އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން އެ ތަނުގެ މުވައްޒަފުންތަކަކާ ގުޅިގެން މަގާމުގެ ނާޖައިޒު މަންފާ ހޯދި ކަމަށް ބުނާ މައްސަލަގައި ސީސީޓީވީ ފުޓޭޖުތައް ފުލުހުން ލަސްނުކޮށް ފޯރުކޮށްދޭން އިމިގްރޭޝަންގައި އެދުނީ އެ ދެ ތަނާ ހަވާލުވެ ހުންނެވި މިނިސްޓަރުގެ ޒިންމާގެ ދަށުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
03 ޑިސެމްބަރ 2025
އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން އެ ތަނުގެ މުވައްޒަފުންތަކަކާ ގުޅިގެން މަގާމުގެ ނާޖައިޒު މަންފާ ހޯދި ކަމަށް ބުނާ މައްސަލަގައި ސީސީޓީވީ ފުޓޭޖުތައް ފުލުހުން ލަސްނުކޮށް ފޯރުކޮށްދޭން އިމިގްރޭޝަންގައި އެދުނީ އެ ދެ ތަނާ ހަވާލުވެ ހުންނެވި މިނިސްޓަރުގެ ޒިންމާގެ ދަށުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ޝަމްއާނަށް ކުރާ ދައުވާތަކުގެ މިއަދުގެ އަޑުއެހުމުގައި މި މައްސަލަގައި އިމިގްރޭޝަންގެ ސީސީޓީވީ ފުޓޭޖުތައް ފުލުހުންނާ ހަވާލުކުރި އިމިގްރޭޝަންގެ އޮފިސަރު ހެކިބަސް ދެމުން އެ މީހާ ބުނީ ސީސީޓީވީ ފުޓޭޖުތައް ފުލުހުންނާ ހަވާލުކުރަން އޭނާ އަށް އެންގީ އައިސީޓީ ސެކްޝަންގެ އިސް ވެރިޔާ ކަމަށެވެ.
އަދި އޭނާ އަށް އައިސީޓީ ސެކްޝަންގެ ހެޑް، ގުޅުއްވާފައި، ސީސީޓީވީ ފުޓޭޖުތައް ފުލުހުންގެ ތަހުގީގަށް ހަވާލުކުރަން ހޯމް މިނިސްޓަރު އިހުސާން އެދިވަޑައިގެންފައިވާތީ އެކަން ކުރުމަށް އެންގި ކަމަށް ބުންޏެވެ.
އެ ޚަބަރާ އެކު މިނިސްޓަރަށް ކުރިމަތިވި ފާޑުކިޔުންތަކާއި ސުވާލުތަކަށް ރައްދު ދެއްވުމުގެ ގޮތުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެ އިދާރާއާ ހަވާލުވެ ހުރި މިނިސްޓަރުގެ ހައިސިއްޔަތުން ކަންކަން ލަސްވާ ނަމަ އެކަން އަވަސް ކުރަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަކީ ޒިންމާއެއް ކަމަށެވެ.
"އަދި އަޅުގަނޑު ވަޒީރަކަށް ހުރިހާ ދުވަހަކު ވަކި ކަމެއް އިސްތިސްނާ ނުކޮށް މިކަން މިގޮތަށް ކުރިއަށް އޮތް ތަނުގައި ވެސް ކުރާނެ ވާހަކަ ދަންނަވަން،" މިނިސްޓަރު ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ވީޑިއޯ ފްޓޭޖު ފުލުހުން އެދުމުން ފޯރުކޮށްދިނުން ލަސްވާ ނަމަ، އެކަން ކޮށްދިނުމަށް އެންގުމަކީ ގޯހެއް ކަމަށް ދޭހަވާ ގޮތަކަށް ވަކީލުންގެ ވާހަކަ ހުންނަ ކަމަށާއި ސުވާލަކީ އެކަން ނުވެގެން ފުލުހުން އެހީތެރިކަމަކަށް އެދުމުން އެކަން ނުކޮށްދިން ނަމަ ވަކީލު ދެން ބުނާނީ އެއްޗެއް ކަމަށެވެ.
"ގޯސްކަމެއް ހިނގީމަ އެކަން ގޯސް ނުވެ އެކަން ހިނގިތަން ފެންނަ ކެމެރާއާ ފުޓޭޖު ދޭން ބުނި މީހާ ގޯސްވާ ގޮތަށް ވަކީލުން ވާހަކަ ދެއްކުމަކީ ކަންބޮޑުވާ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ފުޓޭޖު ދޭން މިނިސްޓަރު އެދިވަޑައިގެންނެވި ކަމަށް ހެކިވެރިޔާ ބުނުމާ އެކު، ޝަމްއާންގެ ދިފާއީ ވަކީލް ނޫރުއްސަލާމް އަބޫބަކުރު މިއަދުގެ އަޑުއެހުމުގައި ވަނީ އެއީ އެކަމުގައި އޮންނަ ރަސްމީ ޗެނަލްތޯ ސުވާލު ކުރައްވައިފަ އެވެ. ހެކިވެރިޔާ ބުނީ އާންމު ގޮތެއްގައި އެފަދަ މައުލޫމާތު ހޯދަން އަންގަނީ ސީދާ ފުލުހުން ކަމަށާއި ނަމަވެސް ވަގުތާއި ހާލަތުގެ ގޮތުން މިނިސްޓަރު އަދި ފުލުހުންގެ އިސް އޮފިސަރުން އެދިގެން ވެސް ފުޓޭޖް ފޯރުކޮށްދޭ ކަމަށެވެ.
ޝަމްއާން: ޝަމްއާން މައްސަލައިގެ ވީޑިއޯ ފުލުހަށް ދޭން އެދުނީ ޒިންމާގެ ދަށުން ކަމަށް މިނިސްޓަރު ވިދާޅުވި
ދައުލަތުގެ ވަކީލް ވަނީ މިނިސްޓަރުގެ އެންގުމެއް ސީދާ އޮފިސަރަށް ލިބުނުތޯ ސުވާލުކޮށްފަ އެވެ. އޮފިސަރު ކުރިން ވެސް ދިން ޖަވާބު ތަކުރާރުކޮށް އޭނާ ބުނީ މިނިސްޓަރު ސީދާ އޭނާ އަށް ނުގުޅުއްވާ ކަމަށެވެ.
ޝަމްއާންގެ އާއިލާއިން ގެންދަނީ އޭނާ ހައްޔަރުކުރުމުގައި މިނިސްޓަރު އިހުސާން ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތު ކުރަމުންނެވެ. ޝަމްއާން ބަންދުކުރަން ހޯމް މިނިސްޓަރު އިހުސާން މަސައްކަތް ފެއްޓެވީ އިހުސާންގެ "ވީޑިއޯ"އެއް އޮތުމުން ކަމަށް ވެސް އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. ނަމަވެސް އެ ކުރާ ތުހުމަތު ތަކުގެ ތަފްސީލެއް ނުދެ އެވެ.
ނަމަވެސް ޝަމްއާން ހައްޔަރުކޮށްފައިވަނީ އޭނާއާ އޮތް ޒާތީ ކަމެއްގައި ނޫން ކަމަށް އިހުސާން ވަނީ ވިދާޅުވެފަ އެވެ.
މި އަހަރުގެ މާޗު މަހު ޝަމްއާން މަގާމުން ވަކިކޮށް، ހައްޔަރުކުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އެ އިދާރާގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000ރ. ހޯދައިގެން ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރާ މައްސަލާގަ އެވެ.
އެ މައްސަލާގައި ޝަމްއާންގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އާއި ފޭރުމުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ދައުލަތުން ކުރެ އެވެ. އެ މައްސަލާގެ ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުގައި ބަހައްޓަން ކޯޓުން ކުރިން އޮތީ އަމުރު ކޮށްފަ އެވެ.
ވީޑިއޯ ފުލުހަށް ދޭން މިނިސްޓަރު އެދުނު:ހެކި
ޝަމްއާން، ގަވާއިދާހިލާފު ނުވާން އަންގަވާ: ހެކި
އިމިގްރޭޝަންގެ އަލްސަންގެ މައްޗަށް ދެ މަހުގެ ހުކުމެއް
ޝަމްއާނަށް ކުރާ ދައުވާތަކަކީ ސިޔާސީ ފިލްމެއް: ވަކީލް
ޝަމްއާންގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ
ޝަމްއާން ބަންދުކުރި މައްސަލަކުރިއަށް ގެންދަން ނިންމައިފި
ގަވައިދާ ހިލާފު 5،000 ބިދޭސީން ޑީޕޯޓު ކޮށްފި
ބިދޭސީންގެ ފީއިން ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޯދައިފި
ދެ މާރުކޭޓް ރެއިޑްކޮށް ރޭ ވެސް ބިދޭސީން އަތުލައިގަތް!
ޕާސްޕޯޓާއި އައިޑީއަށް މެނުއަލްކޮށް ހުށަހެޅޭގޮތް ހަދަނީ