Roadha Mihaaru
ބިދޭސީންގެ މައްސަލާގައި ވަކި މީހަކަށް ބެލުމެއް ނޯންނާނެ

ބިދޭސީންގެ މައްސަލާގައި ވަކި މީހަކަށް ބެލުމެއް ނޯންނާނެ، ފައިސާ ހޯދަން ކޯޓަށް ވެސް ދާނެ: އިހްސާން

25 ޖުލައި 2024

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ފީ ނުދައްކާ ކުންފުނިތައް ހާމަ ކުރުމާއި ފިޔަވަޅު އެޅުމުގައި އެއްވެސް މީހަކު ބެލުމެއް ނެތި ފިޔަވަޅު އަޅުއްވާނެ ކަމަށާއި އަދި އެ މައްސަލާގައި ނުދައްކާ ހުރި ފައިސާ ހޯދަން ކޯޓަށް ވެސް ހުށަހަޅާނެ ކަމަށް ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ފީ ނުދައްކާ ކުންފުނިތައް ހާމަ ކުރުމާއި ފިޔަވަޅު އެޅުމުގައި އެއްވެސް މީހަކު ބެލުމެއް ނެތި ފިޔަވަޅު އަޅުއްވާނެ ކަމަށާއި އަދި އެ މައްސަލާގައި ނުދައްކާ ހުރި ފައިސާ ހޯދަން ކޯޓަށް ވެސް ހުށަހަޅާނެ ކަމަށް ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އޭނާ "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ އަމިއްލަ މަސައްކަތުގައި އުޅުއްވުމަށްފަހު، އެންމެ ބުރަ އެއް މިނިސްޓްރީއާ ހަވާލުވެވަޑައިގެންނެވީ "ގޮނޑީގެ ހޫނުކަން" އެނގިވަޑައިގެން ހުންނަވާ ކަމަށެވެ. އަދި ބޭނުންވަނީ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ކަމަށާއި އެއްވެސް ކަމެއް ނުކޮށް ނުހުންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތްއިރު ވެސް، އެ ދާއިރާގެ ކަންކަން ރަނގަޅުކުރަން އެއްވެސް މީހެއްގެ ނުފޫޒަކަށް ނުބަލާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި އެގޮތަށް އެއްވެސް ބަޔަކު ތަފާތު ނުކޮށް އެކަންކަމުގައި ފިޔަވަޅު އަޅުއްވާނެ ކަމަށް އިހްސާން ވިދާޅުވި އެވެ.

"ގާނޫނު ވާނީ ގާނޫނަށް. އެއީ ކޮންމެ މީހަކު ކަމަށް ވިޔަސް." އިހްސާން ވިދާޅުވި އެވެ.

މިނިސްޓްރީން ރޭ ވަނީ ވޯކް ޕާމިޓާއި ކޯޓާ ފީ ނުދައްކާ ކުންފުނިތައް ރޭ ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި މި ސަރުކާރު ކޯލިޝަންގެ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ނުފޫޒު ގަދަ ބޮޑެތި ވިޔަފާރިވެރިންގެ ކުންފުނިތައް ވެސް ހިމެނެ އެވެ.

ބިދޭސީންގެ ފިންގަޕްރިންޓާއި ފޮޓޯ ނެގުމުގެ ގައުމީ ކެމްޕެއިން، "ކުރަނގި" ފެށުމަށްފަހު، ހިންމަފުށީގައި މަސައްކަތްކުރާ ބިދޭސީންތަކެއްގެ މައުލޫމާތު ނެގުމަށް މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބިދޭސީންގެ ފިންގަޕްރިންޓާއި ފޮޓޯ ނެގުމުގެ ގައުމީ ކެމްޕެއިން، "ކުރަނގި" ފެށުމަށްފަހު، ހިންމަފުށީގައި މަސައްކަތްކުރާ ބިދޭސީންތަކެއްގެ މައުލޫމާތު ނެގުމަށް މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިނިސްޓަރު ވިދާޅުވީ ބިދޭސީންގެ ފީގެ ގޮތުގައި ދައުލަތަށް ފައިސާ ދެއްކުމަށް ކުރިން މުއްދަތެއް ދީ، އެކަން އިއުލާންކުރި ކަމަށެވެ. އަދި ދެވަނަ ފިޔަވަޅެއްގެ ގޮތުން، ލިސްޓު އާންމުކުރީ މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ފުރުސަތު ދިނުމަށްފަހު ކަމަށާއި އަދި އިތުރު ފިޔަވަޅުތައް ވެސް ފަހުން އަޅާނެ ކަމަށް ވިދާޅުވި އެވެ.

އިހްސާން ވިދާޅުވި ގޮތުގައި މިނިސްޓްރީން އާއްމުކުރި ކުންފުނިތަކުގެ ތެރޭގައި ހިއުމަން ޓްރެފިކިންގެ އަމަލުތައް ހިންގާ ކުންފުނިތައް އެބަހުއްޓެވެ. އެހެންވެ، އެ މައްސަލަތައް ވަކިން ތަހުގީގު ކުރަން ޕޮލިހަށް ފޮނުވާނެ ކަމަށް ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ އެންޓި ޓްރެފިކިންގައި އުޅޭ ފަރާތްތަކުގެ އިންޑިކޭޓާއެއް އުޅޭ ކަމަށެވެ. އޭގެ ތެރޭގައި އާދަޔާ ހިލާފަށް ބިދޭސީން ގެއްލިގެން ހުށަހެޅުމާއި ބިދޭސީން ގެނައުމަށްފަހު ފައިސާ ނުދައްކާ ހުރި ކުންފުނިތަކަކީ ހެއްކެކެވެ. އެ އިންޑިކޭޓާތަކަށް ބަލައި މިނިސްޓްރީން އަންނަނީ ވެރިފިކޭޝަން ޕްރޮސެސް ކުރަމުންނެވެ. އެއަށްފަހު، ތަހުގީގުކުރަން ޖެހޭ މައްސަލަތައް ފުލުހަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ރޭ އާއްމުކުރި އިއުލާނުގައިވާ ގޮތުން ވޯކް ޕާމިޓާއި ކޯޓާ ފީ ނުދައްކާ ހުރި 1،026 ފަރާތެއް ހިމެނެ އެވެ. އެ ކުންފުނިތަކުން ފީ އާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ޖުމްލަ 636 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން އެވެ.

ހޯމް މިނިސްޓަރު އިހުސާން މިއަދު "މިހާރު"އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހޯމް މިނިސްޓަރު އިހުސާން މިއަދު "މިހާރު"އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މިނިސްޓަރު ވިދާޅުވީ އޭގެ ތެރޭގައި ސަރުކާރުގެ އެކި ޕްރޮޖެކްޓުތައް ހިންގުމަށްފަހު ސަރުކާރުން ވެސް ފައިސާ ދޭންޖެހޭ ކުންފުނިތައް ހިމެނޭ ކަމަށެވެ. އެހެންވެ، އެ ކުންފުނިތަކާ އެކު ސެޓްލްމަންޓް އެގްރިމެންޓެއް ހަދައި، ފިނޭންސް މިނިސްޓްރީއާ މަޝްވަރާކޮށް، ދެ ފަރާތުން ދައްކަންޖެހޭ ފައިސާއަށް ލުޔެއް ގެނައުމުގެ ފުރުސަތު އޮތް ނަމަ އެކަން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ގަސްތުގައި ފީ ނުދައްކާ އެތައް ކުންފުނިތަކެއް އެބަތިބި ކަމަށް އިހްސާން ވިދާޅުވި އެވެ. އެހެންކަމުން އެ ފަރާތްތަކަށް މިހާރު ދެމުން އަންނަ ހިދުމަތްތައް ކަނޑާލައި، ބިދޭސީންނާ ގުޅޭ އެއްވެސް ހިދުމަތެއް ނުލިބޭ ގޮތަށް ފިޔަވަޅުތައް ހަރުކަށި ކުރާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

"ނެކްސްޓް އޯޑާގައި އިން ބިޒްނަސް ނުވަތަ ނެކްސްޓް އެކްޝަންސްތައް އަޅުގަނޑުމެން ނަގާނަން." އިހުސާން ވިދާޅުވި އެވެ.

"ހަތަރު ވަނަ މަރުހަލާއަކީ [ބިދޭސީންގެ ކަންކަމަށް] ހުއްދަ ނުދިނުމަށްފަހު ކޯޓަށް މައްސަލަތައް ހުށަހެޅުން."