Roadha Mihaaru
އިގްތިސާދީ ދުވެލި ލަފާކުރި ވަރަށް ވުރެ ދަށް:އެމްއެމްއޭ

މިދިޔަ އަހަރުގެ އިގްތިސާދީ ދުވެލި ލަފާކުރި ވަރަށް ވުރެ ދަށް: އެމްއެމްއޭ

08 މެއި 2024

މިދިޔަ އަހަރު އިގްތިސާދު ކުރިއެރި މިންވަރު ލަފާކުރި އަދަދަށް ވުރެ 4.7 ޕަސެންޓު ދަށަށް ގޮސްފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ އަހަރީ ރިޕޯޓުގައި ހާމަކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ އަހަރު އިގްތިސާދު ކުރިއެރި މިންވަރު ލަފާކުރި އަދަދަށް ވުރެ 4.7 ޕަސެންޓު ދަށަށް ގޮސްފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ އަހަރީ ރިޕޯޓުގައި ހާމަކޮށްފި އެވެ.

އެ ރިޕޯޓުގައި ބުނީ، އިގްތިސާދީ ދުވެލި އަންދާޒާކުރި ވަރަށް ވުރެ ދަށްވީ، ކޮންސްޓްރަކްޝަން ދާއިރާ އާއި ޓޫރިޒަމްގެ ދާއިރާ އިން ލަފާކުރި ވަރުގެ ކުރިއެރުމެއް ނުލިބުމުގެ ސަބަބުން ކަމަށެވެ.

މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއެރީ 8.7 ޕަސެންޓުގަ އެވެ. އަދި އޭގެ ކުރީ އަހަރު ރާއްޖޭގެ އިގްތިސާދު 13.9 ޕަސެންޓަށް ކުރި އެރި އެވެ. އެހެންވެ އެއީ 5.2 ޕަސެންޓުގެ ދަށްވުމެކެވެ.

އެމްއެމްއޭއިން މިގޮތަށް ލަފާކުރި އިރު އައިއެމްއެފްގެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއެރީ 8.1 ޕަސެންޓުގަ އެވެ. އަދި މި އަހަރު އިގްތިސާދު ކުރިއަރާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައިވަނީ 3.3 ޕަސެންޓުގަ އެވެ. މިއީ އެމްއެމްއޭއިން ލަފާކުރާ ވަރަށް ވުރެ 2.2 ޕަސެންޓު އިތުރު އަދަދެކެވެ. މި އަހަރު އިގްތިސާދު ކުރިއަރާނެ ކަމަށް އެމްއެމްއޭއިން ލަފާކުރަނީ 5.5 ޕަސެންޓުގަ އެވެ.

އެމްއެމްއޭ އިން ބުނީ ޓޫރިޒަމް ދާއިރާގެ ކުރިއެރުން ދަށަށް ގޮސްފައިވަނީ ރިސޯޓުތަކުގައި ޓޫރިސްޓުން ހޭދަކުރާ މުއްދަތު ދަށްވުމުގެ ސަބަބުން ކަމަށެވެ. އެގޮތުން ރިސޯޓުތަކުގައި ޓޫރިސްޓުން ހޭދަކުރާ ދުވަހުގެ އަދަދު ވަނީ 8 ދުވަހުން 7.6 ދުވަހަށް ދަށަށް ގޮސްފަ އެވެ. އެއީ ގާތްގަނޑަކަށް ދެ ޕަސެންޓުގެ ދަށްވުމެކެވެ.

ޓޫރިޒަމް ދާއިރާގެ ޖުމްލަ އާމްދަނީ ވެސް ވަނީ ހަ ޕަސެންޓަށް ދަށަށް ގޮސްފަ އެވެ. މިދިޔަ އަހަރު ޓޫރިޒަމް ދާއިރާއިން ޖުމްލަ އާމްދަނީ ނުވަތަ ޓްރެވަލް ރިސިޓު ހުރީ 4.2 ބިލިއަން ޑޮލަރުގަ އެވެ. ޓްރެވަލް ރިސިޓުގެ ގޮތުގައި 2022 ވަނަ އަހަރު ރެކޯޑު ކުރެވިފައިވަނީ 4.5 ބިލިއަން ޑޮލަރެވެ.

އެ އިދާރާއިން ބުނީ މިދިޔަ އަހަރު ޕަބްލިކް އެޑްމިނިސްޓްރޭޝަނާއި، މާލީ ހިދުމަތްތަކާއި، ރިއަލް އެސްޓޭޓްގެ އިތުރުން ކަރަންޓާއި، ފެނާއި، އަދި އަހަރުގެ ތެރޭގައި ކުނި މެނޭޖްކުރުމުގެ ދާއިރާތަކަށް ހީނަރުކަން އައި ނަމަވެސް ކޮންސްޓްރަކްޝަން އަދި މަސްވެރިކަމުގެ ދާއިރާ މިދިޔަ އަހަރު އާދަޔާ ހިލާފަށް ކުރިއަށް ގޮސްފައިވާ ކަމަށެވެ.