ސިޓީން ރެސިލިއެންޓް (އެމްސީއާރު) 2030"ގެ ނަމުގައި ހަރަކާތެއް މިއަދު އިފުތިތާހުކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ކުރިމަތިވާ ކާރިސާތަކުން ލިބިދާނެ ގެއްލުން ދެނެގަތުމަށާއި ކާރިސާތަކުން އަރައިގަތުމަށް ތައްޔާރު ވެފައިވާ ވަރު ބެލުމުގެ މަގުޗާޓެއް އެކުލަވައިލުމަށް "މޭކިން ސިޓީން ރެސިލިއެންޓް (އެމްސީއާރު) 2030"ގެ ނަމުގައި ހަރަކާތެއް މިއަދު އިފުތިތާހުކޮށްފި އެވެ.

އެއީ މާލޭ ސިޓީ ކައުންސިލާއި ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރު (އެންޑީއެމްއޭ) އާ ގުޅިގެން ފެށި މަސައްކަތެކެވެ.

މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އިފުތިތާހުކުރި އެމްސީއާރު 2030 ގެ ދަށުން، ކާރިސާ ތަކުން ލިބޭ ގެއްލުންތަކަށް އިޖާބަދިނުމުގައި ސިޓީތަކުގެ ފެންވަރުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައި، ކާރިސާތަކަށް ތައްޔާރުވުމަށް މިހާރަށް ވުރެ ބޮޑަށް ސަމާލުވުމާއި ރައްކާތެރި ސިޓީއެއް ބިނާކުރުމަށް މަސައްކަތް ކުރާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.

އެންޑީއެމްއޭ އިން ބުނީ ޔޫއެންޑީއާރުގެ އިސްނެގުމުގެ މަތިން ފެށި މި ކެމްޕެއިނުގެ ތެރެއިން ކުރިއަށް އޮތް 10 އަހަރަށް، ރެސިލިއެންސް މަގުޗާޓެއް ނުވަތަ ކާރިސާތަކުން ރައްކާތެރިވުމުގެ މަގު ޗާޓެއް ފަރުމާކޮށްދީ، ސިޓީތަކަށާއި މުނިސިޕަލްޓީތައް ހޭލުންތެރިކުރުމާއި ސްޓްރެޓެޖިކް ޕްލޭނިން އާއި ރެސިލިއެންސް ފިޔަވަޅުތައް ތަންފީ ޒުކުރުމުގެ މަރުހަލާތަކަށް މަގުދައްކައިދައި ދޭނެ ކަމަށެވެ.

މޭކިން ސިޓީން ރެސިލިއެންޓް (އެމްސީއާރު) 2030 އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެންޑީއެމްއޭ

މޭކިން ސިޓީން ރެސިލިއެންޓް (އެމްސީއާރު) 2030 އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެންޑީއެމްއޭ

ކެމްޕެއިނުގެ ތެރެއިން، ކާރިސާތަކުން އަރައިގަތުމަށް މާލޭގައި ހުރި ވަސީލަތްތައް އަދި އެ ކަންކަން ބަލާނެ އޮނިގަނޑަކާއި ޕްލޭނެއް ތައްޔާރުކުރާނެ ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ.

ކެމްޕެއިނު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެންޑީއެމްއޭގެ ސީއީއޯ ހިސާން ހުސައިން ވިދާޅުވީ، މާލެ އަށް ކުރިމަތިވާން ހުރި ގޮންޖެހުންތަކަށް ތައްޔާރުވެ، މުޖުތަމައު ހިމާޔަތް ކުރެވޭނެ ކުރެވޭނެ ކަން ކަށަވަރު ކުރާނެ ކަމަށެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ވެސް ވިދާޅުވީ އެންޑީއެމްއޭއާ ގުޅިގެން މި ފެށި މަސައްކަތަކީ ކާރިސާތަކުން ރައްކާތެރި ވެފައިވާ މާލެއެއް ބިނާކުރުމަށް ވާ ވައުދުގެ ހެއްކެއް ކަމަށާއި ގުޅިގެން ގިނަ މަސައްކަތަކެއް ކުރެވޭނެ ކަމަށެވެ.

މި ކެމްޕެއިނުގެ ދަށުން މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހާ ހަމައަށް އާބަން ހިރާސް ކުޑަކުރުމަށް މާލޭ ސިޓީ ކައުންސިލުގެ މުވައްޒަފުންނާއި ސްޓޭކްހޯލްޑަރުންނަށް ހާއްސަ ކޮށްގެން ވޯކްޝޮޕެއް ކުރިއަށް ގެންދާނެ އެވެ.