Roadha Mihaaru
ރަންބީރާއި އާލިއާގެ ކައިވެނި ޑިސެމްބަރުގައި؟

ރަންބީރާއި އާލިއާގެ ކައިވެނި ޑިސެމްބަރުގައި؟

28 އޮކްޓޯބަރ 2021

ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ރަންބީރް ކަޕޫރާއި އާލިއާ ބަޓް އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ކައިވެނި ކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ރަންބީރް ކަޕޫރާއި އާލިއާ ބަޓް އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ކައިވެނި ކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ދެ ތަރިންގެ ކައިވެނީގެ ވާހަކަ ދެކެވޭތާ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވެސް އެ މީހުން ކައިވެނި ކުރާނެ ކަމުގެ އަޑުތައް ވަރަށް ގަދަވި އެވެ. ދާދި ފަހުން މީޑިއާތަކުން ބުނީ މިދިޔަ މަހުގެ 28 ގައި 39 އަހަރު ފުރުނު ރަންބީރްގެ އުފަން ދިމާކޮށް އާއިލާ އިން ޖޯދުޕޫރަށް ކުރި ދަތުރަކީ ވެސް ކައިވެނީގެ ހަފުލާ ބާއްވާނެ ތަނެއް ބެލުމަށް ކުރި ދަތުރެއް ކަމަށެވެ. ރަންބީރްގެ އާއިލާ އިން ކުރި އެ ދަތުރުގައި އާލިއާ ވެސް ބައިވެރިވި އެވެ.

ކުރިން އަޑުތައް އަރާފައިވާ ގޮތުން އިންޑިއާ އިން ބޭރުގައި ޑެސްޓިނޭޝަން ވެޑިންއަކަށް ވެސް ޕްލޭން ކޮށްފައިވެ އެވެ. ރަންބީރާއި އާލިއާގެ ކައިވެނީގެ ވާހަކަ މިހާރު އަނެއްކާ ވެސް މީޑިއާތަކުގައި ގަދަވެފައިވާ އިރު، ގިނަ ނޫސްތަކުން ބުނީ ޑިސެމްބަރު މަހުގެ ތެރޭގައި ކައިވެނި ކުރާތީ ދެ ތަރިންގެ ބިޒީ ޝެޑިއުލް އަންނަ މަހުން ފެށިގެން ހުސްކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އަންނަ މަހުގެ ފަހުކޮޅު ރަންބީރް ޝޫޓިން ފަށަން އޮތް ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ "އެނިމަލް" ގެ ޝޫޓިން ރަންބީރް އެދިގެން މިހާރު ޖެނުއަރީ އަށް ފަސް ކޮށްފައިވާ ކަމަށް މިޑިއާތަކުން ބުންޏެވެ.

އާލިއާ މި ވަގުތު ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ޝޫޓިންގައި އުޅޭ އިރު ވަރަށް އަވަހަށް އޭގެ ޝެޑިއުލްއެއް ނިއު ދިއްލީގައި ކުރިއަށް ގެންދަން ނިންމާފައިވެ އެވެ. އެހެންވެ ނޮވެމްބަރު މަހުގެ ތެރޭގައި އާލިއާ ވެސް މަސައްކަތްތަކުން ބްރޭކެއް ނަގާނެ އެވެ.

ދެ ތަރިން ޑިސެމްބަރުގައި ކައިވެނި ކުރާނެ ކަމަށް ޔަގީނާ ގާތަށް މިހާރު ކަށަވަރު ކަމަށް ބައެއް މީޑިއާތަކުން ބުނާ އިރު، ސީދާ ތާރީހެއް އަދިވެސް ސާފެއް ނުވެ އެވެ. ބައެއް ނޫސްތަކުން ބުނީ އެކަން ރަންބީރް އާއިލާ އިން ވަރަށް އަވަހަށް ރަސްމީކޮށް އިއުލާން ކުރާނެ ކަމަށެވެ.

ކުރީގެ އެކްޓަރު ރިޝީ ކަޕޫރްގެ ދަރިފުޅު ރަންބީރާއި ޑައިރެކްޓަރު/ޕްރޮޑިއުސަރު މަހޭޝް ބަޓްގެ ދަރިފުޅު އާލިއާ ރައްޓެހިވީ 2018 ގަ އެވެ. އެ އަހަރު ދެ މީހުން އެކީގައި މަސައްކަތް ފެށި ފިލްމު "ބުރައްމަސްތުރާ" އަކީ އަދިވެސް ރިލީޒް ނުކުރެވި އޮތް ފިލްމެކެވެ.

ރަންބީރާއި އާލިއާގެ ކައިވެނި ޑިސެމްބަރުގައި ކުރާނެ ކަމަށް ބުނާ އިރު، ރަންބީރްގެ ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކައިފާއި ވިކީ ކޯޝަލް ވެސް އެ މަހު ކައިވެނި ކުރާނެ ކަމުގެ އަޑުތަކެއް އެރި އެވެ. އެކަމަކު އެ ވާހަކައިގައި އެއްވެސް ބުރަދަނެއް ހުރި ކަމަކަށް މިހާތަނަކަށް ނުބެލެވެ އެވެ.

ރަންބީރްގެ ކައިވެނީގެ ވާހަކަ ހުއްޓުމެއް ނެތި ދެކެވޭ އިރު، އޭނާ ކުރިން ލޯބީގެ ގުޅުމެއް ބޭއްވި ބަތަލާ ދީޕިކާ ޕަދްކޯން ވަނީ 2018 ގައި ރަންވީރު ސިންގްއާ ކައިވެނިކޮށްފަ އެވެ.