Roadha Mihaaru
ވޯރާއިންގެ މައްޗަށް ނާސިރު ހޯއްދެވި ކާމިޔާބީ!

ވޯރާއިންގެ މައްޗަށް ނާސިރު ހޯއްދެވި ކާމިޔާބީ: މިނިވަންކަމަށް އެޅި ފުރަތަމަ ފިޔަވަޅު!

26 ޖުލައި 2024

ބޮޑުވަޒީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ކޮޅުނބުގަ އެވެ. ދަނޑިވަޅުގެ ފައިދާ ނަންގަވައި، ރައްޔިތުންގެ މަޖިލީހަށް ހެންވޭރުގެ އެއް މެމްބަރު މާދޫގެ އަލީ އަހުމަދު ބިލެއް ހުށަހެޅުއްވި އެވެ. މާޗު 29، 1957 ވަނަ ދުވަހުގެ ރޭ އޮތް ޖަލްސާގައި އެޖެންޑާކުރި އެ ބިލުގައި އޮތީ އިމްޕޯޓް-އެކްސްޕޯޓް ލައިސަންސް ނެތް ބިދޭސީ ވިޔަފާރިވެރިން ހަ މަސް ދުވަހުގެ ތެރޭ ރާއްޖޭން ފޮނުވާލަން ސަރުކާރަށް ލާޒިމު ކޮށްފަ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ބޮޑުވަޒީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ކޮޅުނބުގަ އެވެ. ދަނޑިވަޅުގެ ފައިދާ ނަންގަވައި، ރައްޔިތުންގެ މަޖިލީހަށް ހެންވޭރުގެ އެއް މެމްބަރު މާދޫގެ އަލީ އަހުމަދު ބިލެއް ހުށަހެޅުއްވި އެވެ. މާޗު 29، 1957 ވަނަ ދުވަހުގެ ރޭ އޮތް ޖަލްސާގައި އެޖެންޑާކުރި އެ ބިލުގައި އޮތީ އިމްޕޯޓް-އެކްސްޕޯޓް ލައިސަންސް ނެތް ބިދޭސީ ވިޔަފާރިވެރިން ހަ މަސް ދުވަހުގެ ތެރޭ ރާއްޖޭން ފޮނުވާލަން ސަރުކާރަށް ލާޒިމު ކޮށްފަ އެވެ.

ބިލު ހުށަހަޅުއްވަމުން އަލީ އަހުމަދު ވިދާޅުވީ ރާއްޖޭގެ ވިޔަފާރީގެ ތިން ބައިކުޅަ ދެބައި ދިވެހިންގެ އަތްމައްޗަށް އަރާފައިވީ ނަމަވެސް ހަރުދަނާ ގޮތެއްގައި ވިޔަފާރީގެ ކަންކަން ކުރިއަށް ގެންދެވޭނީ ސައްތައިން ސައްތަ ދިވެހިންގެ އަތްމައްޗަށް އެކަން އަރައިގެން ކަމަށެވެ.

ބިލު ހުށަހެޅުއްވީ އަލީ އަހުމަދު ކަމަށް ވިޔަސް، އެކަމުގެ ފަހަތުގައި ހުންނެވީ ހެންވޭރުގެ އަނެއް މެމްބަރު ވެލާނާގޭ އިބްރާހީމް ނާސިރުކަން އެންމެންނަށް އެނގެ އެވެ. ބިލުގައި ބިދޭސީ ވިޔަފާރިވެރިންނޭ ބުނެފައި އޮތް ނަމަވެސް އެ ބިލު އަމާޒުވަނީ ރާއްޖޭގެ އިގުތިސާދު ބަނޑުދަށު ލައިގެން ތިބޭތާ އޭރު ގަރުނެއް ކައިރިވެފައިވާ ވޯރާ ވިޔަފާރިވެރިންނަށް ކަން ވެސް އެންމެންނަށް އެނގެ އެވެ.

ޑިސެމްބަރު 16، 1887 ވަނަ އަހަރު އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ރާއްޖެ ދިއުމަށް މެދުވެރިވި އެއް ސަބަބު ކަމުގައިވާ ވޯރާ ވިޔަފާރިވެރިން، ރާއްޖޭން ފައްސާލުމަކީ ނާސިރު ވަރަށް ކުރީއްސުރެ ބޭނުންފުޅުވެފައި ހުންނެވި ކަމެކެވެ. މާލޭގެ ނުފޫޒު ގަދަ ވަރަށް ގިނަ ބަޔަކު ތިބީ ވޯރާއިންގެ އުނގުގަ އެވެ. އެ މީހުން ފޮނުވާ ކޭންތަކުން ބަނޑު ފުރައިގެންނެވެ. އެ މީހުންގެ ދަރަނީގެ ދަންތުރައިގައި ވެސް ޖެހިފަ އެވެ. ނާސިރަކީ ވޯރާ އިން ފޮނުވާ ބޮޑު ދޮލަނގުގެ ކޭންތައް، އަނބުރާ ފޮނުއްވާލެއްވި މަދު ބޭފުޅުންގެ ތެރެއިން އެކެކެވެ.

އަލީ އަހުމަދު ލައްވައި ނާސިރު ހުށަހެޅުއްވި ބިލަކީ އެ މީހުން ރާއްޖޭން ފޮނުވާލަން އޭނާ އެޅުއްވި ފުރަތަމަ ފިޔަވަޅެވެ. އެރޭގެ ޖަލްސާގައި ބަހުސް ކުރައްވަމުން އަލީ އަހުމަދު ދެއްކެވި ވާހަކަތަކަކީ ނާސިރުގެ ހިތްޕުޅުގެ އުދާސްތަކެވެ. ވޯރާއިންނަށް އިޝާރާތް ކުރައްވައި އަލީ އަހުމަދު މެމްބަރުންގެ ކިބައިން އެއްސެވީ ދިވެހިންނަށް ދަތި ހާލެއް، ނިކަމެތި ކަމެއް ޖެހުނު ވަގުތެއްގައި އެބައި މީހުން އެހީއެއްވި ތޯ އެވެ؟

"ރައްޔިތުންގެ އަތުން 6 ރުފިޔާ އަށް މަސް ހަންދަރެއް ނުގަތް ހަނދާނެއް އަޅުގަނޑުމެން ނެތުނީ ބާވަ އެވެ؟ އަޅުގަނޑު ދެނެހުރި ގޮތުގައި އެބައި މީހުންނަށް ރާއްޖޭން ލިބުނު ފައިދާ އެބައި މީހުން ކުރެން އަޅުގަނޑުމެންނަށް ލިބުނު ފައިދާ އަށް ވުރެ ބޮޑެވެ،" އަލީ އަހުމަދު ވިދާޅުވި އެވެ.

ވޯރާ ވިޔަފާރިވެރިންގެ ގްރޫޕެއް.

ވޯރާ ވިޔަފާރިވެރިންގެ ގްރޫޕެއް.

އޭނާ ވިދާޅުވީ ގައުމީ ވިޔަފާރި ކުންފުންޏެއް އުފެދި، އެ ކުންފުންޏަށް ގުދަންތަކާއި ފިހާރަތައް ބޭނުންވެފައިވާ މި ދަނޑިވަޅުގައި ލައިސަންސް ނެތް އެ ވިޔަފާރިވެރިން ރާއްޖޭގައި ބައިތިއްބައިގެން ލިބޭނީ ގެއްލުމެއް ކަމަށާއި މި ކަހަލަ ވަގުތެއްގައި މިފަދަ ފިޔަވަޅެއް ނޭޅިއްޖެ ނަމަ ފަހުން ޖެހޭނީ ހިތާމަކުރަން ކަމަށެވެ.

އެ ބިލަށް ތާއީދުކުރައްވައި ވިޔަފާރިވެރިންގެ މެމްބަރު އައްނަބީލް އިބްރާހީމް ހަސަން ދީދީ ވިދާޅުވީ އޭނާ އަށް ފެނިވަޑައިގަންނަވަނީ އެ ރެއިން އެ ރެއަށް މައްސަލަ ނިންމުމުގެ ބަދަލުގައި ކޮމިޓީއަކަށް ފޮނުވަން ކަމަށެވެ. އެ ހިސާބުން ނާސިރު ތެދުވެވަޑައިގަތެވެ. ވިދާޅުވީ މިއީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން ކަމަށާއި ފެނިވަޑައިގަންނަވަނީ ތަޅަމުން ވީހާ ވެސް އަވަހަކަށް ގޮތެއް ނިންމުމަށް ކަމަށެވެ.

އޭރު އުމުރުފުޅުން 29 އަހަރުގެ ނާސިރު ވިދާޅުވީ، ހަމައެކަނި އިމްޕޯޓް-އެކްސްޕޯޓް ލައިސަންސް ނެތް ވިޔަފާރިވެރިން ފޮނުވާލަން ވީ ނޫން ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ، މިވަގުތު ލައިސަންސް އޮތް މީހުންގެ ތެރެއިން ވެސް ވުޒާރަތުއްތިޖާރާ އިން ކަނޑައަޅާ އަދަދަށް މުދާ އެތެރެނުކުރާ މީހުން ވެސް ފޮނުވާލަންވީ ކަމަށެވެ.

އޭރު ރާއްޖޭގެ ސިޔާސީ އުދަރެހުން އަރަމުން އައި އެ އަލިގަދަ ތަރީގެ މި ބާރުއެޅުއްވުމާ އެކު، ހާޒިރުވެވަޑައިގެން ތިއްބެވި 37 މެމްބަރުންގެ ތެރެއިން 34 މެމްބަރުންގެ ވޯޓާ އެކު ބިލު ފާސްވި އެވެ. އެ ޚަބަރު ލިބިވަޑައިގަތުމާ އެކު، ސިލޯނުގައި ހުންނެވި ބޮޑުވަޒީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ވަގުތުން ރާއްޖެ ވަޑައިގެންނެވި އެވެ.

"ހީވީ މިސާލު ބަހުގައި ބުނާހެން ބަޑިއެއް ޖެހިހެންނެވެ. މައްސަލަ އޭގެ އަނެއްކޮޅަށް އަނބުރާލައްވައި، އެއީ ނުކުރާ ކަމަކަށް ހައްދަވަން އެ މަނިކުފާނު ބޭނުންފުޅުވި އެވެ،" ވޯރާއިން ރާއްޖޭން ފޮނުވާލައްވަން ނާސިރު ކުރެއްވި މަސައްކަތުގައި ކުރިމަތިވި ފުރަތަމަ ގޮންޖެހުމާ ބެހޭގޮތުން ނޮވެލްޓީ އަލީ ހުސެއިން ލިޔުއްވާފައިވެ އެވެ.

ހާރިޖީ ވަޒީރުކަމާއި މަޖިލީހުގެ ހުވަދު އަތޮޅުގެ މެމްބަރުކަން ވެސް ކުރައްވާ އިބްރާހީމް ފާމުލަދޭރި ކިލެގެފާނު، ވޯރާ އިން ހަ މަސް ތެރޭ ފޮނުވާލަން ފާސްކުރި ގާނޫނު، ބާތިލުކުރުމަށް ވަގުތުން ބިލެއް ހުށަހެޅުއްވި އެވެ. އެ ކިލެގެފާނު ވިދާޅުވީ ގާނޫނީ ހަމަތަކުގެ މަތިން އެ ނިންމުން ބާތިލުކުރަން ހުށަހެޅުއްވީ އެއީ ދިވެހި ދައުލަތުގެ ހާރިޖީ ސިޔާސަތަށް ވަރަށް ބޮޑަށް ގެއްލުން ލިބި ބައިނަލްއަގްވާމީ ގޮތުން ދިވެހި ދައުލަތް ވަރަށް މަތީ ދަރަޖަކަށް ބަދުނާމު ވެދާނޭ ކަމަކަށް ވާތީ ކަމަށެވެ.

"އަޅުގަނޑު ބަލާ ގޮތުގައި މި ބިލަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ހެޔޮ ވެސް ނުވާ ފަދަ ބިލެއް،" ބޮޑުވަޒީރު ވިދާޅުވި އެވެ.

ބޮޑުވަޒީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު (ކ) މުހައްމަދު އަމީން ދީދީ (ވ-2) އާ އެކު އިންޑިއާގެ އިސްވެރިޔަކާ އެކު ގްރޫޕް ފޮޓޯއެއްގައި.

ބޮޑުވަޒީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު (ކ) މުހައްމަދު އަމީން ދީދީ (ވ-2) އާ އެކު އިންޑިއާގެ އިސްވެރިޔަކާ އެކު ގްރޫޕް ފޮޓޯއެއްގައި.

އެ މަނިކުފާނު، އެ ގާނޫނު ބަދަލުކުރައްވަން އެހާ ބޮޑަށް މަސައްކަތްޕުޅު ކުރެއްވީ، ކޮޅުނބުގައި ހުންނަވަނިކޮށް ސިލޯނުގައި ތިބި ވޯރާ ޖަމާއަތުގެ ފަރާތުން ވަފުދެއް ގޮސް ދެއްކި ވާހަކަތަކާ ގުޅިގެންނެވެ. ވޯރާއިން، އެ ކިލެގެފާނުގެ އަރިހުގައި އެދުނީ ދިވެހި ދައުލަތުން އެބައިމީހުންގެ ނިކަމެތިކަމުގެ މައްޗަށް، ރަހުމުގެ ލޮލަކުން ބައްލަވައި ދެއްވުމަށެވެ.

"އަޅުގަނޑު އެ ވަފުދަށް ޔަގީންކޮށް ދިނީ ދިވެހި ދައުލަތަކީ ދުވަހަކު ވެސް ބޭރު ބަޔަކަށް އަނިޔާ ނުކުރާނެ ދައުލަތެއް ކަމާއި ވީ ވަރަކުން އަދުލު އިންސާފުގެ މަގުން ކަންތައް ކުރަމުން ގެންދާނެ ކަމަށް،" ވަރަށް ބޮޑަށް ޖަޒުބާތުގައި ޖެހިވަޑައިގެން ހުންނަވައި މަޖިލީހުގައި ބޮޑުވަޒީރު ވިދާޅުވި އެވެ.

ފާމުލަދޭރި ކިލެގެފާނު ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ގެންދަންވީ މަގުތަކުން ގެންދިއުމުގެ މަސްއޫލިއްޔަތު އެޅިފައިވަނީ އެ ކިލެގެފާނުގެ އިސްތަށިފުޅުގައި ކަމަށާއި އެއްވެސް މަޝްވަރާއެއް ކުރެއްވުމަކާ ނުލައި މިބާވަތުގެ އެއްޗެއް ފާސްކުރުމުގެ މާނައަކީ، ދުނިޔޭގެ ހަމައިން ބަލާ ނަމަ އެ ކިލެގެފާނުގެ ހާރިޖީ ސިޔާސަތު ގެންދާ ގޮތް މަޖްލިސް އަށް ގަބޫލު ނުކުރެވުން ކަމަށެވެ.

"އެހެންތަނެއްގައި ނަމަ، ވަގުތުން އަޅުގަނޑަށް ޖެހޭނީ އިސްތިއުފާދޭށެވެ. ނަމަވެސް އަޅުގަނޑު ރާއްޖޭގެ ހާލަތުގެ މައްޗަށް ވިސްނައި ކެތްކުރަމެވެ. މާލެ އައިސް ގާނޫނީ ގޮތުން މި މަސްއަލައިގެން ތެދުވީ އެހެންވެ އެވެ،"

އެ ކިލެގެފާނު ވިދާޅުވީ ކުޑަކޮށް ވެސް މެމްބަރުން ވިސްނާލެއްވި ނަމަ، މިއީ ވަގުތުން ތެޅިފޮޅިގެން ފާސްކުރަންވީ މައްސަލައެއް ނޫން ކަން އެނގޭނެ ކަމަށެވެ. ކެތްތެރިކަން އިސްކުރެއްވި ނަމަ މަޑުމަޑުން ވޯރާ އިން ރާއްޖެ ދޫކޮށް ދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އެއާ ހިލާފަށް ހެޓިލަރު ޖަރުމަން ވިލާތުން ޔަހޫދީން ނެރެލިހެން، (ވޯރާ އިން ރާއްޖޭން) ބޭރުކޮށްލުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ހަޑި ކަމެކެވެ. ކަމަކީ އިނގިރޭސި ދައުލަތާއި އިންޑިއާގެ ދައުލަތުން ވެސް އަޅުގަނޑާ ސުވާލު ކޮށްފާނެ ކަމެކެވެ. ނަމަވެސް ބޭރުގެ ދައުލަތްތަކުގައި އަޅުގަނޑުގެ މައްޗަށް ލިބިފައިވާ މަގާމެއްގެ ގޮތުން އެ ފަރާތުން އަޅުގަނޑާ ސުވާލެއް ނުކުރީ އެވެ،"

ވޯރާއިންގެ ފިހާރަތަކެއް.ލ=

ވޯރާއިންގެ ފިހާރަތަކެއް.ލ=

ނަވާރަ ވަނަ ގަރުނުގެ މެދުތެރޭގައި، މޫސުން މޫސުމަށް ރާއްޖެ އައިސް ވިޔަފާރިކޮށް އުޅުނު އިންޑިއާގެ ގުޖުރާތަށް ނިސްބަތްވާ ޝިޔައީ މަޒުހަބުގެ ވޯރާއިން ރާއްޖޭގައި ދާއިމަށް ތިބުމުގެ ހުއްދަ އޭރުގެ ރަދުން މުސްކުޅި ބަންޑާރައިން އެ ގަރުނުގެ ފަހުކޮޅު ދެއްވީ ބޮޑުވަޒީރު ކަކާގޭ އަލީ ރަންބަނޑޭރިކިލެގެފާނުގެ ބާރު އެޅުއްވުމުގެ ސަބަބުންނެވެ. އަލީ ރަންނަބަނޑޭރި ކިލެގެފާނުގެ ބޭނުންފުޅަކީ، އޭރު ރާއްޖޭގެ އެންމެ ބޮޑު މަހުޖަނު ގަލޮޅުގޭ، ފަހުން އަތިރީގޭ އަލީ ދޮށިމޭނާ ކިލެގެފާނުގެ މުއްސަނދިކަން ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ނައްތާލުމެވެ. އެކަމާ ހިތްޕުޅުހަމަނުޖެހިވަޑައިގެން އަލީ ދޮށިމޭނާ ކިލެގެފާނު ސިލޯނުގެ ގާލީ އަށް ހިޖުރަ ކުރައްވައި އެ ތަނުގައި ވިޔަފާރި ކުރައްވަވަން ފެށްޓެވީ އެވެ.

ފަހުން އެ ކިލެގެފާނުގެ ދަރިކަލުން އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ރާއްޖެ ވަޑައިގެން، އަލުން ސިޔާސީ ބާރުވެރިކަން ހޯއްދެއްވުމަށް ކުރެއްވި ކަންކަމުގެ ތެރޭގައި މާލޭގައި ބޮޑުހުޅު ޖަހަން ފެށި އެވެ. މި ހައިޖާނުގެ ތެރޭގައި ވޯރާއިންގެ ފިހާރަތައް އަނދައި، އޭގެ ތެރެއިން ދެ ވިޔަފާރިވެރިއެއް ގައިގައި ވަޅި އެޅި އެވެ. އޭރު އިންޑިއާގައި އޮތީ އިނގިރޭސިންގެ ވެރިކަން ކަމުން ވޯރާއިންނަކީ އިނގިރޭސި ރައްޔިތުންނެވެ.

އެހެންވެ ވޯރާ އިންނަށް ލިބެމުންދާ ގެއްލުން ތަހުގީގުކުރަން ކަމަށް ބުނެ އިނގިރޭސިން ރާއްޖެ އަށް މަނަވަރެއް ފޮނުވި އެވެ. އޭގެ ކުރީން ވެސް، ބޯޓު ދެލި އިސްޓޭޝަނެއް ހެދުމަށް ހުށަހެޅުމަށާއި އީސްޓް އިންޑިއާ ކުންފުނީގެ ދަތުރުތަކުގައި ރާއްޖޭގެ ކަނޑުފަޅު ބޭނުންކުރުމަށްޓަކައި ރާއްޖޭގެ ޗާޓު ކުރެހުމަށް ރާއްޖެ އައި އައުމުގައި، މި ރާއްޖެ އަށް ދަހިވެތި ކަޅިއެއް ދީފައި އޮތް އިނގިރޭސިން ދަނޑިވަޅުގެ ބޭނުން ހިފައި، ރާއްޖެ އެ ގައުމުގެ ހިމާޔަތުގެ ދަށަށް ގެނައީ އެވެ.

ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، ހއ. ކެލާ އާއި ސ. ގަމުގައި އަސްކަރީ މަރުކަޒު ހެދުމާއި އޭގެ ފަހުން ގަން މިލްލުކުރުމުގެ ބޭނުމުގައި ދެކުނުގެ ބޮޑުންގެ ބޮލަށް އެރި، ވަކި ދައުލަތެއް ހަދަން ބާރު އެޅުން ފިޔަވައި އިނގިރޭސިން ރާއްޖޭގެ އެތެރޭގެ ކަމެއްގައި މާބޮޑަކަށް ނުބެހެ އެވެ. ނަމަވެސް ވޯރާ އިން ތިބީ ރާއްޖޭގެ މުޅި އިގުތިސާދަށް މޫލައިގެން ކަމުން، އެ ބައި މީހުންގެ ސަބަބުން ރާއްޖެ އަށް ދިޔައީ ފެށުނީއްސުރެ ދަތިތަކާ ކުރިމަތިވަމުންނެވެ.

އެ މީހުން ރާއްޖޭން ފޮނުވާލަން އޭގެ ފަހުން އައި ވެރިކަންތަކުގައި، އަބްދުލްމަޖީދު ރަންބަނޑޭރިކިލެގެފާނާއި މުހައްމަދު އަމީން ދީދީ މަސައްކަތްތަކެއް ކުރެއްވި އެވެ. ރާއްޖޭގެ އަމިއްލަ ނޫޓެއް ހެދުމާއި ގައުމީ ކުންފުނި އުފެއްދުމުގެ ބޭނުމަކީ އެއީ އެވެ. ނަމަވެސް އެބައި މީހުން ރާއްޖޭން ފޮނުވައިލުމުގައި ކާމިޔާބެއް އޮތީ ނުހޯދިފަ އެވެ.

އެންމެ ފަހުން އާރުލާ ގޮތެއްގައި އެކަމާ ކުރިމަތިލެއްވީ ނާސިރެވެ. ނަމަވެސް، އެ މަނިކުފާނަށް ހުރަހަކަށް ވީ ބޮޑުވަޒީރެވެ. އަލީ އަހުމަދުގެ ބިލު ބާތިލްކުރައްވަން ބޮޑުވަޒީރު މަޖިލީހަށް ހުށަހެޅުއްވުމުން، ކުރިން އެކަމާ އެއްކޮޅަށް ތިބި ގިނަ ބަޔަކު ކޮޅު ބަދަލު ކޮށްލެއްވި އެވެ.

އެ ރޭގެ ޖަލްސާގައި ބޮޑުވަޒީރަށް ތާއީދުކުރައްވައި އަހުމަދު ކާމިލް ދީދީ ވިދާޅުވީ، މިފަދަ ނިންމުމެއް ނިންމާއިރު ބޮޑުވަޒީރުގެ ލަފާ ހޯދަން ޖެހޭ ކަމަށާއި ގާނޫނުގެ ބިނާއަކީ މަޝްވަރާ ކަމަށެވެ.

"ކަމަކީ ކިތަންމެ ހެޔޮ ނިޔަތެއްގައި ކުރި ކަމެއް ނަމަވެސް ނުކުންނަން އުޅެނީ ނުބައި ނަތީޖާއެއް،" ކާމިލް ދީދީ ވިދާޅުވި އެވެ.

އިބްރާހީމް ޝިހާބު ވިދާޅުވީ، ކުރިން އަނެއް ކޮޅަށް ވޯޓު ދެއްވުމަށް ފަހު އަނެއްކާ އެގޮތް ބަދަލުކުރައްވަން ލަދުފުޅު ގަންނަ ކަމަށާއި އެހެންވެ އޭނާގެ ހުށަހެޅުއްވުމަކީ، ރާއްޖޭގެ ހާރިޖީ ސިޔާސަތަކާ ހިލާފަށް ގާނޫނެއް އޮތް ނަމަ އެކަން ބަދަލުކުރަން ދެން އަންނަ ދައުރަކަށް ފޮނުވުން ކަމަށެވެ.

އިބްރާހިމް ނާސިރު މިނިވަންކަމުގެ އެއްބަސްވުމުގައި އިނގިރޭސީންނާ އެކު ސޮއިކުރައްވަނީ.

އިބްރާހިމް ނާސިރު މިނިވަންކަމުގެ އެއްބަސްވުމުގައި އިނގިރޭސީންނާ އެކު ސޮއިކުރައްވަނީ.

ނަމަވެސް ބޮޑުވަޒީރު ވިދާޅުވީ އެއްވެސް ގައުމެއްގައި ހާރިޖީ ސިޔާސަތަކީ ގާނޫނެއްގެ މައްޗަށް ބިނާވެފައި އޮތް އެއްޗެއް ނޫން ކަމަށާއި އެއީ އެ މަސްއޫލިއްޔަތު އުފުލާން ހުންނަ މީހަކު އެ ދައުލަތަކަށް އެންމެ މަސްލަހަތު ބޮޑުވާނެ ގޮތަކަށް ރާއްވަވާ ކަމަށެވެ. ދެން އެ ކިލެގެފާނު ދެއްވީ އިންޒާރެކެވެ. ވިދާޅުވީ ގާނޫނު ބާތިލުކުރަން މަޖިލީހަށް ނުފެންނަ ނަމަ ދެން ކަންތައް ކުރައްވާނެ ގޮތް އެނގިވަޑައިގަންނަވާނީ އެ ކިލެގެފާނަށް ކަމަށެވެ.

އެ ވާހަކައަށް ރައްދު ދެއްވައި ޝިހާބު ވިދާޅުވީ ރާއްޖެ ބައިނަލްއަގްވާމީ ސަފަށް ވަންނައިރު، މިތަނުގައި ބިދޭސީންނާ މެދު އެއްވެސް ގަވާއިދެއް ނެތުމަކީ ދެރަ ކަމެއް ކަމަށެވެ. ދުނިޔޭގެ އެހެން ތަނަކަށް މީހަކު ދާއިރު، އެ މީހަކު އެ ތަނުގައި ހުންނާނެ މުއްދަތާއި ފައިސާ ގެންދިޔަ ވަރަކާއި ބޭނުންކުރާ އަދަދާއި މި ހުރިހާ ކަމެއް އޮޅުންފިލުވަން ޖެހޭ ކަމަށާއި ވީ އިރު އަޅުގަނޑުމެން ވެސް ބިދޭސީންނާ މެދު އެ ކަހަލަ ގަވާއިދެއް ނުހަދާ ކަމުނުދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެހެންކަމުން އެ އިއުލާނުގެ މުއްދަތު އެ އަހަރުގެ ޖުލައި 31 އަށް ހަމަވުމުން ޖެހިގެން އައި އޮގަސްޓް 1 ގައި ނެރުއްވި އިއުލާނުގައި އޮތީ މުދާ އެކްސްޕޯޓްކުރުމުގެ ގަވާއިދަށް ގެނައި ބަދަލާ އެއްގޮތަށް ވޯރާއިން މަސައްކަތް ނުކުރުމުގެ ސަބަބުން މިއަދުން ފެށިގެން އިމްޕޯޓް މުދާ ވިއްކުމުގެ ހުއްދަ އެ މީހުންނަށް ބާތިލްވީ ކަމަށެވެ.

ނަމަވެސް، ބޮޑުވަޒީރު އިސްތިއުފާ ދެއްވަފާނެ ކަމުގެ ބިރަށް ގިނަ މެމްބަރުން ވޯޓު ދެއްވީ، ކުރީގެ ނިންމުން ބަދަލުކުރާށެވެ. ނާސިރު އިތުރު ވާހަކަފުޅެއް ނުދައްކަވައި ހަތިޔާރު ބެހެއްޓެވީ އެވެ. ނަމަވެސް، އަޑިއަޑިން އެހެން ރޭއްވެވުމެއް ރޭއްވެވި އެވެ.

އޭރު ބޮޑުވަޒީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ވަނީ އިނގިރޭސިންނަށް ގަން 100 އަހަރަށް ކުއްޔަށް ދެއްވުމަށް ރަމްޒީކޮށް ސޮއިކުރައްވައިފަ އެވެ. އިނގިރޭސީންގެ ކިބައިން ވާނެ ފައިދާތަކާއި ދިވެހި ދައުލަތް ފަދަ އާރާއި ބާރު ނެތް ކުޑަކުޑަ ދައުލަތެއްގެ ސަލާމަތްކަން ބޮޑީ އިނގިރޭސިން ފަދަ ބޮޑު ދައުލަތެއްގެ ރުހުމާއި ހިނިތުންވުން ހޯދައިގެން ކަމަށް ދެކެވަޑައިގެންނެވެ.

ނާސިރު އިސްވެ ހުންނަވައި އެކަމާ ދެކޮޅަށް ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރެއްވި އެވެ. މަޖިލީހަށް ވެސް އެ މައްސަލަ ހުށަހެޅުއްވި އެވެ. އެހެން ގޮތްގޮތުން ވެސް ބޮޑުވަޒީރަށް ޕްރެޝަރު ކުރެއްވި އެވެ. އެންމެ ފަހުން ބޮޑުވަޒީރު އިސްތިއުފާ ދެއްވީ އެވެ. ނަތީޖާއަކަށްވީ، ގިނަ ބައެއްގެ ރުހުމާ އެކު، ނާސިރަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތުމެވެ. އެކަންވީ، ވޯރާ އިން ފޮނުވާލަން ނާސިރަށް ލިބިވަޑައިގެންނެވި ރަނުގެ ފުރުސަތަކަށެވެ.

ނަމަވެސް މި ފަހަރު މަޖިލީހަށް މައްސަލައެއް ނުވައްދަވަ އެވެ. ނެރުއްވީ އިއުލާނެކެވެ. އޭގައި އޮތީ މޭ 1، 1962 އިން ފެށިގެން ވޯރާ އިންނަށް ރާއްޖޭން އެކްސްޕޯޓް ކުރެވޭނީ އެ މީހުން އަމިއްލަ އަށް އުފައްދާ ތަކެތި ކަމަށާއި އެކްސްޕޯޓް މުދާ ދިވެހީންގެ އަތުން ގަނެގެން ބޭރުކުރުމަކީ މަނާކަމެއް ކަމަށެވެ. ކަން ދިމާކުރި ގޮތުން ބޮޑުވަޒީރު ނާސިރުގެ ފަރާތްޕުޅުން އެ އިއުލާނުގައި ސޮއިކުރެއްވީ، ވޯރާ އިން ބޭރުކުރަން ނާސިރުގެ ފަރާތްޕުޅުން ބިލު ވެސް ހުށަހެޅުއްވި އަލީ އަހުމަދެވެ.

އޭގެ ކުރިން، ވޯރާ އިން ރާއްޖޭގައި އެއްވެސް ވަރެެއްގެ ކެޕިޓަލް އިންވެސްޓްމަންޓެއް ކޮށްފައި އޮތްތޯ ކޮލިގޭ އުމަރު މަނިކާއި މީރުބަހުރު މުހައްމަދު އިސްމާއީލް ދީދީ އާއި ޝަބްނަމް އިބްރާހިމް ދީދީ އާއި އަހުމަދު ހިލްމީ ދީދީ އާއި އިބްރާހީމް ޝިހާބާއި ދިއްދޫ އިބްރާހީމް ކަލޭފާނާއި އަބްދުލްހަކީމް ހުސެއިން މަނިކު ހިމެނިވަޑައިގެންނެވި ކޮމިޓީއަކުން ބެއްލެވި އެވެ.

އެ ކޮމިޓީން ނިންމީ ވޯރާއިން އެއްވެސް ކެޕިޓަލެއް ނޯންނާނެ ކަމަށާއި ސަބަބަކީ އަހަރު ދުވަހުގެ ތެރޭގައި އިމްޕޯޓް ކުރުމަށް އޭރު ހަމަޖައްސާފައި އޮތް އުސޫލާ އެއްގޮތަށް އެ މީހުންނަށް އެކަން ނުކުރެވި އޮތުމުން، ސަރުކާރަށް އެ މީހުން ދައްކަން ޖެހޭ އަދަދު މާ ބޮޑުވާނެތީވެ އެވެ. އޭރު ސަރުކާރުން އޮތީ ވޯރާއިންނަށް ދޭން ޖެހޭ ހުރިހާ ދަރަންޏެއް ވެސް ހަލާސް ކޮށްފަ އެވެ.

އެހެންކަމުން އެ އިއުލާނުގެ މުއްދަތު އެ އަހަރުގެ ޖުލައި 31 އަށް ހަމަވުމުން ޖެހިގެން އައި އޮގަސްޓް 1 ގައި ނެރުއްވި އިއުލާނުގައި އޮތީ މުދާ އެކްސްޕޯޓް ކުރުމުގެ ގަވާއިދަށް ގެނައި ބަދަލާ އެއްގޮތަށް ވޯރާއިން މަސައްކަތް ނުކުރުމުގެ ސަބަބުން މިއަދުން ފެށިގެން އިމްޕޯޓް މުދާ ވިއްކުމުގެ ހުއްދަ އެ މީހުންނަށް ބާތިލްވީ ކަމަށެވެ. އަދި އެކްސްޕޯޓް މުދާ އުފައްދަން އެއްވެސް މީހަކު މަސައްކަތް ނުކުރާތީ މުއްދަތު އިތުރުކުރުމުގެ ހައްގެއް ނެތް ކަމަށާއި އެއާ އެކު، ރާއްޖޭގައި ވޯރާ އިންނަށް އެއްގޮތަކަށް ވެސް ވިޔަފާރިކުރުން މަނާވީ ކަމަށެވެ.

އެ ހިސާބުން ވޯރާ އިން ރާއްޖެ ދޫކޮށް ދިޔަ އެވެ. ރާއްޖެ އަށް އިގްތިސާދީ މިނިވަންކަން ލިބުނީ އެވެ. ނާސިރު ދެން ފެށްޓެވީ ސިޔާސީ މިނިވަންކަން ހޯއްދަވައި ދެއްވުމުގެ މަސައްކަތެވެ. ސިލޯނުގައި ހުންނެވި ދިވެހި ސަފީރު އަބްދުއްސައްތާރު މޫސާ ދީދީ މެދުވެރި ކުރައްވަވައި ފެށްޓެވި މަޝްވަރާތައް ކާމިޔާބު ކުރައްވައި، އޭގެ ތިން އަހަރު ފަހުން ޖުލައި 26، 1965 ގައި ކޮޅުނބުގައި، އިނގިރޭސިންނާ އެކު ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވި އެވެ.

މައުލޫމާތު: ދިވެހި ޑައިޖެސްޓް، ރައްޔިތުންގެ މަޖިލީހުގެ ޔައުމިއްޔާ، "ދަރިއެއްގެ ޝުކުރު" – މުހައްމަދު އަމީން ދީދީ، އިބްރާހީމް ޝިހާބުގެ ލިޔުއްވުންތައް.