Roadha Mihaaru
"ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައް ދިޔައީ ދަށަށް"

ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައް ދިޔައީ ދަށަށް: އެމްއެމްއޭ

24 ޖުލައި 2024

މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި ރާއްޖޭގައި ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައް ވެސް ދަށަށް ގޮސްފައިވާ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭގެ ބިޒްނަސް ސާވޭ އިން ދައްކައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި ރާއްޖޭގައި ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައް ވެސް ދަށަށް ގޮސްފައިވާ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭގެ ބިޒްނަސް ސާވޭ އިން ދައްކައިފި އެވެ.

މިދިޔަ މަހުގެ 25 އިން މި މަހުގެ 11 އަށް ކުރިއަށް ގެންދިޔަ މި ސާވޭގައި ޓޫރިޒަމާއި ހޯލްސޭލް/ ރީޓެއިލް ވިޔަފާރި އާއި ޓްރާންސްޕޯޓު އަދި ކޮންސްޓްރަކްޝަން ދާއިރާގެ 118 ވިޔަފާރިތަކުން ބައިވެރިވި އެވެ.

މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި ޓޫރިޒަމާއި ކޮންސްޓްރަކްޝަން ދާއިރާ ދަށަށް ދިއުމާ ގުޅިގެން، އެ ދެ ދާއިރާގެ ވަޒީފާތަކުގައި އުޅޭ މީހުންގެ އަދަދު ވެސް ވަނީ ދަށަށް ގޮސްފަ އެވެ. ނަމަވެސް ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކާއި ދަތުރުފަތުރުގެ ދާއިރާ އާއި ކޮމިއުނިކޭޝަން ސެކްޓަރުގެ ވަޒީފާގެ ފުރުސަތުތައް ވަނީ އިތުރުވެފަ އެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ޓޫރިޒަމް ދާއިރާގައި ކޮޓަރި ވިއްކި އަދަދު ވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. އެއާ އެކު، ޓޫރިޒަމް ދާއިރާގެ އާމްދަނީ ވަނީ 99 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ. ސާވޭގައި ބައިވެރިވި 97 ޕަސެންޓު ފަރާތްތަކުން ވަނީ ރިސޯޓު ބުކިންތައް ވަރަށް ބޮޑަށް ދަށަށް ދިޔަކަން ފާހަގަ ކޮށްފަ އެވެ.

ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުގެ އާމްދަނީ ދަށްވި ކަމަށް ސާވޭ އިން ދެއްކި އިރު، ދެ ވަނަ ކުއާޓަރުގައި ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ ދަށްވެފަ އެވެ. އެކަމަކު، މި މަހުން ފެށިގެން އަނެއްކާ ވެސް ޓޫރިސްޓުންގެ އަދަދު ވަނީ އިތުރުވާން ފަށައިފަ އެވެ.

ސާވޭގައި ބައިވެރިވި ޓޫރިޒަމް ވިޔަފާރިތަކުން ވަނީ މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ވެސް މާ ބޮޑު ކުރިއެރުމެއް އެ ދާއިރާ އަށް ނާންނާނެ ކަމަށް ލަފާކޮށްފަ އެވެ. ނަމަވެސް ކޮންސްޓްރަކްޝަނާއި ހޯލްސޭލް/ރީޓެއިލް ބައެއް ވިޔަފާރިތަކުން ވަނީ ތިން ވަނަ ކުއާޓާގައި ވިޔަފާރިތަކަށް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް ލަފާކޮށްފަ އެވެ.