Roadha Mihaaru
ސަރުކާރަށް މިކަން ކުރަން ކެރެން އެބަ ޖެހޭ!

ސަރުކާރަށް މިކަން ކުރަން ކެރެން އެބަ ޖެހޭ!

13 ޖޫން 2020

ކޮވިޑް-19ގެ ބަލި ފެތުރުނަ ނުދޭން، އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖެއިން ހިތްވަރު ކުރަމުން އަންނަ އިރު، މި ކަމުން ސަލާމަތްވެގެން ނުވަތަ ސަލާމަތްވުމުގެ މަގުމަތީގައި، އަންނަ ހޯމަދުވަހު އާންމުންނަށް އެ ނުކުމެވެނީ ކުރިން އަހަރެމެން އުޅެމުން އައި އިގުތިސާދުގެ ތެރެއަކަށް ނޫނެވެ: ގައުމު މި އޮތީ ހިތަށް ވެސް ނުގެނެވޭ ފަދަ ދަތި ހާލެއްގަ އެވެ.

މޫސާ ލަތީފް މޫސާ ލަތީފް

ކޮވިޑް-19ގެ ބަލި ފެތުރުނަ ނުދޭން، އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖެއިން ހިތްވަރު ކުރަމުން އަންނަ އިރު، މި ކަމުން ސަލާމަތްވެގެން ނުވަތަ ސަލާމަތްވުމުގެ މަގުމަތީގައި، އަންނަ ހޯމަދުވަހު އާންމުންނަށް އެ ނުކުމެވެނީ ކުރިން އަހަރެމެން އުޅެމުން އައި އިގުތިސާދުގެ ތެރެއަކަށް ނޫނެވެ: ގައުމު މި އޮތީ ހިތަށް ވެސް ނުގެނެވޭ ފަދަ ދަތި ހާލެއްގަ އެވެ.

ހަމައެކަނި މިދިއަ މަހު ދައުލަތަށް ވަން އާމްދަނީއަށް ބަލާލަމާ ހިނގާށެވެ: އެންމެ 206 މިލިއަން ރުފިޔާ އެވެ. މިދިއަ އަހަރުގެ މޭ މަހު އެ ނިސްބަތް ހުރީ އެއް ބިލިއަން ރުފިޔާގަ އެވެ. ކޮރޯނާވައިރަސްއާ އެކު ރާއްޖޭގެ ވެރިރަށުގެ އަދި އިގުތިސާދީ ގޮތުން އެންމެ ވަރުގަދަ ސިޓީގެ އެންމެން ގޭގައި ތިއްބާ ދައުލަތުގެ މުއްސަނދިކަމުން ވެސް އެ އުނިވެގެން ދިޔައީ 80 ޕަސެންޓެވެ.

މިއީ އާދައިގެ ހާލަތެއް ނޫނެވެ. މިހާރު ދައުލަތް ހިންގަމުން އެ އަންނަނީ، ރާއްޖޭގެ ތާރީޚުގައި ވެސް ނުދެކޭ މިންވަރަށް ކުރު މުއްދަތެއްގައި ގިނަ އަދަދެއްގެ ފައިސާ މަރުކަޒީ ބޭންކުން ނަގައިގެންނެވެ. އެގޮތުން މިދިއަ ދެ މަސް ދުވަހު ނެގި ދެ ބިލިއަން ރުފިޔާއަކީ ފައިސާ ޗާޕްކުރުން ކަމަށް ވިޔަސް، ނުވަތަ އެހެން ނަމެއް ކިޔަސް، ތަޖުރިބާކާރުން ބުނަނީ، ނަތީޖާއަކަށް ވާނީ ހަމަ އެކައްޗެއް ކަމަށެވެ: ރުފިޔާގެ އަގު ވެއްޓޭނީ އެވެ. އެކަމުގެ ނުބައި އަސަރުން އަރައިގަންނަން، އިގުތިސާދީ ތަޖުރިބާކާރުން ބުނާ ގޮތުގައި، ސަރުކާރުން ރަނގަޅު އެތައް ކަމެއް، އުނދަގޫ އެތައް ކަމެއް، ކުރިއަށް އޮތް ތަނުގައި، ކުރަން ޖެހޭނެ އެވެ.

ހޯމަދުވަހު އަހަރެމެން މަޑުމަޑުން ގޭބަންދުން ވީއްލި، އަވީގެ ތެރެއަށް ނުކުމެ، މާހައުލުގެ ހިތްހަމަޖެހުން ހޯދަން ފުރުސަތު ލިބޭނެ އެވެ. ކެތްތެރިކަމާ އެކު ދެ މަސް ދުވަސް ގޭގައި ހޭދަކުރުމަކީ، މި ބަލިމަޑުކަމުން މި މިންވަރަށް ވެސް އަރައިގަތުމަށް ސަރުކާރަށް ދިވެހި ރައްޔިތުން ދިން ވަރަށް ބޮޑު އެއްބާރުލުމެކެވެ. ގައުމަށް ވެދިން ގުރުބާނީއެކެވެ. އެކަމަކު އެހާ ހިސާބުން މީގެ ހުރިހާ ނަތީޖާއެއް ލިބި، ހުރިހާ ތަޖުރިބާތަކެއް ކުރެވުނީ ކަމަށް، އެއްވެސް މީހަކު ބަލައިގެންނުވާނެ އެވެ. މިއީ ކުރިއަށް އޮތް އުނދަގޫ ދުވަސްތަކެއްގެ ކޮޅުމައްޗެވެ. އިގުތިސާދު އަލުން ރާވައި، ކުރީގެ އާމްދަނީ ލިބޭނެ ފެންވަރަށް ގައުމު ދުއްވައިގަންނަން ދުވަސް ނަގާނެކަން، ބައެއް ފިހާރަތަކާއި ހޮޓާ/ރެސްޓޯރެންޓް/ކެފޭތަކަށް ނަޒަރު ހުއްޓާލިޔަސް ލަފާކޮށްލެވޭނެ އެވެ.

ކޮވިޑް-19 އަށް ގައުމު ބަންދުނުކޮށް ކުރިއަށް ދެވޭނެ އެއްވެސް ގޮތެއް ސަރުކާރަކަށް ނެތެވެ. އެހެންކަމުން ރާއްޖޭގެ އިގުތިސާދުގެ މައި އިންޖީނު، ޓޫރިޒަމް، ހުއްޓިފައި އޮންނަތާ ތިން މަސް ވީ އެވެ. އެ އިންޖީނު ނިންވާލުމާ އެކު، އެހެން ދާއިރާތަކުގެ ހަރަކާތްތަކަށް ވެސް މަޑުޖެހުން އައިސް، ސަރުކާރުގެ އާމްދަނީއެކޭ އެއްގޮތަށް ހުރިހާ އެންމެންގެ ޖީބަށް ވެސް އޭގެ ނޭދެވޭ އަސަރުކޮށްފި އެވެ. އެންމެ މުއްސަނދި މީހާ އިން ފެށިގެން އެންމެ ނިކަމެތި މީހާ ވެސް އޭގެ ތެރޭގައި ހިމެނިގެންނެވެ.

މިހާރު މި އޮތީ ދެން އޮތް ހަރުފަތަށް ވެސް ކެރިގެން ނުކުންނަން ސަރުކާރަށް ޖެހިފަ އެވެ. ކެރިގެންނޭ މި ދެންނެވީ، ރާއްޖެއަށް މާކެޓް އޮތް ނަމަ އެ އޮތް ދިމާލަކަށް ޓޫރިސްޓުން ގެންނަން ހުއްދަނުދީ މަޑުން ނުތިބުމެވެ. މިއީ ފަސޭހަ ނިންމުމެއް ނޫނެވެ. އެކަމަކު މީގެ ކުރީގެ އެއްވެސް ސަރުކާރަކަށް، އެއްވެސް މަހުޖަނަށް، އެއްވެސް ރިސޯޓަކަށް، އަދި އާންމު ދިވެއްސަކަށް ވެސް މި ނިކަމެތި ހާލަތެއް ކުރިމައްޗެއް ނުވެ އެވެ. އެހެންކަމުން މި ހާލަތުން އަރައިގަތުމުގެ ފިޔަވަޅުތައް ވެސް، އާންމު ހާލަތްތަކާ ތަފާތުވާން ޖެހެ އެވެ. މިދިއަ ޑިސެމްބަރު މަހު ނަމަ، ބައެއް ރިސޯޓްތަކުގެ ވެރިންގެ "ބަސްއަހައިގެން" ސަރުކާރަށް ބައެއް ކަންކަން "ގުރުބާންކޮށްލެވުނީ"ހެވެ. އެކަމަކު މިއީ ޑިސެމްބަރު މަހު އަހަރެމެން ދިރިއުޅުނު ރާއްޖެއެއް ނޫނެވެ. މިހާރު މި އޮތީ "ޑިސެމްބަރު މަހުގެ ރާއްޖެއަށް" ލިބުނު އާމްދަނީގެ ކުޑަ އެތިކޮޅެއް ނަމަވެސް ހޯދޭތޯ ސަލާން ޖަހަން މަޖުބޫރުވެފަ އެވެ.

ލޮކްޑައުންގއަި ޒުވާން އަންހެނަކު ފިހާރައެއްގައި: އިގުތިސާދީ ގޮތުން ރާއްޖެއަށް މިހާރު ވެސް ވަނީ ބޮޑު ވެއްޓުމެއް ކުރިމަތިވެފައި .-- ފޮޓޯ: ނިޝާން އަލީ / މިހާރު

ލޮކްޑައުންގއަި ޒުވާން އަންހެނަކު ފިހާރައެއްގައި: އިގުތިސާދީ ގޮތުން ރާއްޖެއަށް މިހާރު ވެސް ވަނީ ބޮޑު ވެއްޓުމެއް ކުރިމަތިވެފައި .-- ފޮޓޯ: ނިޝާން އަލީ / މިހާރު

ޖުލައި މަހު ރާއްޖޭގެ ބޯޑަރު ހުޅުވަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެކަމަކު ބޯޑަރު ހުޅުވުމަކުން އަދި ނުނިމެ އެވެ. ރާއްޖެއަށް ޓޫރިސްޓުން އެންމެ ގިނައިން އަންނަ ގައުމުތަކުގެ ރައްޔިތުން ވެސް ތިބީ ކޮވިޑް-19 އާ ދުރުވާން ފިޔަވަޅުތައް އަޅައިގެންނެވެ. އެހެންކަމުން ޓޫރިޒަމް ފޯކަސްކުރަން ޖެހިފައި މި އޮތީ ދަތުރުކުރަން ތިބި އާންމުންނަށް ނަޒަރު ހުއްޓާލައިގެންނެއް ނޫނެވެ. ހަމައެކަނި އެ ސަބަބަށް ވިސްނާލިޔަސް އެނގެނީ ހާއްސަ ގޮތް ގޮތުން (އަމިއްލަ ޖެޓްތަކުގައި) އަންނަން ތިބި އަދި ފައިސާ ހުރި ޓޫރިސްޓުންނަށް މި ވަގުތު ވެސް އެ ފުރުސަތު ފަހިކޮށްދޭން ޖެހޭ ކަމެވެ. އެއީ އެންމެ މަތީ ފެންވަރުގެ ރިސޯޓްތަކަށް ސަރުކާރުން ފޭވަކުރުން ކަމަށް، މި ހާލަތުގައި ބެލޭކަށް ނެތެވެ.

މިދިއަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަސް ރާއްޖެ ތަޖުރިބާކުރީ ޓޫރިޒަމްގެ ވަރަށް ބޮޑު ކުރިއެރުމެކެވެ. މޭ މަހު ވެސް ހުރީ އޭގެ ކުރީ އަހަރަށް ވުރެ 10 ޕަސެންޓް (އައި ޓޫރިސްޓުންގެ އަދަދު: 103،022) މަތީގަ އެވެ. އަދި ޖޫން ނިންމީ 21 ޕަސެންޓްގެ ކުރިއެރުމެއް (ޓޫރިސްޓުންގެ އަދަދު: 113،475) ހޯދައިފަ އެވެ. އެކަމަކު މި އަހަރުގެ އެ ދެ މަސް ވެސް އެ ދިޔައީ ގާތްގަނޑަކަށް ސުމަކުންނެވެ. ރާއްޖޭގައި ނުދެވި ތިބި، ނުވަތަ ލޮކްޑައުންއާ އެކު، އަމިއްލަ ގައުމުގެ ހާލަތަށް ވެސް ބަލާފައި، މަޑުކުރެވޭ ފަދަ މަދު މުއްސަނދިންކޮޅެއް ނޫނީ، ރިސޯޓްތަކުގައި ނެތެވެ.

މި ހިތްދަތި ތަޖުރިބާ އިން އަރައިގަތުމަށް ފުރަތަމަ ކުރަން ޖެހޭ މަސައްކަތް ވެސް މި އޮތީ ސަރުކާރުގެ އަތުގަ އެވެ: އަންނަން ތިބި ބަޔަކަށް ވިއްޔާ ވީހާވެސް އަވަހަކަށް ހުޅުވާލަންވީ އެވެ. މިހާރު ހުސްކޮށް އޮތް ދައުލަތުގެ ތިޖޫރިއަށް އެއިން ކޮންމެ ޓޫރިސްޓަކު ވެސް ކޮންމެވެސް އެއްޗެއް ވައްދައިދޭނެ އެވެ. އެ ބަޔަކު ތިބޭ ރިސޯޓްގެ މުވައްޒަފުންގެ ޖީބަށް ކޮންމެވެސް އަސަރެއްކުރާނެ އެވެ. މަތިންދާބޯޓު ޖައްސާ އެއާޕޯޓަށް އާމްދަނީއެއް ވެސް ލިބޭނެ އެވެ.

ރާއްޖޭގެ ރީތި މޫދަކާއި ގޮނޑުދޮށް: މި ހުސްކަން ފިލުވާލައިގެން ނޫނީ ރާއްޖެއަށް އާމްދަނީއެއް ނުލިބޭނެ

ރާއްޖޭގެ ރީތި މޫދަކާއި ގޮނޑުދޮށް: މި ހުސްކަން ފިލުވާލައިގެން ނޫނީ ރާއްޖެއަށް އާމްދަނީއެއް ނުލިބޭނެ

ރާއްޖޭގައި މަތީ ފަންތީގެ ރިސޯޓް ހިންގާ ބައެއް މަހުޖަނުން، އެމީހުންގެ ކުރީގެ އާދަކާދަ ފޫދުއްވާލައި، މީޑިއާތަކަށް އިންޓަވިއު ދެމުން އެ އަންނަނީ ހަމައެކަނި އެމީހުންގެ އަމިއްލަ ފައިދާއަށް އިސްކަންދީގެން ކަން، މި ހާލަތުގައި ބުނެވޭކަށް ނެތެވެ. ގައުމުގެ މި ހުއްޓުމަށް ކިރިޔާ ވެސް ދިރުމެއް އަންނާނީ، އެ މީހުން އެ ބުނާ ގޮތަށް، ކޮންމެވެސް ގޮތަކުން އެ ފުރުސަތު ހުޅުވާލައިގެންނެވެ. އެކަމަކު ސަރުކާރުގެ ޖެހިލުންވުންތަކެއް އެބަ ހުއްޓެވެ. ފުރަތަމަ ފުރުސަތު ދެނީ އަމިއްލަ ޖެޓްތަކުގައި އަންނަ މަތީ ފަންތީގެ ޓޫރިސްޓުންނަށް ކަމަށް "މިހާރު" އަށް އެނގުނު ވާހަކަ އިއްޔެ ލިއުމުން ވެސް، ސަރުކާރުގެ ބައެއް ވެރިންގެ ހިތްހަމަނުޖެހުން އޮތެވެ: އެ ވާހަކަ ދައްކަވަން އެ ބޭފުޅުން އަދިވެސް ބޭނުންނުވަނީ އެވެ.

އެކަމަކު މިއީ މުޅި ޓޫރިޒަމް އިންޑަސްޓްރީގެ ރުހުން ހޯދައިގެން، ޓޫރިޒަމްގެ ހަރަކާތްތައް ފެށެން އޮތް ދުވަހެއް ނޫނެވެ. މިއަދުގެ ހާލަތަށް ހޯދަން ޖެހޭނީ މިއަދުގެ ހައްލެކެވެ. އެއީ އެހެން ބަޔަކަށް ފޭވާކުރުން ކަމަށް އެއްބަޔަކަށް ފެނުނަސް، ހަގީގަތުގައި، އެ ނޫން ގޮތެއް މިއަދަކު ނެތެވެ. އެޕްރީލް މަހު ދައުލަތަށް ގެއްލިފައި އޮތީ، އޭގެ ކުރީ އަހަރުގެ އެޕްރީލް މަހާ އަޅާބަލާއިރު 50 ޕަސެންޓްގެ އާމްދަނީއެކެވެ. މިދިއަ މަހު ގައުމު މި ވެއްޓުނީ 80 ޕަސެންޓްގެ "ފަގީރުވުމަކަށެ"ވެ. އެހެންކަމުން މިހާރު މި އޮތް ހާލަތުގައި އެންމެން ހިތްހަމަޖައްސައިދެވެން ނެތްކަން ސަރުކާރަށް ވެސް އެބަ އެނގެން ޖެހެ އެވެ. އެނގޭނެ އެވެ.

އެއާޕޯޓްތަކާއި ރިސޯޓްތަކުގެ މުވައްޒަފުންނާއި ޓޫރިސްޓުންގެ ރައްކާތެރިކަމަށް، އެޗުޕީއޭ އިން އެކުލަވާލައި އުސޫލުތައް ދަމަހައްޓަމުން، ޓޫރިޒަމް ހުޅުވާލަން ޖެހޭ ވަގުތު ލަސްކުރެވެން ނެތްކަން ޔަގީނެވެ. އެ ހުޅުވާލުމާ ނުލައި، އެހެން ދާއިރާތަކެއް ވެސް ހިނގައެއް ނުގަންނާނެ އެވެ. ރާއްޖޭގެ އިގުތިސާދު މި އޮތީ ޓޫރިޒަމްގެ މުށުތެރޭގަ އެވެ. ދަނޑުވެރިކަމަށް އެނބުރޭށޭ އެއް ބަޔަކު ގޮވިޔަސް، އަދި ކޮންމެ ފަސް މީހަކަށް ބަނބުކެޔޮ ގަހެއް ހައްދަން އަޒުމް ކަނޑައެޅިޔަސް، މި ވަގުތު ވެސް އަދި ދެވެން އޮތީ ޓޫރިސްޓުންގެ ފަހަތުންނެވެ. ސަރުކާރަށް ވެސް ފުރަތަމަ ނާށިގަނޑު ދިއްކޮށްލެވޭނީ އެ މީހުންނާ ދިމާއަށެވެ.