Roadha Mihaaru
އެންމެ ބޮޑު މުސާރައެއް ނަގަނީ ދީޕިކާ

މިހާރު އެންމެ ބޮޑު މުސާރައެއް ނަގަނީ ދީޕިކާ

24 ޖުލައި 2024

ބޮލީވުޑްގައި މިހާރު އެންމެ އަގުބޮޑު އެކްޓްރެސް އަކީ ދީޕިކާ ޕަޑުކޯން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގައި މިހާރު އެންމެ އަގުބޮޑު އެކްޓްރެސް އަކީ ދީޕިކާ ޕަޑުކޯން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ "ބޮލީވުޑް ހަންގާމާ" އިން ރިޕޯޓްކުރި ގޮތުގައި، ދީޕިކާ މިހާރު އަންނަނީ އޭނާ ކުޅޭ ކޮންމެ ފިލްމަަކަށް 1-2 މިލިއަން ޑޮލަރުގެ މުސާރައެއް ނަގަމުންނެވެ. މިދިޔަ އަހަރު ވެސް ދީޕިކާ އެވަރުގެ މުސާރައެއް ނެގި އެވެ. އަދި މިދިޔަ މަހު ނެރުނު ދީޕިކާގެ އާ ފިލްމު "ކަލްކީ 2898 އޭޑީ"ގެ ކާމިޔާބީއާ އެކު އޭނާގެ މުސާރަ ކުރިއަށް އޮތް ތަނުގައި އިތުރަށް ބޮޑުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މިދިޔަ އަހަރު ނުކުތް ދީޕިކާ އުޅުނު ދެ ފިލްމު ކަމަށްވާ "ޕަތާން" އާއި "ޖަވާން" އަކީ އެ އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުތަކެވެ. ދީޕިކާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ ނޮވެމްބަރު މަހު އެކެއްގައި ރިލީޒްކުރާ "ސިންގްހަމް އެގެއިން" އެވެ.

ބޮލީވުޑްގައި ދެވަނައަށް އެންމެ ބޮޑު މުސާރައެއް ނަގާ އެކްޓްރެސް އަކީ އާލިއާ ބަޓެވެ. އޭނާ ކުޅޭ ކޮންމެ ފިލްމަކަށް މިހާރު އެއް މިލިއަން ޑޮލަރުގެ މުސާރައެއް ނަގަ އެވެ. އާލިއާ މިފަހުން ކުޅުނު ފިލްމުތައް ކަމަށްވާ "ގަންގޫބާއީ ކަތިއަވާޑީ" އާއި "ޑާލިންސް" އާއި "ބްރަހަމަސްތުރާ" އަދި "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ ވަރަށް ކާމިޔާބު ފިލްމުތަކެވެ.

އާލިއާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަންނަ އޮކްޓޯބަރު މަހުގެ 11 ގައި ރިލީޒްކުރާ ތުރިލާ ފިލްމު "ޖިގްރާ" އާއި ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ" އަދި ވައިއާރުއެފްގެ ސްޕައި ތުރިލާ "އަލްފާ" ހިމެނެ އެވެ.

ދީޕިކާ އާއި އާލިއާ އަށް ފަހު ބޮލީވުޑްގައި ދެން އެންމެ އަގުބޮޑު އެކްޓްރެސް އަކީ ކަރީނާ ކަޕޫރް ހާނެވެ. ކަރީނާ ކުޅޭ ކޮންމެ ފިލްމަކަށް މިހާރު 590،000 - 836،000 ޑޮލަރާ ދެމެދުގެ މުސާރައެއް ނަގަ އެވެ. މި އަހަރު ކަރީނާ ވަނީ ގިނަ ދުވަސްތަކަކަށް ފަހު ވަރަށް ހިޓު ފިލްމެއް ގެނެސްދީފަ އެވެ. އެއީ ކެބިން ކްރޫއިންތަކެއްގެ ދިރިއުޅުމަށް ހެދި "ކްރޫ" އެވެ. މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން ކަރީނާގެ "ޖާނެ ޖާން" އަށް ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ.

ކަރީނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ހިމެނެނީ އަންނަ ސެޕްޓެމްބަރު މަހުގެ 13 ގައި ނެޓްފްލިކްސް އަށް އަންނަ "ދަ ބަކިންހަމް މާޑާސް" އާއި އަންނަ ނޮވެމްބަރު މަހު އެކެއްގައި ރިލީޒްކުރާ "ސިންގްހަމް އެގެއިން" އެވެ.